ބާތޮލިން ސިސްޓުގެ ލަދާއި ތަދާއި ވޭނުގައި އަންހެނުން

ބާތޮލިން ސިސްޓުގެ ލަދާއި ތަދާއި ވޭނުގައި އަންހެނުން

"ބާތޮލިން" ސިސްޓު ދުޅަވާތީ އެކަމުގެ ވޭނުގައި އައިޝަތު އަޒްފާ 35 (އަސްލު ނަމެއް ނޫން)، އުޅޭތާ މިހާރު ދެ އަހަރު ވަނީ އެވެ. ދުވަސްކޮޅު ކޮޅުން ދުޅަ އާއި ތަދު ބޮޑުވެ، ތަނެއްގައި ރަނގަޅަށް އިށީންނަން އުނދަގޫވާ ވަރަށް އޭނާގެ ހާލަތު ގޯސްވެ އެވެ. ސިސްޓު ދުޅަވެ، ބޮޑުވެފައި ހުންނަ ދުވަސްތަކުގައި އަޅާ ވޭނާ ހެދި ނިދަން ވެސް އުނދަގޫވެ އެވެ. ކުރިމަތި ފަރާތު ދޮރު ކައިރިން ކަނާތު އުކުޅުވަޅާ ކައިރިއަށް، ބޭރަށް ދުޅަ ބޮޑުވާ ގޮތަށް އެތެރެއިން ނަގާ ބިއްސެއް ޒާތަކަށް ހުންނަ "ބާތޮލިން" ސިސްޓު އަޒްފާގެ އުފާތަކަށް ހުރަސް އަޅަ އެވެ. ވޭނުގައި އޭނާ ތަޅުވަ އެވެ.

"ފާހާނަ ކޮށްގެން ދޮވެ ހަދާއިރު އެތެރެއިން ވަރަށް ކުޑަ ތަންކޮޅެއް ބިއްސެއް ގޮތަށް ހަރުކޮށް އިންނާތީ ފުރަތަމަ ފާހަގަވާން ފެށީ. އޭރު ތަދެއް ނުވޭ. އެތަންކޮޅު އެހެން ހުރެ، ގާތްގަނޑަކަށް ދެ ސެންޓިމީޓަރުގެ ކުޑަ ބޮތްކެއް ހެން ދުޅަވީ. އެހެން ހުރެފައި ހަތަރު ވަރަކަށް މަސް ފަހުން ކުއްލިއަކަށް ތަދުވާން ފެށީ،"

އަޒްފާ އަށް އޭރު "ބާތޮލިން" ސިސްޓަކީ ކޯއްޗެއް ކަމެއް ނޭނގެ އެވެ. ދިމާވެގެން އުޅޭ މައްސަލަ އަށް ޑޮކްޓަރު ނަމެއް ދިނުމުގެ ކުރިން އެކަހަލަ އުނދަގުލެއްގެ ވާހަކައެއް ރައްޓެއްސެއްގެ ފަރާތުން ވެސް އޭނާ އަޑެއް ނާހަ އެވެ.

Advertisement

"ބާތޮލިން ސިސްޓް" އަކީ ކޮބާ؟

ބާތޮލިން ސިސްޓް ނުވަތަ "ވަލްވާ ސިސްޓް" އަކީ އަންހެނާގެ ކުރިމަތި ފަރާތުގެ ދެ ފަރާތުން ކުރެ ފަރާތެއްގައި ދޮރު ނުވަތަ "ވެޖައިނަލް އޮޕެނިން" ކައިރިން ބޭރަށް ދުޅަ އެނގޭ ގޮތަށް އެތެރެއިން އުފުލޭ ސިސްޓެކެވެ. "ބާތޮލިން" ސިސްޓަށް އެ ނަން އައިސްފައި ވަނީ އަންހެނުންގެ ކުރިމަރިފަރާތުގެ ދެ އަރިމަތީގައި ހުންނަ "ބާތޮލިން ގްލޭންޑް" އިންނެވެ. މި ގްލޭންޑްގެ ބޭނުމަކީ ކުރިމަތިފަރާތަށް ތެތްކަން ގެންނަ "މިއުކަސް" ނުވަތަ ދިޔާ މާއްދާ އުފެއްދުމެވެ. މިއީ "ވަލްވާ" ގެ ބައެކެވެ.

"ބާތޮލިން ސިސްޓު" އުފެދެނީ، މި ގްލޭންޑުގެ ދޮރު ނުވަތަ "އޮޕެނިން" ކޮންމެވެސް ސަބަބަކާ ހެދި ބަންދުވެ ނުވަތަ ބެދުމުގެ ސަބަބުން ގްލޭންޑުގައި ހުންނަ ދިޔާ މާއްދާ ބޭރުނުވެ، އެތެރޭގައި ޖަމާވެ، ލަމްޕެއް ގޮތަށް އުފެދެން މެދުވެރިވެގެންނެވެ. އާންމުކޮށް މި މައްސަލަ ޖެހި، ލަމްޕް އުފެދޭނީ ދެފަރާތުން ކުރެ ކޮންމެވެސް އެއް ފަރާތެއްގަ އެވެ. ބައެއް ބާތޮލިން ސިސްޓު ވަރަށް ކުޑަ ވާނެ އެވެެ. އެއްވެސް ތަދެއް ނުހުންނާނެ އެވެ. ބާތޮލިން ސިސްޓުގައި ބެކްޓީރިއާ އުފެދި އިންފެކްޓު ވެއްޖެނަމަ އެތެރޭގައި ހުންނަ ދިޔާ މާއްދާ ދޮސް ފަދަ މާއްދާ އަކަށް ބަދަލުވެ އެވެ. މިގޮތަށް އިންފެކްޓު ވެއްޖެނަމަ، ބާތޮލިން ސިސްޓަކީ ބޮޑު ވޭނަކަށް ވެ އެވެ. އަދި ޑޮކްޓަރީ ފަރުވާ އަށް ބޭނުންވެ އެވެ.

މިއީ އެކި އުމުރުގެ އަންހެނުންނަށް ގިނައިން ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް މެދު އުމުރުގެ އަންހެނުންނަށް މި މައްސަލަ ދިމާވާލެއް ގިނަ އެވެ.

އަލާމާތްތަކާއި ފަރުވާކުރުން

"ފުރަތަމަ ތަދުވާން ފެށި އިރު ހުރީ ޕީރިއަޑް ވެފައި. އެހެންވެ ޕީރިއަޑް ރަނގަޅު ވަންދެން މަޑުކުރަން ޖެހުނީ. އޭރު ތަދުވާ ވަރުން ނުވެސް ނިދޭ، އިށީނދެވޭ. ޕީރިއަޑް ރަނގަޅުވުމުން ޑޮކްޓަރު ބަލާފައި ބުނީ ވަރަށް ބޮޑަށް އިންފެކްޓް ވެފަ ހުރިކަމަށް. ދެން ބެލީ ގްލޭންޑް ނެގޭނެ ޗާންސެއް އޮތްތޯ. އެކަމަކު ވަރަށް ބޮޑަށް ދުޅަވެފަ ދޮސް އަރާފަ ހުރީމަ ގްލޭންޑް ނުނެގޭނެ ކަމަށް ބުނީ. ޑޮކްޓަރު ކިޔައިދިން ގޮތުން ވަގުތީ ފަރުވާއެއް ހޯދާނަމަ ޖެހޭނީ ސިސްޓު ފަޅާލާފަ އެތެރެއަށް ދޮސް ނުވަތަ ދިޔާ ތަކެތި ޖަމާނުވާނެ ގޮތަށް އެތަން ފަޅާލާފަ، ހުޅުވާލާފައި ބައިންދަން،" އަޒްފާ ކިޔައިދިނެވެ.

އޮޕަރޭޝަން ކޮށްގެން އެއްވެސް މައްސަލައެއް ނުޖެހި ހުރެފައި ދިހަ ވަނަ އަށް ވީ މަހު އަނެއްކާ ވެސް ކުއްލިއަކަށް ސިސްޓު އުފެދި، ކުރިއަށްވުރެ ބޮޑަށް ދުޅަވެ ތަދުވާން ފެށި ކަމަށް އަޒްފާ ބުންޏެވެ. ތަދު ބޮޑުވާން ފެށުމުން އަމިއްލަ ރިސާޗް ކޮށްގެން، ދުޅަވެފައި އޮތް ހިސާބު ހޫނުފެނުން ބޮނޑިތާންކޮށް ހެދި އެވެ.

"އެވަރުން ވެސް ތަދަށް ކެތް ނުވެގެން، ޕެއިންކިލާ އާއި ޑޮކްޓަރު ދީފަ ހުރި ބޭސްތައް ކައިގެން ނިދިފައި އޮއްވައި ހޭލެވުނު އިރު ހުރީ އެ ތަން ފަޅައިގެން ގޮސް، އެތެރޭގައި ނުބައިވެފައި ހުރި ދިޔާ އެއްޗެހި އެނދުމައްޗަށާ އެއްކޮށް އެޅިފަ. ހުރީ، ލޭ ނުބައިވުމުން ހުންނަ ކަހަލަ ޒާތެއްްގެ ބްރައުން ކުލައެއް، އޭގެ އަނެއް ދުވަހު ޕީރިއަޑް ވީ. ދެން ޕީރިއަޑް ރަނގަޅުވި އިރު އެތަން ހުރީ އެއްކޮށް ހިނދިފަ، ދުޅަވެސް ތިރިވެފަ،" އަޒްފާ ބުންޏެވެ.

އެއްވެސް މައްސަލައެއް ނުޖެހި ދުވަސްކޮޅަކު ހުރެފައި މިހާރު އަނެއްކާ ވެސް އޭނާ އުޅެނީ ސިސްޓުގެ އުނދަގޫ ވާތީ އެވެ. ކުރިއާ ހިލާފަށް މިފަހަރު ދުޅަ ހުރީ، ވަކި ތަންކޮޅެއްގައި ނަގާ ލަމްޕެއް ގޮތަކަށް ނޫނެވެ. ކުރިމަތި ފަރާތުގެ ކަނާތްފަޅި، އުކުޅުވަޅާ ހަމައަށް އެއްކޮށް ދުޅަވެ އުފުލިފައި ހުންނަ ކަމަށް އަޒްފާ ބުންޏެވެ. އޭނާ މިހާރު ބޭނުންވަނީ ގްލޭންޑް އެއްކޮށް ނަގާލައި އެ ވޭނުން ސަލާމަތް ވުމަށެވެ.

ހެލްތު ވެބްސައިޓް، "މަޔޯ ކްލިނިކް" އަދި "ކްލިވްލެންޑް ކްލިނިކް" ގައި ހިމަނާފައިވާ ރިޕޯޓް ތަކުގައި ބުނާ ގޮތުން، ބާތޮލިން ސިސްޓު އިންފެކްޓު ވާ ހިސާބުން އަލާމާތްތަކެއް ފެންނާނެ އެވެ.

ބާތޮލިން ސިސްޓު އިންފެކްޓުވުމުން ފެންނާނެ އަލާމާތްތައް

  • - ހިނގާ އިރު، އިށީނދެގެން އިންނަ އިރު، ޓެމްޕޮން ލައްވާ އިރު ނުވަތަ އަނބިފިރިކަމުގެ ގުޅުން ހިންގާއިރު އުނދަގޫވެ ތަދުވުން
  • - ސިސްޓު ނަގާފައި ހުންނަ ފަޅި ދުޅަވެ އުފުލިފައި މަޑުކޮށް ހުރުން
  • - ހުން އައުން ނުވަތަ ހުން ވައްތަރު ވުން
  • - ސަރަހައްދު ރަތްވުން
  • - ސިސްޓުގެ ސައިޒަށް ބަދަލު އައުން (ބޮޑުވުން)

އަލާމާތްތަކުގެ ބޮޑު ކުޑަމިނަށް ބަލައިގެން ދޭ ފަރުވާތަކެއް ވެސް ހުރެ އެވެ. ސާޖިކަލީ ސިސްޓު ފަޅާލައިގެން ނުވަތަ ކުޑަ ހޮޅިއެއް ލައްވައިގެން އެތެރޭގައި ހުންނަ ދިޔާތަކެތި ބޭރުކޮށްގެން ހިންދުމާއި، އެންމެ ބޮޑުވަރުވާ ހާލަތުގައި ބާތޮލިން ގްލޭންޑް ނަގާލުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ. ބާތޮލިން ގްލޭންޑް ނަގާލަނީ އެންމެ ފަހު އޮޕްޝަނެއްގެ ގޮތުގަ އެވެ.

ކީއްވެ މެދުވެރިވާ ކަމެއް؟ ރައްކާތެރިވާނީ ކިހިނެއް؟

ބާތޮލިން ސިސްޓު އުފެދެން މެދުވެރިވާ ސީދާ ސަބަބެއް ބުނަން ނޭނގެ އެވެ. އެކަމަކު ބައެއް ސަބަބުތަކުގެ ތެރޭގައި، ކުރިމަތި ފަރާތުގެ މަތީ ފަށަލަ ނުވަތަ "ވަލްވާ އޭރިއާ" ގައި ހަން ބޯވުން، ޖިންސީ ގުޅުމުން އަރާ އިންފެކްޝަނެއްގެ ސަބަބުން ނުވަތަ "އީ.ކޮލި" ނަމަކަށް ކިޔާ ބެކްޓީރިއަލް އިންފެކްޝަނެއް ހިމެނެ އެވެ.

ބާތޮލިން ސިސްޓު އުފެދުމުން އަމިއްލަ އަށް ސިސްޓު ފަޅަން މަސައްކަތް ކުރުމާއި ފިއްތައި ހެދުން ރަނގަޅެއް ނޫނެވެ. ބައެއް ފަހަރަށް ހޫނު ފެނުން ބޮނޑިތާންކުރަން ފެށުމުން ނުވަތަ އެންޓިބައޮޓިކް ކާން ފެށުމުން އަމިއްލަ އަށް ބާތޮލިން ސިސްޓު ފަޅައިގެން ދާނެ އެވެ. އަމިއްލަ އަށް ސިސްޓު ފަޅައި ހެދުމުން އިތުރު އިންފެކްޝަން ހުފެދުމުގެ ޗާންސު އޮންނާނެ އެވެ.

ބާތޮލިން ސިސްޓު އުފެދެން މެދުވެރިވާ ސީދާ ސަބަބު ނޭނގޭތީ ޔަގީނުން ރައްކާތެރިވާން ކުރާނެ ކަމެއް ނޭނގެ އެވެ. ނަމަވެސް ސިސްޓު ހުރުމުގެ ސަބަބުން ބައިވެރިޔާއަށް އިންފެކްޝަން ޖެހުމުގެ ފުރުސަތު ނުދޭން ރައްކާތެރި ގޮތުގައި ގުޅުން ހިންގަން އިސްކަން ދެވިދާނެ އެވެ. އަދި ކުރިމަތި ފަރާތުގެ އާންމު ސާފުތާހިރުކަމަށް މުހިއްމު ސަމާލުކަމެއް ދިނުމުން ވެސް އިތުރު އިންފެކްޝަންތައް ޖެހުމުން ދުރުކޮށްދޭނެ އެވެ.

އެހެންވީމަ، ތަދުވާ ޒާތުގެ ލަމްޕް އެއް ކުރިމަތިފަރާތުގެ އެއްވެސް ތަނެއްގައި ނަގާފައި ހުރިކަން ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެ އެވެ. އޭރުން އިންފެކްޝަނެއް ހުރިތޯ ޑޮކްޓަރުން ޗެކު ކުރާނެ އެވެ. މި ފަދަ މައްސަލަ ތަކުގައި ލަދުގަތުމުގެ ބަދަލުގައި ވާ ހުރިހާ ގޮތެއް ކިޔައިދިނުން މުހިއްމުވާނެ އެވެ. ބަލި ޑައިގްނޯސް ކުރުމަށާއި ރަނގަޅު ބޭހާއި ފަރުވާ ދޭން ޑޮކްޓަރުންނަށް ވެސް ފަސޭހަ ވާނީ އޭރުންނެވެ.

titledesc

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox