ސާލިމަށް ކުރެވޭ ތުހުމަތުން ގިނަވީ ޖަވާބަށް ވުރެ ސުވާލު

ސާލިމް ދިރިއުޅޭ ނެދުންގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އަދަދު

ސާލިމް ދިރިއުޅޭ ނެދުންގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އަދަދު

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ އދ. ދަނގެތިން ފެނުނު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ތުހުމަތުގައި މީހަކު ހައްޔަރުކުރުމެވެ. ބަންގްލަދޭޝް އަށް ނިސްބަތްވާ ސަލީމް އަކީ މި ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަށް ހަވާލުވެގެން އުޅޭ މީހެކެވެ. މި ރަށު މީހުންނަށް ވެސް އޭނާ އެ ނޫން ގޮތަކަށް ނޭނގެ އެވެ.

ހާދިސާ ހިނގައިދިޔަ ދުވަހުން ފެށިގެން މި މައްސަލައިގައި ތުހުމަތުކުރެވުނީ އެހެން ބަޔަކަށެވެ. ކުއްލިއަކަށް ބިދޭސީ މީހާ މި މައްސަލައިގައި ހައްޔަރުކުރުމާއެކު، މުޅި ތަހުގީގުގެ މިސްރާބު ބަދަލުވެގެން ގޮސްފި އެވެ. މިވީ ކިހިނެއް ހެއްޔެވެ؟

ތަހުގީގުގެ ތީރު ސާލިމަށް އަމާޒުވީ އަވައްޓެރިއެއްގެ ރިޕޯޓަކުން

މިއަދުގެ ހެނދުނާ ހަމައަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. ރަށު ރައްޔިތުން ތުހުމަތު ކުރި ތިން މީހުން ވެސް ފުލުހުން ބުނާ ގޮތުން ހައްޔަރުކުރީ އެހެން މައްސަލައެއްގަ އެވެ.

ބަޔަކު ހައްޔަރު ނުކުރާތީ، ތަހުގީގުގެ ދުވެލި ލަސްކަމަށް ބުނެ ރަށު ތެރޭގައި ނުތަނަވަސްކަން އޮތީ އިތުރުވެފަ އެވެ.

އެހެން ހުއްޓާ، ދެން އައީ ފުލުހުންގެ ފައުޖެކެވެ. އައި ގޮތަށް އައިސް މަހުމޫދުގެ ހަށިގަނޑު ފެނުނު ވަޅު ހުންނަ ފަޅުގެ ކައިރިން ބޮޑު ސަރަހައްދެއް ކޯޑޮން ކުރި އެވެ. އެކަމަކު ވަނީ ގޮސް އެ ގެޔަކަށް ނޫނެވެ. އެ ގެ ހުންނަ ގޯތީގެ ބިތްދޮށަށް އޮންނަ މަގުގައި ހުންނަ އެހެން ނެދުންގެ ކިޔާ އެހެން ގެޔަކަށެވެ.

ވެގެން އުޅޭ ގޮތް ނިއުޅެން ފެށީ އެ ހިސާބުންނެވެ.

އެ ސަރަހައްދުގައި އެއްވެ ތިބި މި ރަށު މީހުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، ފުލުހުން އެ ގެޔަށް އައިސް ވަނީ އަވައްޓެރިއެއްގެ ފަރާތުން ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.

އެ އަވައްޓެރިޔާ ބުނާ ގޮތުން، މަހުމޫދު އެންމެ ފަހުން ފެނުނު ރޭ މި ބުނާ ނެދުންގެ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑު އިވުނެވެ. އެ ވަގުތު އޭނާ ފާރުމަތިން ބޯދިއްކޮށްލިއިރު، އެ ގޭގައި އުޅޭ ބިދޭސީ ކޮންމެވެސް އެއްޗެއް ދަމާފައި ދިޔަހެން އޭނާއަށް ހީވީކަމަށް މި މަންޒަރު ފެނުނު މީހާއާ ހަވާލާދީ އެ ތަނުގައި ތިބި މީހުންގެ ފަރާތުން މައުލޫމާތު ލިބުނެވެ.

އެއްބަޔަކު ބުނަނީ އޭނާއަށް މި އަޑުތައް އިވުނީ ސާފު ޗެޕްމިއަންޝިޕްގައި ރާއްޖެއާ އިންޑިއާއާ ކުޅުނު މެޗުގެ ވަގުތުގަ އެވެ. އެއީ ރޭގަނޑު 9:00 ގެ ފަހުންނެވެ. އަނެއް ބަޔަކު ބުނަނީ މެޗު ނިންމާފައި ގެޔަށް ދިޔަ ވަގުތެވެ. އެއީ ހަމަ އެ ރޭ 10:30 ގެ ފަހެވެ.

މި މައުލޫމާތު ކަށަވަރުކުރަން ރިޕޯޓު ކުރި މީހާއާ ވާހަކަ ދައްކަން "އަދަދު" އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެހެންކަމުން ތުންތުންމަތިން އައި މައުލޫމާތުގައި ފުށުއެރުންތަކެއް ހުރުމާ އެކު އޭނާއަށް އެ މަންޒަރު ފެނުނު ގަޑިއެއް، އަދި އޭނާ ފުލުހުންނާ އެ މައުލޫމާތު ހިއްސާކުރި ވަގުތެއް ނޭނގުނެވެ.

ސާލިމް: "އަޅުވެރި, އަހުލާގު ރަނގަޅު"

މި މައްސަލައިގައި ހައްޔަރުކުރި ސާލިމް ދަނގެތީގައި އުޅޭތާ އަދި ވީ ދެ އަހަރެއްހާ ދުވަހެވެ. އޭނާގެ ހުރިހާ ވެސް މަސައްކަތަކީ ހަވާލުވެ ހުންނަ "އާދަންބެ" ބެލެހެއްޓުމެވެ. މި ރަށު މީހުން އޭނާ ސިފަކުރަނީ ވެސް "އާދަންބެގެ ބޮޑީގާޑު"ގެ ގޮތުގަ އެވެ. އަބަދުވެސް ފެންނަނީ އާދަނު ގޮވައިގެން ހިނގާލަން، ނޫނީ މިސްކިތަށް ނުކުމެ އުޅޭ މަންޒަރެވެ.

މި ރަށުގައި އުޅޭ ގިނަ ބިދޭސީން ވެސް އޭނާ ސިފަކުރަނީ އެގޮތަށެވެ. ދުވާލާ ހަތަރު ދަމު އޭނާ އުޅެނީ އާދަނާ އެކީގަ އެވެ. މިސްކިތުގެ ޖަމާއަތުގައި ފަސް ވަގުތު ނަމާދަށް އަރާ އަޅުވެރިއެއްގެ ގޮތުގަ އެވެ. އެންމެންވެސް ބުނަނީ އޭނާއަކީ ރަނގަޅު މީހެއް ކަމަށެވެ.

"އޭނަ އަބަދުވެސް އުޅޭނީ އާދަނުބެ ގޮވައިގެން. ހަވީރު ހިނގާލަން ވެސް ދާނެ، ކެފޭތަކަށް ވެސް ދާނެ. މި ރަށު އެންމެނަށް އެނގޭނެ އޭނާ،" ދަނގެތި ޒުވާނަކު ބުންޏެވެ.

"އެކަމަކު ކިހިނެއް މީހަކު ކުރާނެ ކަމެއް އެނގޭނީ ދޯ؟"

މި ރަށު އެންމެން ވެސް އެއްބަސްވާ އިތުރު ކަމެއް ވެސް އެބައޮތެވެ. އެއީ މަހުމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައި ކަމެވެ. އެ ނޫން ސަބަބެއް އޮވެދާނެ ކަމަކަށް ގަބޫލެއް ނުކުރެ އެވެ.

އެންމެން ވެސް ދަންނަ މަހުމޫދަކީ މީހުންނާ މައްސަލަ ޖެހި، ޒުވާބުކޮށް އުޅޭ މީހެއް ނޫނެވެ. އެޔަށް ވުރެ މާ ހެޔޮލަފާ، މީހުންގެ މީހެކެވެ. ރުޅިވެރިކަމެއްގައި އޭނާ މަރާލަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް އެންމެން ވެސް ބުނެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ސާލިމާ މަހުމޫދާ އެއްވެސް ގުޅުމެއް އޮންނަ ކަމެއް ދަންނަ މީހަކު ވެސް ނުވި އެވެ. އަދި ސާލިމް އަދާކުރާ ވަޒީފާގެ ގޮތުން، ވިޔަފާރީގެ ތެރެއިން ވެސް މަހުމޫދާ ގުޅުމެއް ނޯންނާނެ ކަމަށް އެ ރަށު މީހުން ބުންޏެވެ. އަދި ސާލިމަކީ ގާތިލު ނަމަ، މަހުމޫދާ އޭނާ އަދާވާތްތެރިކަމެއް އުފެދެން ޖެހުނު ސަބަބެއް ނުވިސްނޭ ކަމަށް ވެސް އެ މީހުން ދެކެ އެވެ.

ހާދިސާ ހިނގިތާ 48 ގަޑިއިރުގެ ތެރޭގައި ފުލުހުން ތަހުގީގު ފުޅާކޮށް، މީހަކު ހައްޔަރުކުރި ނަމަވެސް ރަށު ތެރޭގައި އޮތް ނުތަނަވަސްކަން ފިލައިގެން ނުދެ އެވެ. އެ ނުތަނަވަސްކަމުގެ މައްޗަށް ވެރިވީ އިތުރު ސުވާލުތަކެކެކެވެ.

ސާލިމާ މަހުމޫދާ ދެ މީހުން ދޭތެރޭ ކޮން އަދާވާތްތެރިކަމެއް ހެއްޔެވެ؟ މިއީ އޭނާ ކުރި ކަމެއް ނަމަ އެކަމެއް ކުރީ އެކަނި ހެއްޔެވެ؟ ނޫނީ މިއީ ބަޔަކާ ބައިވެރިވެގެން ކުރި ކަމެއް ހެއްޔެވެ؟ ކަން ކުރުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ފައިސާގެ ދަހިވެރިތި ކަމުގައި ކުރި ނަމަ، އެ ފައިސާ ކޮބައި ހެއްޔެވެ؟

ހައްތަހާވެސް ޖަވާބު ބޭނުންވާ ސުވާލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox