ތ. ކަނޑޫދޫގެ ކާބޯތަކެތީގެ މައުރަޒު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައިދެއްވައިފި އެވެ.
ކަނޑޫދޫގެ ކާބޯތަކެތީގެ މައުރަޒަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ކަނޑޫދޫ ކައުންސިލުގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އެގްރިކްލަޗާއާ ގުޅިގެން އިންތިޒާމުކުރި މައުރަޒެކެވެ.
ކަނޑޫދޫގައި މާދަމާގެ ނިޔަލަށް ކުރިޔަށްގެންދާ ކާބޯތަކެތީގެ މައުރަޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތައް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މައުރަޒެކެވެ.
އަދި މިބާވަތްތައް އެއްތަނަކުން ފެންނަގޮތް ހެދައި ދަނޑުވެރިކަމުގެ އުފެއްދުންތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ދައްކާލުމަމީ މި މައުރަޒު ބޭއްވުމުގެ އެއް ބޭނުމެވެ.
ކާބޯތަކެތީގެ މި މައުރަޒުގައި ތ. އަތޮޅުގެ ހަތަރު ރަށެއްގެ ސްޓޯލްތަކާއި އެގްރޯނެޓާއި ކަނޑޫދޫގެ ދެ ސްޓޯލެއް ހިމެނެ އެވެ.

ރައީސް ސޯލިހު ކަނޑޫދުއަށް ކުރައްވާ މިދަތުރުފުޅަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ރަސްމީ ޖަލްސާއާއި އަދި މި ދެ މުނާސަބާއާ ގުޅިގެން އެ ރަށުގައި ކުރިޔަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ކުރިން ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ގެންދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ބަދަލުގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ނިންމެވިފަހުން ގައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.













