ލަންޑަން (އޮކްޓޫބަރު 14) - ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ޒޯނުގެ ޓީމުތަކުގެ މެޗުތައް ކުޅެ ނިންމާފައި އިނގިރޭސި ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތައް ފެށުމުގެ ކުރިން ކުޅުންތެރިން ގެންނަން ކްލަބްތަކުން ޕްރައިވެޓް ޖެޓް ހަމަޖައްސަން މަސައްކަތްތައް ފަށާފައިވާ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގާތްގަނޑަކަށް ކްލަބްތަކުން އެކުވެ، 1.2 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް މި ކަންކަމަށް ހަރަދުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކުޅުންތެރިން ގެންނަން ހަރަދުކުރާ ކްލަބްތަކަކީ މެންޗެސްޓާ ސިޓީ، ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ލީޑްސް ޔުނައިޓެޑް، ނިއުކާސަލް ޔުނައިޓެޑް އަދި އެސްޓަން ވިލާ އެވެ.
ކޮލިފައިން ނިންމާފައި ކުޅުންތެރިން ގެންނަން ދެ ޖެޓެއް ހަމަޖައްސަން ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެއީ ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅޭ މެޗުތަކާއި އާދިއްތަ ދުވަހު ކުޅޭ މެޗުތަކުގެ ކުޅުންތެރިން ވަކިން ގެނައުމުގެ ގޮތުންނެވެ. އެހެން ނޫނީ ތަފާތު ދެ ގައުމަކުން ދެ ޖެޓް ފުރާގޮތަށް ހެދުމަށް ވެސް މަޝްވަރާކުރެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެތެރެއިން ގޮތެއް އިހުތިޔާރުކުރާނީ ކްލަބްތަކުން މަޝްވަރާ ކުރުމަށް ފަހު އެވެ.
ކޮލިފައިން މެޗުތައް ނިންމާފައި ގެންނަން ޖެހޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނައީ ބްރެޒިލް ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ އެލިސަން ބެކާ އާއި ފަބީނިއޯ، ސިޓީގެ އެޑަސަން މޮރާއެސް އާއި ގަބްރިއެލް ޖީސޫސް، ޔުނައިޓެޑްގެ ފްރެޑް، ލީޑްސްގެ ރަފީނިއާ އަދި ޓޮޓެންހަމްގެ އެމަސަން ރޯޔާލް އެވެ.
ދެން ހިމެެނެނީ އެސްޓަން ވިލާ އަށް ކުޅޭ އާޖެންޓީނާގެ އެމިލިއާނޯ މާޓީނޭޒް، ޓޮޓެންހަމްގެ އާޖެންޓީނާ ޑިފެންޜަރު ކްރިސްޓިއަން ރޮމޭރޯ އާއި މިޑްފީލްޑަރު، ޖިއޮވާނީ ލޮ ސެލްސޯ، ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ ޕެރަގުއޭގެ މިގޭލް އަލްމިރޯން، ޔުނައިޓެޑްގެ އުރުގުއޭގެ އެޑިސަން ކަވާނީ އަދި ޓޮޓެންހަމަށް ކުޅޭ ކޮލަމްބިއާގެ ޑަވިންސަން ސަންޗޭޒާއި އެވަޓަންގެ ޑިފެންޑަރު ޔެރީ މިނާ އަދި ބްރައިޓަންގެ ޒުވާން ކުުޅުންތެރިޔާ އެކުއެޑޯގެ ޔެރެމީ ސަރްމިއެންޓޯ އެވެ.
އިނގިރޭސި ސަރުކާރުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓަށް ގެނައި ބަދަލާ އެކު މިހާރު ދެކުނު އެމެރިކާގެ ގައުމުތަކުގެ ކޮލިފައިންގައި ކުޅޭ ކުޅުންތެރިންނަށް އިންގްލެންޑަށް އެނބުރި އައިސް 10 ދުވަހު ކަރަންޓީނުވާން ނުޖެހޭނެ އެވެ.












