ޕެރިސް (13 އޮކްޓޯބަރު) - މެންޗެސްޓާ ޔުނައިޓަށް ކުޅެމުންދާ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާނަށް އަނިޔާވެ، ދެ ތިން ހަފުތާގެ މުއްދަތަކަށް އޭނާ އަށް ނުކުޅެވޭނެ ކަމަށް ޔުނައިޓަޑުން ބުނެފި އެވެ.
ވަރާން ،28، އަށް އަނިޔާވީ ޔުުއޭފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހު ފްރާންސް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ވަރާނަށް އަނިޔާވެ އޭނާ ވަނީ ބަދަލުކުރަން ޖެހިފަ އެވެ.
ޔުނައިޓަޑުން ނެރުނު ބަޔާނެއްގައި ބުނީ ވަރާންގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން، ދެ ތިން ހަފުތާގެ މުއްދަތަކަށް އޭނާ އަށް ނުކުޅެވޭނެ ކަމަށެވެ. އަދި މިހާރު އޭނާގެ ރިކަވަރީގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރެއާލް މެޑްރިޑުން މި ސީޒަންގައި ޔުނައިޓަޑާ ގުޅުނު ވަރާން ވަނީ މި ސީޒަންގައި ޔުނައިޓަޑްގެ ފުރަތަމަ 11ގައި ހަ މެޗު ކުޅެފަ އެވެ. ވަރާން އަށް އަނިޔާވުމަކީ ޔުނައިޓަޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ކުރިމަތިވި އިތުރު ބޮލުގެ ރިހުމެކެވެ.
ޔުނައިޓަޑްގެ މުހިންމު ޑިފެންޑަރު އަދި ކެޕްޓަން ހެރީ މެގުއާ ވެސް ހުރީ އަނިޔާގަ އެވެ. ޔުނައިޓެޑްގެ ފަހަތުގައި ކުޅޭ މުހިއްމު ދެ ޑިފެންޑަރުން އަނިޔާގައި ހުރިއިރު، އެ ޓީމަށް ކުރިއަށް ހުރީ އުނދަގޫ މެޗެކެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ޔުނައިޓަޑް ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ލިވަޕޫލާއި، ޓޮޓެންހަމް ހޮޓްސްޕާ އަދި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުތައް އެބައޮތެވެ. -- ބީބީސީ












