ރިއޯ ޑި ޖަނެއިރޯ (13 އޮކްޓޯބަރު) - ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ފަހު، ވޯލްޑް ކަޕެއްގައި ފެނުމަކީ ވަރަށް ދުރު ކަމެއް ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ.
ނޭމާ މިހެން ބުނީ "ނޭމާ އެންޑް ދަ ލައިން އޮފް ކިންގްސް"ގެ ނަމުގައި ހަދާފައިވާ ޑޮކިއުމެންޓްރީއެއްގައި ވާހަކަދައްކަމުންނެވެ.
ނޭމާ ،29، ބުނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު، އިތުރު ވޯލްޑް ކަޕެއްގައި ކުޅުމަކީ ނަފްސާނީ ގޮތުން އޭނާ އަށް ވެދާނެ ކަމެއް ކަން ގަބޫލްނުކުރެވޭ ކަމަށެވެ.
"އަހަންނަށް ހީވަނީ 2022 ވަނަ އަހަރު ވޯލްޑް ކަޕަކީ އަހަރެން ކުޅޭނެ ފަހު ވޯލްޑް ކަޕްހެން. އަހަރެންގެ ފަހު ވޯލްޑް ކަޕަށް ބަލައިގެން އަހަރެން އެ މުބާރާތަށް މި ކުރިމަތިލަނީ. އެއީ އެ މުބާރާތަށް ފަހު، ދެން ފުޓްބޯޅައިގައި ކުރިއަށްދިއުމަކީ އަހަންނަށް ނަފްސާނީ ގޮތުން ފަސޭހަކަމަކަށް ނުވާނެތީ،" ނޭމާ ބުންޏެވެ.
"އެހެންވީމަ، އެ މުބާރާތުގައި ކުޅެން އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. ވޯލްޑް ކަޕްގެ ތަށި އުފުލާލުމަކީ، އެންމެ ކުޑައިރުންސުރެ ދެކެމުން އައި ހުވަފެނެއް. އެ ހުވަފެން ހަގީތަަކަށް ހެދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން،"
ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް މި ވަގުތު އޮތީ ތާވަލްގެ އެއްވަނައިގަ އެވެ. ބްރެޒިލް ވަނީ 10 މެޗުން 28 ޕޮއިންޓް ހޯދައިފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އާދިއްތަ ދުވަހު ކޮލަމްބިއާ އާއި ބްރެޒިލް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ނޭމާ ކުޅުނެވެ. އެކަމަކު، އެ މެޗުގައި ނޭމާ ދެއްކި ކުޅުމާ ގުޅިގެން، އޭނާ އަށް ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.
އެ މެޗަށް ފަހު ނޭމާ ވަނީ އޭނާ އަށް އަމާޒުވަމުންދާ ފާޑުކިއުންތަކާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފަ އެވެ.
"މީހުންގެ އިހުތިރާމް ހޯދަން މި ޖޯޒީގައި އަހަރެން އިތުރަށް ކުރަންޖެހެނީ ކޮން ކަމެއްކަމެއް ނޭނގޭ،" ނޭމާ ބުންޏެވެ.
ނޭމާ ވަނީ މިހާތަނަށް ދެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތް ވެސް ހިމެނެ އެވެ. އެކަމަކު އެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ލިބުނު އަނިޔާއަކާ ގުޅިގެން، ސެމީ ފައިނަލްގައި ޖަރުމަން އަތުން 7-1 އިން ބްރެޒިލް ބަލިވި މެޗުގައި އޭނާ ނުކުޅެ އެވެ.
ބްރެޒިލްގެ ގައުމީ ޓީމާއެކު ނޭމާ ވަނީ 2013 ވަނަ އަހަރު ކޮންފެޑަރޭޝަންސް ކަޕް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ރަން މެޑަލް ވެސް ހޯދި އެވެ. ބްރެޒިލް އިން 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރިއިރު، އަނިޔާގެ ސަބަބުން އެ މުބާރާތުގައި ނޭމާ ނުކުޅެ އެވެ. -- ސްކައި ސްޕޯޓްސް












