އިންޑިއާ ކޯޗު "ޖޯކު" ޖެހި ކަމަށް ބުނެ ނޭޕާލް ކޯޗު ރަތަށް

Oct 10, 2021, 8:53 PM
ނޭޕާލް ކޯޗު މުތައިރީ (ކ) އިންޑިއާ ކޯޗު ސްޓިމަކް.-- ފޮޓޯ: ހުސެއިން ވަހީދު./ އަދަދު

ނޭޕާލް ކޯޗު މުތައިރީ (ކ) އިންޑިއާ ކޯޗު ސްޓިމަކް.-- ފޮޓޯ: ހުސެއިން ވަހީދު./ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ އިންޑިއާ އިން 1-0 އިން ނޭޕާލް ބަލިކުރި މެޗުގައި އިންޑިއާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް އުފާފާޅުކުރި ގޮތުން ނޭޕާލްގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލް މުތައިރީ ހިތްހަމަނުޖެހިއްޖެ އެވެ.

ސުނިލް ޗެތުރީ 82 ވަނަ މިނިޓްގައި ޖެހި ގޯލުން އިންޑިއާ ވަނީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ފުރަަތަމަ ދެ މެޗުން އިންޑިއާ ވަނީ ބަންގްލަދޭޝް އާއި ސްރީ ލަންކާއާ އެއްވަރުވެފަ އެވެ.

މިރޭގެ މެޗު ނިމުމާ އެކު ސްޓިމަކް ވަނީ އުފާފާޅުކުރިއިރު ނަށައިފަ އެެވެ. އެއީ މި ފަހަރުގެ މުބާރާތުގައި ނޭޕާލް ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވިއިރު، އެ ދެ މެޗުގައި ނޭޕާލުން ގޯލު ޖެހުމުން މުތައިރީ އުޅުނު ގޮތަށް މަލާމަތެއްގެ ގޮތުގައި ބެލެވެ އެވެ.

މިރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ބުނީ ސްޓިމަކް އުފާފާޅުކުރިއިރު ޖެހީ ޖޯކެއް ކަމަށެެވެ. އެއީ ނޭޕާލް ސަޕޯޓަރުންނާއި އޭނާ އަށް އިޝާރާތްކޮށް ސްޓިމަކް ކުރި ކަމެއް ކަމަށް މުތައިރީ ވަނީ ތުހުމަތުކޮށްފަ އެވެ.

"އޭނަ އެކުރީ ލަދުވެތި ކަމެއް. ފެނުނީ 12 އަހަރުން ދަށުގެ ކުޑަކުދިން އުޅޭހެން އުޅޭތަން. އަހަރެމެންނަކީ ޓީނޭޖް ބައެއް ނޫން. އަހަރެމެން ޖެހޭ އިހުތިރާމް ކުރަން. އަހަންނަށް އެ އަށް ވުރެ ހަޑިކޮށް ވެސް ކަންތައް ކުރެވިދާނެ. އަހަންނެއް އެ ގޮތަށް ކުޑަކުދިން އުޅޭހެން ނޫޅޭނަން،" ހިތްހަމަ ނުޖެހިފައި ހުރެ މުތައިރީ ބުންޏެވެ.

"އެ ގޮތަށް އަހަންނަށް ޖޯކް ޖެހުމަކީ ލަދެއް. ފައިނަލުގައި އިންޑިއާ އާއި ނޭޕާލް ކުޅެގެން އަހަރެމެން މޮޅުވީ. ތި މީހުންނަށް ހީވޭތަ އަހަރެން އެ ގޮތަށް އުފާފާޅުކުރާނެއޭ. ނުވާނެ އެހެނެއް. އެއީ އަހަރެންގެ މަންމަ އަހަރެން މަރާލާނެ. އެއީ އެ ގޮތަށް އުޅެން އޭނަ ގަބޫލުނުވާނެ،"

އިންޑިއާ ކޯޗު އުފާފާޅުކުރިިއިރު ނަށަނީ.

މުތައިރީގެ ވާހަކަތަކާ ބެހޭގޮތުން ސްޓިމަކާ ސުވާލުކުރުމުން އޭނާ ބުނީ އުފާފާޅުކުރިއިރު، ގޯސްކޮށް ކަމެއް ކުރެވުނު ކަމެއް ނޭނގޭ ކަމަށެވެ. އަދި އެއްވެސް މީހަކަށް ޖޯކް ޖަހާފައިނުވާނެ ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ.

"އަހަރެން ދެކޭގޮތުގައި އޭނަ އެބަޖެހޭ އަމިއްލަ ނަފްސާ ސުވާލުކޮށްލަން އޭނަ ކީއްވެތޯ އަހަރެމެންނަށް 95 ޕަސެންޓް ފޭވަރިޓޭ ބުނީ. އެއީ އޭނަ އަމިއްލަ ޓީމަށް ކުރި ބޭ އިހުތިރާމެއް ނޫންތަ؟ އޭނަ ހަގީގަތުގައި ނުޖެހޭ އަހަންނާ މެދު ވިސްނަން ވެސް. އަހަރެންގެ އުފާފާޅުކުރުމާ މެދު ވަކި ގޮތަކަށް ވާހަކަ ދައްކަން ވެސް،" ސްޓިމަކް ބުންޏެވެ.

"އެއްވެސް ހާާލަތެއްގައި އަހަރެންގެ އުފާފާޅުކުރުމުގައި މައްސަލަ އުޅުނު ކަމަށް އަހަންނެއް ނުދެކެން. ފަހަރެއްގައި އޭނަ އަށް ހީވެދާނެ އަހަންނަށް އުފާފާޅުކުރުމުގެ ހައްގެއް ނެތޭ،"

މުތައިރީ އަށް ބަހުގެ ހަމަލާއެއް ފޮނުވާލުމުގެ ގޮތުން ސްޓިމަކް ބުނީ "ފަހަރެއްގައި ބައެއް ކޯޗުން އުޅެނީ އަބަދުވެސް އުފާފާޅުކުރުމާ މެދު ވިސްނަން" ކަމަށާއި އެއީ އޭނާ އުޅޭ ގޮތެއް ނޫން ކަމަށެވެ.

ނޭޕާލާއި އިންޑިއާ އަށް އަމިއްލަ ބާރުގައި ފައިނަލްގެ ފުރުސަތު

މިއަދުގެ މެޗުގެ ނަތީޖާތަކަށް ފަހު ލީގު ބުރުގެ ފަހު މެޗުތަކަށްދާއިރު، ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ލަންކާ ނޫން ހަަތަރު ޓީމަށް ވެސް ހުޅުވިފަ އެވެ.

ލީގު ބުރުގެ އެއް ވަނައިގައި އޮތް ނޭޕާލް އާއި ދެ ވަަނައިގައި އޮތް ރާއްޖެ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. ނޭޕާލް ކުރީގައި އޮތީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އިންޑިއާ އެވެ. ހަތަރެއްގައި އޮތީ ތިން މެޗުން ހަތަރު ޕޮޮއިންޓް ހޯދައިގެން ބަންގްލަދޭޝް އެވެ. އެންމެ ފުލުގައި އޮތް ލަންކާ މުބާރާތް ނިންމާލީ ހަތަރު މެޗުން ޕޮއިންޓަކާ އެކު އެވެ.

ބުދަ ދުވަހު ފަހު މެޗުތަކުގައި ކުޅޭނީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ރާއްޖެ އާއި އިންޑިއާ އެެވެ. ރާއްޖެ އާއި ނޭޕާލަށް އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވިދާނެ އެވެ. އިންޑިއާ އާއި ބަންގްލަދޭޝަށް ފައިނަލުގެ ފުރުސަތު އޮތީ މޮޅުވެގެންނެވެ.

"އަހަރެމެން ވަރަށް ރަނގަޅު މެޗެއް ކުޅުނީ ވަރަށް ވަރުގަދަ މެޗެއް. އަހަރެމެން އެންމެ ގޯހެއް ހެދީ. އޭގެއިން އެ މީހުން (އިންޑިއާ) ގޯލު ޖެހީ. އަހަރެމެންގެ ލިބޭ ފުރުސަތުތައް ނިންމާލުން ވަރަށް ބަދުނަސީބުކޮށް މިދަނީ. އަހަރެމެން އަދިވެސް މިއޮތީ މި މުބާރާތުގައި އަހަރެމެންގެ ކުރިއަށް އޮތް މެޗު މި އޮތީ ބަންގްލަދޭޝާ އެކު މޮޅުވެގެން އަހަރެމެންނަށް ފުރުސަތެއް އޮތް ކަމަށް ދެކެނީ،" ނޭޕާލް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތްގޮތާ ބެހޭގޮތުން މުތައިރީ ބުންޏެވެ.

ސްޓިމަކް ބުނީ އިންޑިއާގެ ފުރަތަމަ ތިން ޕޮއިންޓާ އެކު ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށާއި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ފަހު މެޗަށްދާއިރު، އަމިއްލަ ބާރުގައި ކޮންމެ ކަމެއް ވެސް ހާސިލްކުރެވޭ ގޮތަށް އޮތުން ކަމަށެވެ.

"އެކަމަކު މި މެޗުގައި (ނޭޕާލް މެޗުގައި) ވެސް ފެނިއްޖެ އަހަރެމެންގެ ލަނޑު ނުޖެހުމުގެ މައްސަލަ އަށް އަދިވެސް ހައްލެއް ނާންނަކަން. މި ގޮތަށް މި ކަހަލަ މެޗުތަކުގައި ލިބޭ ބޯޅަތައް އެބަޖެހޭ ގޯލަށް ހަދާލަން އެހެން ނޫނީ މުޅި މެޗު އުނދަގޫ މިވަނީ،" ސްޓިމަކް ބުންޏެވެ.

މި ފަހަރުގެ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް ބުދަ ދުވަހު ކުޅުމަށް ފަހު ފައިނަލް މެޗު އޮންނާނީ މި މަހު 16 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox