މިވަރުގެ ރޫހެއް ކުރިން ގައުމީ ޓީމަކުން ނުފެނޭ: ސުޒޭން

Oct 10, 2021, 2:26 PM
ގައުމީ ޓީމުގެ މެޗަކަށް ފަހު ސުޒޭން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ގައުމީ ޓީމުގެ މެޗަކަށް ފަހު ސުޒޭން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ މެދުގައި މި ވަގުތު އޮތީ ވަރަށް ވަރުގަދަ ރޫހަކާއި އެކުވެރިކަމެއް ކަމަށާއި މިއީ މީގެ ކުރިން ރާއްޖޭގެ ގައުމީ ޓީމަކުން ނުފެންނަ ވަރުގެ ޓީމު ރޫހެއް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީލަންކާ އަތުން 1-0 އިން މޮޅުވެ، ރާއްޖެ ވަނީ ތާވަލްގެ ދެވަނަ އަށް ޖެހިލައިފަ އެވެ. އަދި މި މޮޅާއެކު، މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗަށް ރާއްޖެ ބުދަ ދުވަހުގެރޭ ކުރިމަތިލާނީ، ފައިނަލަށް ދިއުމުގެ އަމިއްލަ ބާރާ އެކު އެވެ.

ރާއްޖެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ރާއްޖެއާ ޕޮއިންޓުން އެއްވަރުވެ، ފައިދާ ގޯލު އެއްވަރުވި ނަމަވެސް ޖެހި ގޯލުން ކުރި ލިބޭތީ އެވެ. ނޭޕާލުން ހަތަރު ގޯލު ޖަހާފައިވާއިރު، ރާއްޖެ އަށް އަދި ޖެހުނީ ތިން ގޯލެވެ. ނޭޕާލުން މިރޭ އިންޑިއާއާ ކުޅޭނެ އެވެ. މޮޅުވެއްޖެނަމަ ނޭޕާލަށް ފައިނަލުގެ ޖާގައެއް ޔަގީންވީ އެވެ. މިރޭ އިންޑިއާ މޮޅުވެއްޖެނަމަ ފަހު ރާއްޖެ އަށް އެއް ވަނަ އަށް އެރޭނެ އެވެ.

މިއަދުގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ މީގެ ކުރިން އޮތް ގައުމީ ޓީމުތަކުގައި ކުޅުންތެރިންގެ މެދުގައި ހިޔާލު ތަފާތުވުންތައް އޮތްކަން ފާހަގަވި ނަމަވެސް، މިހާރު އޮތް ގައުމީ ޓީމަކީ ވަރަށް އެކުވެރި، ވަރުގަދަ ޓީމު ރޫހަކާއެކު އޮތް ޓީމެއް ކަމަށެވެ.

"މި މެޗަށް ތައްޔާރުވެގެން، އިއްޔެ އިން ފެށިގެން މިއަދަށް އާއިރު ވެސް، ޓީމުގެ ތެރޭގައި އޮތް ރޫހު. ގައުމީ ޓީމުގެ ތެރޭގައި (މިހާރު) އޮތް (ފަދަ) ރޫހެއް ދުވަހަކު ވެސް ނެތް އަދި މީގެ ކުރިއަކުން. ކުރިން ކުދިކުދި ބައިވައިވުންތަކާއި ހިޔާލު ތަފާތުވުންތައް، އަޅުގަނޑު ކުރިން މަސައްކަތްކުރި ފަހަރު ވެސް ބައެއް ފަހަރު ހުރި. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މި ގޮތަށް މިހާ އެކުވެރިކޮށް، ހާއްސަކޮށް ސީނިއާ ގައުމީ ޓީމެއް އޮތް ފަހަރުކަން އަޝްފާގް މެން ގަބޫލްކުރާނެ." ސުޒޭންއާ ޖެހިގެން އިން ގައުމީ ޓީމުގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

ސުޒޭން ބުނީ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ ކޮންމެ ކުޅުންތެރިއަކާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި ޓީމެއް ބިނާކުރުމުގައި، އޭނާ އަށް ކާމިޔާބު ހޯދިއްޖެކަމުގެ އިހުސާސް މިހާރު ކުރެވޭ ކަމަށެވެ.

ޒަމާނުންސުރެ ވާދަވެރި ލަންކާ އަތުން ރާއްޖެ މިއަދު މޮޅުވީ މެޗުގެ ފުރަތަމަ ހާފުގައި ދަގަނޑޭ ޖެހި ލަނޑުންނެވެ. މި މެޗުގައި ރާއްޖެ އަށް އަށް ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ.

ސުޒޭން ބުނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ގައުމީ ޓީމުން އިތުރު މަސައްކަތެއް ކުރަންޖެހޭ ކަމަށާއި ދެން އޮތް ޓްރެއިނިންތަކުގައި އެކަމަށް ސަމާލުކަން ދޭނެ ކަމަށެވެ.

"ލިބޭ ހުރިހާ އެއްޗެއް (ޗާންސެއްގެ) ބޭނުންނުކުރެވުނަސް، އެކަންތަކަށް ވޯކްކުރާނަން ކުރިއަށް އޮތް ދުވަސްތަކުގައި. އަޅުގަނޑު ޝަކުވާއެއް ކުރާކަށް ބޭނުމެއް ނޫން. އެކަމަކު މިއަދު ފާހަގަވާނެ، ޓީމުގެ ސެޓް ޕްލޭސްތައް ވަރަށް އޯގަނައިޒްކޮށް ދިޔައީ. މިއީ މުބާރާތުގެ ތެރެއިން ޓްރެއިނިންގައި ވޯކްކުރި (ސެޓްޕްލޭސް) ކަންތައްތައް،" ސުޒޭން ބުންޏެވެ.

މި މެޗުގެ ދެވަނަ ހާފުގައި ލަންކާ އިން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފަ އެވެ. ރާއްޖޭގެ ޓީމު މެޗު ފަހު 20 މިނިޓުގައި ލަންކާގެ ފަރާތުން ޕްރެޝަރާ ކުރިމަތިވި އެވެ.

ސުޒޭން ބުނީ ލަންކާ މި މެޗުގެ ކުރިން މުބާރާތުން ކަޓާފައި އޮތުމުން، އެ ޓީމު ކުޅުނީ އެއްވެސް "އޯގަނައިޒޭޝަނެއް" ނެތި ކަމަށެވެ. އަދި މި މެޗުން "ލިބޭނެ އެއްޗެއް، އަދި ގެއްލޭނެ އެއްޗެއް" ވެސް ނެތުމާ އެކު، ލަންކާ އަށް ޕްރެޝަރެއް ނެތް ކަން ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.

"ޖުމްލަކޮށް ބަލާއިރު، މި ނަތީޖާ އަކީ ޓީމުގެ މޯޓިވޭޝަން ހިފެހެއްޓޭނެ ނަތީޖާއެއް،" ސުޒޭން ބުންޏެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި، ބުދަ ދުވަހުގެ ރޭ ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox