މޮޅެއް ނުލިބި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ނިންމާލަން ޖެހުނަސް ސްރީ ލަންކާގެ ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފުކުރާ ކަމަށާއި މުބާރާތުގެ ރެފްރީން ރަނގަޅު ނުކޮށްފިނަމަ ސާފް ޗެމްޕިއަންޝިޕަކީ ކުރިއަށްދާން ރަނގަޅު މުބާރާތެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ލަންކާގެ ކޯޗު އާމިރް އަލަގިޗް ބުނެފި އެވެ.
ލަންކާ މި ފަހަރުގެ މުބާރާތް ނިންމާލީ ހަތަރު މެޗުން އެއް ޕޮއިންޓާ އެކު އެންމެ ފުލުގައި އޮވެގެންނެވެ. ލަންކާ ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ނޭޕާލް އަތުން ބަލިވީ 3-2 އިންނެވެ. އަދި އިންޑިއާއާ 0-0 އިން އެއްވަރުކުރި ނަމަވެސް ލަންކާ މިއަދު ވަނީ 1-0 އިން ރާއްޖެ އަތުން ބަލިވެފަ އެވެ.
މިއަދުގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަލަގިޗް ބުނީ ލަންކާ ފުޓްބޯޅަ އެނބުރި އަންނަ މަންޒަރު އެބަ ފެންނަ ކަމަށެވެ. އަދި މި ފަހަރުގެ ސާފްގައި ލަންކާ އަށް ނަތީޖާ ގޯސްކޮށް ދިޔަ ކަމުގައި ވިޔަސް ދަސްކުރަން އައި ޓީމެއްގެ ގޮތުގައި ބަލާއިރު ހާސިލްކުރެވޭނެ ކަންކަން ގިނަ ކަމަށް އަލަގިޗް ބުންޏެވެ.
"ފީފާ ރޭންކިންގައި އަހަރެމެން ވަރަށް ދަށުގައި (205 ވަނައިގައި) އޮތަސް އަހަރެމެންނަކީ އެ ރޭންކިންގައި އެ ބުނާ ފަދަ ދަށް ޓީމެއްގެ ގޮތުގައެއް ނޫން މި ފެނުނީ. އަހަރެމެންނަށް ވެސް ވާދަކުރެވޭނެކަން ފެނިއްޖެ،" އަލަގިޗް ބުންޏެވެ.
"ދެން އޮތް ސާފްގައި އަހަރެެމެން މި އަށް ވުރެ ވަރުގަދަކޮށް ފެންނާނެ. މި މުބާރާތުގެ އެއްވެސް ކްރެޑިޓެއް އަހަރެން ނުނަގާނަން. ލިބޭ ހުރިހާ މޮޅެއް ކުޅުންތެރިންނަށް މިއީ އެ މީހުންގެ މަސައްކަތް،"
އަލަގިޗް ވަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރެފްރީންނަށް އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާޑުކިޔައިފަ އެވެ. މިއަދުގެ މެޗަށް ފަހު ވެސް ވަނީ އެ ވާހަކަތައް ތަކުރާރުކޮށްފަ އެވެ.
"ރެފްރީންގެ މައްސަލަ ދެން ވަރަށް ގޯސްކޮށް މުޅި މުބާރާތުގައި ދަނީ އެއީ މި މެޗުގައި ވެސް 50-50 ކޮންމެ ބޯޅައެއްގެ ފައުލު ލިބެނީ ރާއްޖެ އަށް. އަހަރެންގެ ނަޒަރުގައި އޭއެފްސީން ވެސް އެބަޖެހޭ އެންމެ ރަނގަޅު ރެފްރީން މި މުބާރާތަށް ފޮނުވަން،" ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުކަން ވެސް ކުރަމުން އަންނަ އަލަގިޗް ބުންޏެވެ.
"އޭއެފްސީން އަޅައިނުލައިފިއްޔާ ފީފާ އަށް ވެސް ދާންވީ. ޔޫރަޕުން (ރެފްރީން) ގެންނަން ޖެހުނަސް އެކަން ވެސް ކުރަންވީ. ކޮންމެ މެޗެއްގައި ރެފްރީގެ މައްސަލަ ފެނިގެންނުވާނެ. އަހަރެމެންގެ ހުނަރު ނެތަސް އަހަރެމެން ވެސް މަސައްކަތް ކޮށްގެން އެބަކުޅެން،"
ރާއްޖެ އަށް ލިބުނީ ހައްގު މޮޅެއްތޯ އެހުމުން އަލަގިޗް އެ އަށް ސީދާ ޖަވާބެއް ނުދިނެވެ. އެކަމަކު، އޭނާ ވަނީ ރާއްޖެ އަށް ތައުރީފުކޮށްފަ އެވެ.

މެޗަށް ފަހު ރާއްޖޭގެ ކުޅުންތެރިންނާ އަލަގިޗް ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
އަލަގިޗް ބުނީ މުޅި މުބާރާތަށް ބެލިޔަސް ބޯޅަ ހިފަހައްޓައިގެން އެންމެ މޮޅަށް ކުޅުނީ ރާއްޖެ ކަމަށާއި އެ ކަމަށް ބާރުލިބޭނެ ސްޓެޓްސް ފެންނަން ހުރި ކަމަށެވެ.
"މިހާރު ރާއްޖޭން އެ ފެންނަ ކުޅުންތެރިން އަހަރެން މި ގައުމުގައި މީގެ ފަސް އަހަރު ކުރިން ހުރި އިރަށް ވުރެ މޮޅަށް އެބަ ކުޅޭ. މިއީ އަހަރެމެން (ލަންކާ) އަންނަން ޖެހޭ ލެވަލަކީ. ރާއްޖެ ކުޅޭ ލެވަލަށް އަންނަން ވިޔަސް ލަންކާ އިން އެބަޖެހޭ ކަންކަން ރަނގަޅުކުރަން،" އަލަގިޗް ބުންޏެވެ. "މިއީ އަހަރެމެންނަށް ރަނގަޅު ފިލާވަޅުތަކެއް ލިބުނު ފަހަރެއް،"
ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރު މުއްދަތަކަށް ކޯޗުކޮށްދިން އަލަގިޗް ބުނީ މިއަދުގެ މެޗުގައި ރާއްޖެ އަށް ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ކަމަށެވެ. އަދި ލަންކާގައި އޭނާ 18 މަސް ދުވަހު ހުރިއިރު ސަޕޯޓަރުންގެ ކުރިމަތީގައި ނުކުޅޭ ކަމަށާއި ސަޕޯޓަރުންގެ ބޭނުން ހިފައިގެން ރާއްޖޭން ދެއްކި ކުޅުން އަލަގިޗް ވަނީ ބަލައިގަނެފަ އެވެ.
ލަންކާ މި ފަހަރުގެ މުބާރާތުގައި ބަލިވެފައި ހުރި މެޗުތަކުން އެ ގޮތަށް ދިމާވީ ވަރަށް ހަނި ފަރަގަކުން ކަމަށް އަލަގިޗް ވަނީ ބުނެފަ އެވެ. އޭގެ އެއް މައްސަލަ އަކީ މި ލެވަލްގެ ތަޖުރިބާ މަދުވުން ކަމަށް އަލަގިޗް ފާހަގަކުރި އެވެ. އަދި ލަންކާ އިން މި ސަރަހައްދުގެ ފުޓްބޯޅައިގައި ވާދަކުރަން އެންމެ ބޮޑަށް ކުރަން ޖެހިފައި އޮތް ކަމަކީ މެދުތެރެ ރަނގަޅުކުރުން ކަމަށް އަލަގިޗް ގަބޫލުކުރެ އެެވެ.
"އަހަރުމެން ޓީމެއްގައި ނެތް 10 ދުވަސް ތެރޭ ހަތަރު މެޗު ކުޅުުނު ކުޅުންތެރިންނެއް. އިންޑިއާ ވިޔަސް ކޮންމެ ޓީމެއް ވިޔަސް އުނދަގޫވާނެ މި ގޮތަށް ކުޅެން ޖެހުނީމަ. އެއީ އިންސާނުންނަށް ފަސޭހަކަމެއް ނޫން އެއް ލެވަލެއްގައި މިހާ ކުރު މުއްދަތެއްގައި މެޗުތައް ކުޅުމަކީ،" އަލަގިޗް ބުންޏެވެ.
ލަންކާ އިން ދެން ތައްޔާރުވާނީ އަންނަ މަހު އެ ގައުމުގައި ބާއްވާ ފޯ ނޭޝަންސް ކަޕަށެވެ. އެ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ކުޅެނީ ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.












