އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީ ލަންކާ އަތުން 1-0 އިން މޮޅުވެ ރާއްޖެ ލީގު ބުރުގައި ކުރިއަށް ޖެހިލައިފި އެވެ.
ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ބަލިވި ނަމަވެސް ރާއްޖެ މި ވަނީ ދެން ކުޅުނު ދެ މެޗުން ބަންގްލަދޭޝް އާއި ލަންކާ އަތުން މޮޅުވެފަ އެވެ. ފަސް ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުރިއަށްދަނީ ލީގު ބުރެކެވެ. ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ބުދަ ދުވަހުގެރޭ އިންޑިއާއާ ދެކޮޅަށެވެ.
ރާއްޖެ ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ރާއްޖެއާ ޕޮއިންޓުން އެއްވަރުވެ، ފައިދާ ގޯލު އެއްވަރުވި ނަމަވެސް ޖެހި ގޯލުން ކުރި ލިބޭތީ އެވެ. ނޭޕާލުން ހަތަރު ގޯލު ޖަހާފައިވާއިރު، ރާއްޖެ އަށް އަދި ޖެހުނީ ތިން ގޯލެވެ. ނޭޕާލުން މިރޭ އިންޑިއާއާ ކުޅޭނެ އެވެ. މޮޅުވެއްޖެނަމަ ނޭޕާލަށް ފައިނަލުގެ ޖާގައެއް ޔަގީންވީ އެވެ.
ތިން ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ހަތަރެއްގައި ދެ މެޗުން ދެ ޕޮއިންޓާ އެކު އޮތީ އިންޑިއާ އެެވެ. ލަންކާ އަށް މިއަދުގެ މެޗުން މުބާރާތް ނިމުނުއިރު، އެ ޓީމަށް ލިބުނީ ހަތަރު މެޗުން އެއް ޕޮއިންޓެވެ.
ރާއްޖޭން މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ އެގާރަ އަށް އެންމެ ބަދަލެއް ގެނެސްގެންނެވެ. އެއީ އަސްހަދު އަލީ (އަޑުބަރޭ)ގެ ބަދަލުގައި އިބްރާހިމް އައިސަމް ހިމަނައިގެންނެވެ. އަޑުބަރޭ އަށް އަނިޔާވީ އެންމެ ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގަ އެވެ. އެ މެޗުގައި ވެސް އަޑުބަރޭގެ ބަދަލުގައި މެޗުގެ ބޮޑުބައި ކުޅުނީ އައިސަމް އެވެ.
ރާއްޖޭން މެޗު ފަށައިގެން ފަހަތަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ ހަތަރު ވަަނަ މިނިޓްގައި ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު އޮފްސައިޑްގައި ހުރެ ޖެހި ގޯލެއް ކަމަށް ބަލައި އެ ގޯލު ބަލައިނުގަތެވެ.
އޭގެ އިރުކޮޅެއް ފަހުން ރާއްޖޭން ވަނީ ފުރަތަމަ އެޓޭކްގައި ގޯލެއް ޖަހައިފަ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ހަ ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ހައިޝަމް ހަސަން އަށް ދިން ބޯޅަ އޭނާ ވަނީ އޭރިއާތެރޭގައި ހުސްކޮށް ހުރި އަލީ އަޝްފާގު (ދަގަނޑޭ) އަށް ހުރަސްކޮށްލައިފަ އެވެ. ދަަގަނޑޭ ފުއްމައިގެން އަރައި ބޮލުން ޖެހި ބޯޅަ ލަންކާ ކީޕަރު ސުޖަން ޕެރޭރާ އަތްމަތިން ވަނީ ގޯލުގެ ކަނަށެވެ.
ކައުންޓަ އެޓޭކުގައި މެޗުގެ އަށް ވަނަ މިނިޓްގައި ދަގަނޑޭ ހުސްކޮށްލާފައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އޭރިއާތެެރެއިން ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ. މެޗުގެ 14 ވަނަ މިނިޓްގައި އޭރިއާތެރެއިން ސެންޓޭ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
ލަންކާގެ ކުރިއަށް ކުޅޭ ޑިލޮން ޑި ސިލްވާ އަށް ލިބޭ ބޯޅަތަކުގައި ދިޔައީ ރާއްޖޭގެ ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. އެކަމަކު، އެ ބޯޅަތަކުގައި ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ސަމޫހު އަލީ (ސަމުއްޓެ) ދިޔައީ ރަނގަޅަށް ޑިފެންސް ކުރަމުންނެވެ.
މެޗުގެ 28 ވަނަ މިނިޓްގައި ރާއްޖެ އަށް ވަނީ ބަދަލެއް ގެންނަން ޖެހިފަ އެވެ. ކީޕަރު މުހައްމަދު ފައިސަލް އަަށް އަނިޔާވެ ބަދަލު ކުރަން ޖެހުނުއިރު، އޭނާގެ ބަދަލުގައި ކުޅެން އެރީ ދެ ވަނަ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ގައުމީ ޖޯޒީގައި ޗެކްގެ ފުރަތަމަ މެޗެވެ.
ރާއްޖޭން ވަނީ މެޗުގެ 44 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް އުފައްދައިފަ އެވެ. ދަގަނޑޭ ހުސްކޮށްލާފައި ހަމްޕު އަށް އޭރިއާތެރެއިން ދިން ބޯޅަ އޭނާ ޖައްސާލީ ފޭދޫ އިއްބެ އަށެވެ. ލަންކާ ކުޅުންތެރިއަކު ގައިގައި ޖެހިފައި ފޭދޫ އިއްބެ އަށް އެ ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އޭގެ އިރުކޮޅެއް ފަހުން ފޭދޫ އިއްބެ ހުސްކޮށްލާފައި ދިން ބޯޅައަކުން ސެންޓޭ ޖެހި ޝޮޓް ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފް ފެށިގެން މިނިޓެއް ނުވަނިސް ރާއްޖޭން ފުލުފުލުގައި ދެ ހަމަލާ ފޮނުވާލި އެވެ. ހަމްޕު ޖެހި ޝޮޓެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ފޭދޫ އިއްބެ ބޮލުން ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ ފައިން މަތަކޮށްފަ އެވެ. އޭގެ ފަހުން ދަގަނޑޭ އޭރިއާބޭރުން ޖެހި ބޯޅަ ވެސް އަމާޒުވީ ކީޕަރު ސުޖަން އަތަށެވެ.
ރާއްޖޭން ވަނީ މެޗުގެ ފަހު ވިއްސަކަށް މިިނިޓަށް ތިން ބަދަލެއް ކޮށްފަ އެވެ. ނާއިޒު ހަސަން (ދާދު) އާއި ހަސަން ރާއިފް (ހަންނަ) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) ކުޅެން އަރުވައިފަ އެވެ. މިއީ ގައުމީ ޖޯޒީގައި ހަންނަގެ ފުރަތަަމަ މެޗެވެ.
މެޗުގެ 73 ވަނަ މިނިޓްގައި ލަންކާގެ ކަވިންދޫ އިޝާން ރާއްޖެ އޭރިއާތެރެއިން ފޮނުވާލި ބޯޅައެއް ކީޕަރު ޗެކް ވަނީ ހުއްޓުވައިފަ އެވެ. ލަންކާ އިން ބަދަލުތަކާ އެކު ފަހު ކޮޅުގައި އެޓޭކްކޮށް ރާއްޖޭގެ ފަހަތަށް ޕްރެޝަރު ބޮޑުކުރަމުންދިޔަ އެވެ.
ރާއްޖެ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 87 ވަނަަ މިނިޓްގައި ސެންޓޭ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން ހަންނަ ޖެހި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔައިރު، ލަންކާގެ ވަސީމް ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.













