އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، ނޭޕާލުން އެ ޓީމަށް އިހުތިރާމްކުރާނެ ކަމަށާއި އެކަމަކު އިންޑިއާ ދެކެ ޖެހިލުންނުވާނެ ކަމަށް ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.
މި މެޗަށް ނުކުންނައިރު، ނޭޕާލް އޮތީ ހަ ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައިގަ އެވެ. މިރޭގެ މެޗުން މޮޅުވެއްޖެނަމަ، ނޭޕާލަށް ފައިނަލްގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވާނެ އެވެ.
އަނެއްކޮޅުން، ސާފް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ މި މުބާރާތުގައި މިހާތަނަށް ކުޅުނު ނަތީޖާތައް ދިޔައީ އެ ޓީމު އުންމީދުކުރި ގޮތަކަށް ނޫނެވެ. އިންޑިއާ މިހާތަނަށް ކުޅުނު ދެ މެޗު ވެސް އެއްވަރުވެ، އެ ޓީމު އޮތީ ދެ ޕޮއިންޓާއެކު އެވެ. މިއަދު ހަވީރު ރާއްޖޭން ލަންކާ ބަލިކޮށް، މިރޭ އިންޑިއާ އަށް މޮޅެއް ނުލިބިއްޖެނަމަ އެ ޓީމު ކަޓާނެ އެވެ.
މިރޭގެ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބަައްދަލުވުމުގައި މުތައިރީ ބުނީ އިންޑިއާ އަކީ ނޭޕާލަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ ޓީމެއް ކަމަށެވެ. އެކަމަކު ނޭޕާލުން އެ ޓީމު ދެކެ "ޖެހިލުންނުވާނެ" ކަމަށާއި ނޭޕާލުން އެ ޓީމަށް ދުލެއް ނުދޭނެ ކަމަށް މުތައިރީ ބުންޏެވެ.
"ރޭންކިން އަށް ބެލިޔަސް އިންޑިއާ އޮތީ މާ ކުރީގައި. ކޯޗަށް ބެލިޔަސް، އެ ޓީމުގައި ހުރީ ވޯލްޑް ކަޕް ވެސް ކުޅެފައި ހުރި ކޯޗެއް. އަހަރެން ދުވަހަކު ވެސް އަހަރެންގެ ގައުމުގެ (ކުވޭތުގެ) ގައުމީ ޓީމަކަށް ނުކުޅެން،" މުތައިރީ ބުންޏެވެ. "އަހަރަމެން އިންޑިއާ އަށް އިހުތިރާމް ކުރަން. އެކަމަކު އަހަރަމެން ޖެހިލުމެއް ނުވޭ. އެ ޓީމަށް ދުލެއް ނުދޭނަން."
މުތައިރީ ބުނީ ތާރީހާއި، ދެ ގައުމުގެ ފުޓްބޯޅައިގެ ހާލަތަށް ބަލާއިރު، މި މެޗުން މޮޅުވުމަށް ނޭޕާލަށް އޮތީ "1 ޕަސެންޓް" ކަމަށެވެ.
"މި މެޗުން އިންޑިއާ މޮޅުވާން އެބައޮތް 95 ޕަސެންޓް. އެއްވަރުވާނެ ކަމުގެ 4 ޕަސެންޓް. ނޭޕާލް މޮޅުވާނެ ކަމަށް ބުނެވޭނީ 1 ޕަސެންޓް. އެހެންވީމަ، އިންޑިއާ ކޮޅަށް މި އޮތީ ބުރަވެފައި،" މުތައިރީ ބުންޏެވެ.
މި މުބާރާތުގެ ކުރިން ނޭޕާލާއި އިންޑިއާ ވަނީ އެކުވެރިކަމުގެ ދެ މެޗު ނޭޕާލްގައި ކުޅެފަ އެވެ. އޭގެ ތެރެއިން އެއް މެޗު އެއްވަރުވިއިރު، އެއް މެޗުން އިންޑިއާ ވަނީ މޮޅުވެފަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ނޭޕާލް މޮޅުވެފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2013 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގަ އެވެ.
މި މުބާރާތުގައި ނޭޕާލް މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި އޮތުމުން، އެ ގައުމުގެ ސަޕޯޓަރުން ދަނީ އުފާފާޅުކޮށް، ނޭޕާލަށް ބޮޑު ކާމިޔާބެއް ލިބިފައިވާ ކަމަށް ބުނަމުންނެވެ. އެކަމަކު އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، މުތައިރިީ ބުނީ ސަޕޯޓަރުން މާ ބޮޑަށް އުފާފާޅުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ނޭޕާލަށް އަދި އެއްވެސް ކަމެއް ހާސިލްނުވާ ކަމަށެވެ.
"ފުރަތަމަ ދެ ފިޔަވަޅު އަހަރެމެން މި އެޅީ. އަދި އެބައޮތް ދެ ފިޔަވަޅު، (ފައިނަލަށް ދިއުމަށް) އަޅަންޖެހޭ. ނޭޕާލްގައި ހުއްޓުމެއް ނެތި އުފާފާޅުކުރުމަކީ ގޯހެއް. އަދި އަހަރަމެންނަށް އެއްވެސް ކަމެއް ހާސިލެއްނުވޭ،" މުތައިރީ ބުންޏެވެ.
ނޭޕާލާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9 ޖަހާއިރު އެވެ.












