ލަންޑަން (އޮކްޓޫބަރު 10) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އެންޑޯރާ ދަނޑުގައި 5-0 އިން މޮޅުވެ، އިންގްލެންޑުން އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.
އިންގްލެންޑް މި ވަގުތު އޮތީ ކޮލިފައިން ގްރޫޕް އައިގެ އެއް ވަނައިގައި ހަތް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތީ ރޭ ހަންގޭރީ އަތުން 1-0 އިން މޮޅުވި އަލްބޭނިއާ އެވެ. އެ ޓީމަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ސެން މެރީނޯގެ މައްޗަށް 5-0 އިން ކުރިހޯދި ޕޮލެންޑް ތިން ވަނައިގައި އޮތީ ހަތް މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ.
އެންޑޯރާ ދަނޑުގައި އަލިފާނުގެ ހާދިސާއެއް އެއް ދުވަސް ކުރިން ހިނގާފައިވާތީ ރޭގެ މެޗު ފަސްކުރެވިދާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މެޗު ވަނީ ކުޅެފަ އެވެ. ފީފާ ރޭންކިންގެ 156 ވަނައިގައި އޮތް އެންޑޯރާ ކޮޅަށް އިންގްލެންޑްގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 17 ވަނަ މިނިޓްގައި ޖޭޑަން ސަންޗޯ ދިން ބޯޅައަކުުން ފުލްބެކް ބެން ޗިލްވެލް އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިލް ފޯޑެން ދިން ބޯޅައަކުން ބުކާޔޯ ސަކާ ވަނީ އިންގްލެންޑްގެ ލީޑުފުޅާކޮށްދީފަ އެވެ. ދެ ވަނަ ހާފް ފެށިގެން 15 މިނިޓް ތެރޭ އިންގްލެންޑުން ތިން ވަނަ ގޯލެއް ޖެހިއިރު، މި ލަނޑު ކާމިޔާބުކުރީ މި ސީޒަނުގައި ރޯމާއާ ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ޓެމީ އަބްރަހަމް އެވެ. އިންގްލެންޑްގެ އަނެއް ދެ ގޯލު ޖެހީ ޖޭމްސް ވޯޑް-ޕްރައުސް އާއި ޖެކް ގްރީލިޝް އެވެ. ގްރީލިޝް ގޯލު ޖެހީ އިންގްލެންޑްގެ ގޯލުގައި ހުރި ސޭމް ޖޯންސްޓޯން ދިން ބޯޅައެއް ހިފައިގެން ގޮހެެވެ.
މި ނަތީޖާއާ އެކު އިންގްލެންޑުން މި ވަނީ ވޯލްޑް ކަޕް ކޮލިފައިންތަކުގައި ޖުމްލަ އެއްކޮށް ބަލިނުވެ 28 މެޗު ހަމަކޮށްފަ އެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު، ފިންލެންޑް ދަނޑުގައި ޔޫކްރެއިން ވަނީ 2-1 އިން މޮޅުވެފަ އެވެ. ސްކޮޓްލެންޑުން 3-2 އިން އިޒްރޭލް ބަލިކުރިއިރު، މޮލްޑޯވާ ދަނޑުގައި ޑެންމާކް މޮޅުވީ 4-0 އިންނެވެ. އަދި ސްވިޒަލެންޑުން ވަނީ 2-0 އިން ނޮދަން އަޔަލެންޑް ބަލިކޮށްފަ އެވެ.












