މެޗު ބަދަލުކޮށްލުމުގައި ތަފާތު ދެއްކީ އައިސަމް އާއި ނިހާޓް

ރޭގެ މެޗުގެ ތެރެއިން އައިސަމް (ވ) ބޯޅަ ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރޭގެ މެޗުގެ ތެރެއިން އައިސަމް (ވ) ބޯޅަ ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ރޭ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި 2-0 އިން ބަންގްލަދޭޝް ބަލިކުރި މުޅި މެޗު ޑޮމިނޭޓްކުރީ ރާއްޖޭންނެވެ. މެޗުގެ ރެފްރީ އިރާގުގެ ހަސަން ޔޫސެފް އަށް ވަރަށް ބޮޑަށް ފާޑުކީ ނަމަވެސް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން ވެސް ދެބަސްނުވި ކަމަކީ މޮޅެއް ހައްގުވަނީ ރާއްޖެ އަށް ކަމެވެ. ގައުމީ ކޯޗު އަލީ ސުޒޭން ވަކިވަކި ކުޅުންތެރިއަކަށް ކްރެޑިޓް ދިނުމުގެ ބަދަލުގައި ވަނީ "މުޅި ޓީމުގެ މަސައްކަތް" ފާހަގަކޮށްފަ އެވެ.

އިއްޔެ ހަވީރު އިންޑިއާ އާއި ސްރީ ލަންކާ އެއްވަރުވުމުން، ރޭގެ މެޗަށް ނުކުތްއިރު، ރާއްޖެ އޮތީ ފަސް ޓީމު ވާދަކުރާ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފުލުގަ އެވެ. ބަންގްލަދޭޝް އިން ފުރަތަމަ ދެ މެޗުގައި ލަންކާ ބަލިކުރުމަށް ފަހު އިންޑިއާއާ އެއްވަރުކޮށް ރަނގަޅު ރޫހެއްގައި ރޭގެ މެޗާ ކުރިމަތިލި ނަމަވެސް އޭގެ އަސަރެއް ރާއްޖެއާ ދެކޮޅަށް ނުފެނުނެވެ. ބަދަލުގައި ގައުމީ ޓީމު ފެނުނީ ރަނގަޅު ރޫހެއްގައި މެޗުގެ ފޯކަސް ގެއްލުވާނުލައި ކުޅުނުތަނެވެ.

ރާއްޖޭން މެޗު ފެށީ ނޭޕާލް އަތުން ފުރަތަމަ މެޗުގައި ބަލިވިއިރު، ބޭނުންކުރި ފުރަތަމަ އެގާރަ އަށް އެއް ބަދަލެއް ގެނެސްގެންނެވެ. އިބްރާހިމް އައިސަމްގެ ބަދަލުގައި ހުސެއިން ނިހާން (ނިހާޓް) ހިމަނައިގެންނެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންކަން ހޯދިއިރު، ސެމީ ފައިނަލާއި ފައިނަލުގައި މޮޅަށް ކުޅުނު ނިހާޓް ރޭގެ މެޗު ފަށައިގެން ސާބިތުކޮށްދެމުން ދިޔައީ އޭނާގެ މުހިއްމު ކަމެވެ. ރާއްޖޭން ޖެހި ފުރަތަމަ ގޯލުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަށް އެ އޯވަހެޑް ކިކް ޖެހުނީ ނިހާޓް ރަނގަޅު ވަގުތެއްގައި ގޮސް ޕްރެސް ކޮށްގެންނެވެ.

މެޗުގައި ދެން އެންމެ ބޮޑު އުސްއައްޔަކީ 22 ވަނަ މިިނިޓްގައި އަސްހަދު އަލީ (އަޑުބަރޭ) ފަޔަށް އަނިޔާވެގެން ބެންޗާ ދިމާލަށް އެނބުރި ބަދަލުކުރަން އިޝާރާތް ކުރުމަށެވެ. ވަގުތުން ރާއްޖޭގެ ކޯޗިން ޓީމު ކުޅެން އެރުވީ އައިސަމް އެވެ. އައިސަމް އެރި ހިސާބުން ރާއްޖޭން އެޓޭކިން ހާފް ތެރޭގައި ބޯޅަ ގެންގުޅުން އަވަސްވެ، ރަނގަޅު ވަގުތުތަކުގައި ޕާސްތައް ދިނެވެ. އައިސަމް އެރި ހިސާބުން ހުރިހާ ގޮތަކުން ރާއްޖޭން މެދުތެރޭގެ ކޮންޓްރޯލް ރާއްޖޭން ނަގައި، ރަނގަޅަށް ކުޅެ ބަންގްލަދޭޝަށް ޕްރެޝަރު ބޮޑުކޮށްލި އެވެ.

މެޗު ފެށުމުގެ ކުރިން ނިހާޓް: ރޭގެ މެޗަކީ ސާފް ޗެމްޕިއަންޝިޕްގައި އޭނާގެ ތިން ވަނަ މެޗު.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޯޗުންނާއި ސަޕޯޓަރުންގެ ވިސްނުން

އައިސަމްގެ ބަދަލަކީ ގިނަ ފުޓްބޯޅަ ސަޕޯޓަރުންނާއި ކުޅުންތެރިން ސިފަކުރާ ގޮތުގައި "ގޭމްޗޭންޖާ" އެވެ. އެއީ ހަގީގަތުގައި އެ ލެވަލްގެ ކުޅުމެއް އޭނާގެ ފަރާތުން ފެނިފައިވާތީ އެވެ. އަދި އައިސަމްއާ އެކު މެދުތެރެއަށް ކުޅުނު ނިހާޓްގެ ނަން ވެސް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. ޖުމްލަކޮށް މުޅި ޓީމުގެ މަސައްކަތް ފާހަގަކުރާ މީހުން ވެސް ގިނަ އެވެ.

ރާއްޖޭން 2008 ވަނަ އަހަރު އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، އެސިސްޓަންޓް ކޯޗަކަށް ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ) ރޭ "އަދަދު" އަށް ބުނީ މިހާ ޑޮމިނޭޓްކޮށް ރާއްޖޭން މި ވަރުގެ ކުޅުމެއް ދެއްކުމުގެ އެންމެ ބޮޑު ސަބަބަކީ ނިހާޓާއި އައިސަމް ކަމަށެވެ.

"އައިސަމް އާއި ނިހާންގެ އެ ކޮމްބިނޭޝަން މެޗު ބަދަލުކޮށްލީ. މި ދެ ކުޅުންތެރިން ދަގަނޑޭ އާއި ސެންޓޭ އަދި ހަމްޕު އަށް ލިބެންޖެހޭ އެއްބާރުލުން ވަރަށް ރަނގަޅަށް ދިން. ޖާގަތައް ލިބެންދެން ރަނގަޅަށް ޕާސް ކޮށް ބަންގްލަދޭޝް ހާފުގެ ތެރޭގައި ވަރަށް ރަނގަޅަށް ކުޅެގެން ހޯދި މޮޅެއް މިއީ،" އައިސަމް އަށް ކްލަބް އީގަލްސްގައި މީގެ ކުރިން ކޯޗުކޮށްދިން ސާންތީ ބުންޏެވެ.

ގައުމީ ޓީމަށް ހިތްވަރުދޭން ބޭއްވި ސައިކަލް ބުރުގެ ތެރެއިން ޔުނައިޓެޑް ވިކްޓްރީގެ މެނޭޖަރު ފަސީން (ކ) ސާންތީ (މ) އަދި ގައުމީ ކޯޗު ސުޒޭން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޒުވާން ކޯޗު އަދި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޓެކްނިކަލް ޓީމު މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒުވާން ކޯޗު އިބްރާހިމް ސައީދު (ކަކާ) ބުނީ އަހަރެމެން އެންމެން ދުނިޔޭގެ ފުޓްބޯޅައިގައި މިޑްފީޑަރުންގެ މަގާމުގައި ކުޅޭ އެކި ނަން މަޝްހޫރު ކުޅުންތެރިން ދައްކާ ކުޅުމަށް ތައުރީފުކުރާ ކަމަށެެވެ. އަދި ހަމަ ގޮތަށް ރާއްޖޭގެ މެދުތެރެއިން ވެސް ރަނގަޅު ފުޓްބޯޅައެއް ކުޅެން އެ ކުރާ މަސައްކަތް ބަލަން ޖެހޭ ކަމަށް ކަކާ ފާހަގަކޮށްފައިވެ އެވެ

"މީގެ ކުރިން މެދުތެރޭގައި އެ ފުޓްބޯޅަ ކުޅެން ހުރީ އިބްރާހިމް ފަޒީލް (އޮއްޕޮ). މިހާރު ގައުމީ ޓީމުގައި ވެސް އެ ފަދަ މިޑްފީލްޑަރަކު ފެނިއްޖެ. މިޑްފީލްޑަރެއް އެއީ އެންމެ އެފެކްޓިވް ބައި މޮޅު ރީތި ފުޓްބޯޅައެއް ކުޅެން،" ކަކާ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗު ސުޒޭން ވެސް ވަނީ ތިރިން ޕާސްކޮށްގެން އެ ކުޅޭ ފުޓްބޯޅަ އަށް ދިވެހި ޓީމު ސެޓް ކުރުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ތެރެއިން ކުރަމުން އައިސް މިހާރު އޭގެ އަސްލު މާނައިގައި ކުޅެމުން އަންނަ ކަމަށެވެ.

މެޗުގައި ފާހަގަކޮށްލެވޭ އެހެން އުސްއަލިތައް

ރޭގެ މެޗުގެ އެންމެ ބޮޑު އުސްއައްޔަކީ ހަމްޕުގެ އެ މޮޅު ގޯލެވެ.

ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި ނޭޕާލް އަތުން ރާއްޖެ ބަލިވުމުން ފުޓްބޯޅައިގައި ޝާމިލުވެ އުޅޭ ހުރިހާ ކޯޗުން ވެސް އިއްތިފާގުވަމުން ދިޔަ އެއް ކަމަކީ އެއް ގޯލު ޖެހޭ ހިސާބުން ރާއްޖޭގެ ޓީމު ތަފާތު ވާނެ ކަމުގެ ޔަގީންކަމެވެ.

ބަންގްލަދޭޝްގެ ކޯޗު އޮސްކާ ވަނީ ރޭ ހަމްޕު ޖެހި ގޯލަށް ފަހު ބަންގްލަދޭޝްގެ ކުޅުންތެރިންނަށް ދެން ކަންތައް ކުރާނެ ގޮތެއް ނޭނގި މެޗު އަތުން ދޫވި ކަމަށް ބުނެފަ. އަދި ރާއްޖޭން ފަހުން ގިނަ ގޯލު ޖަހާން ފުރުސަތު ލިބުނު ކަމަށް ވެސް އޮސްކާ ވަނީ ބުނެފަ އެވެ.

މިދިޔަ ތިން ވަރަކަށް އަހަރު ރާއްޖޭގައި އެއް ލެވަލެއްގައި ކުޅުން ދެމެހެއްޓި އެއް ކުޅުންތެރިއަކީ ހަމްޕު އެވެ. ރޭގެ މެޗުގައި ލަނޑު ޖެހުމުގެ އިތުރުން ހަމްޕު ވަނީ ބަންގްލަދޭޝްގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. މިއީ ހަމްޕުގެ ތިން ވަނަ ސާފް ޗެމްޕިއަންޝިޕެވެ. އޭނާ ރޭ މި މުބާރާތުގައި ފުރަތަމަ ގޯލު ޖެހިއިރު، ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލު ކާމިޔާބުުކުރީ 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި ހަމަ ބަންގްލަދޭޝް ކޮޅަށެވެ.

އޮސްކާ ވަނީ ރޭގެ މެޗުގެ ކުރިން ރާއްޖޭގެ ޑިފެންސްލައިން "ބަލިކަށި" ކަމަށް ސިފަވާގޮތަށް ވާހަކަ ދައްކައިފަ އެވެ. އެކަމަކު، ގައުމީ ޓީމުގެ ދެ ސެންޓްރަލް ޑިފެންޑަރު ކަމަށްވާ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ސަމޫހު އަލީ (ސަމުއްޓެ)ގެ އިތުރުން ދެ ފުލްބެކުންގެ ރޯލު އަދާކުރި ހުސެއިން ސިފާއު (ކުރޯ) އަދި ހައިޝަމް ހަސަން (ބިޑި) ވަނީ ބަންގްލަދޭޝަށް މާ ހުސް ފުރުސަތެއް ނުދީ އަދި އެ ޓޭކުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެެވެ.

ރޭގެ ލަނޑަށް ފަހު ދަގަނޑޭ (ވ) ހަމްޕު އުރާލައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރޭގެ މެޗުގައި ގައުމީ ޓީމުން ދެ ވަނަ ހާފް ފެށުނުތަނުން ނާއިޒު ހަސަން (ދާދު) ކުޅެން އެރުވުމަކީ ވެސް ބަންގްލަދޭޝަށް ޕްރެޝަރު ބޮޑުވި ސަބަބެކެވެ. ގައުމީ ޓީމަށް އަލަށް ކުޅުނު މެޗުގައި 2015 ވަނަ އަހަރު ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުކޮށްދިން ގޯލު ޖެހި ދާދު ރޭ ވަނީ ދެ ވަނަ ހާފްގައި ކުޅެން އަރައި މޮޅަށް ކުޅެފަ އެވެ. ރާއްޖެ އަށް ލިބުނު ޕެނަލްޓީ ހޯދައިދިނީ ވެސް ދާދު އެވެ.

އުމުރުން 36 އަހަރުގެ ދަގަނޑޭ ލައިގެން ގައުމީ ޓީމުން އޭނާގެ ބޭނުންހިފާނެ ގޮތްގޮތުގެ އެކި ޕްލޭންތައް ޓްރެއިނިންތަކުގައި ދިޔައީ ހަދަމުންނެވެ. އޭގެ ފޯމިއުލާތަކެއް ވެސް ވަނީ ހޯދިފަ އެވެ.

ރޭގެ މެޗުގައި ބަންގްލަދޭޝަށް ދަގަނޑޭ ހުއްޓުވާން ޖެހުނީ ގިނަ ފައުލުތަކެއް ކޮށްގެންނެވެ. ކޮންފިޑެންސާ އެކު ބޯޅަ ހިފަހައްޓައިގެން ދަގަނޑޭ ކުޅުނުއިރު، އޭނާ ވަނީ އެހެން ކުޅުންތެރިންނަށް ގޯލެއް ޖެހޭތޯ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ އެވެ. އޭރިއާތެރެއިން ދަގަނޑޭ ވަނީ ހަމްޕު، ދާދު އަދި ސެންޓޭ އަށް ގޯލެއް ޖަހަން ފުރުސަތު ތަކެއް ފަހިކޮށްދީފަ އެވެ. އެކަމަކު އޭގެއިން ގިނަ ހަމަލާތައް ވީ ބްލޮކް އެވެ. ދަގަނޑޭ ރޭގެ މެޗުގައި ޕެނަލްޓީ އަކުން ޖެހި ގޯލަކީ ސާފް ޗެމްޕިއަންޝިޕް މެޗެއްގައި ގަލޮޅު ދަނޑުގައި ޖެހި ފުރަތަމަ ގޯލެވެ.

ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވުމުން ގައުމީ ޓީމުގެ ކުޅުންތެރިންގެ މެސެޖަކަށްވީ "އެނބުރި އަންނާނީ ވަރުގަދަކޮށް" ކަމެވެ.

ބަންގްލަދޭޝް ކައިރީގައި ރޭ އެ ފަދަ ކުޅުމެއް ފެނުނެވެ. އެކަމަކު މި ހިސާބުން ފަރުޖައްސައިލެވެން ނެތެވެ. އާދިއްތަ ދުވަހު ހަވީރު ލަންކާއާ ދެކޮޅަށް ކުޅޭ މެޗާއި ބުދަ ދުވަހުގެެރޭ އިންޑިއާއާ ބައްދަލުކުރާ މެޗުން މޮޅުވެގެން ކޮންފިޑެންސާ އެކު ފައިނަލުގެ ޖާގަ އަކަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox