އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ބަންގްލަދޭޝް އަތުން 2-0 މޮޅުވެ، ރާއްޖޭން އުންމީދު އާކުރިއިރު، މި މުހިއްމު މޮޅާއެކު ގައުމީ ކޯޗު އަލީ ސުޒޭންގެ ތައުރީފް އޮއްސާލީ ދިވެހި ކުޅުންތެރިންނަށެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް ބަލިވެފައި އޮތުމުން، ބޮޑު ޕްރެޝަރަކާ އެކު މިރޭގެ މެޗަށް ނުކުތް ރާއްޖެ އަށް މުހިއްމު ތިން ޕޮއިންޓް ލިބުނީ ދެ ވަނަ ހާފުގައި ހަމްޒާ މުހައްމަދު (ހަމްޕު) އާއި އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ލަނޑުތަކުންނެވެ.
މި މެޗުން މޮޅުވެ، ރާއްޖެ ވަނީ ތިން ޕޮއިންޓާ އެކު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ރާއްޖެ އަށް މުބާރާތުގައި ބާކީ ދެ މެޗު އޮތުމާއެކު، ފައިނަލަށް ދިއުމުގެ އުއްމީދު ވަނީ އާވެފަ އެވެ. އެއީ އާދިއްތަ ދުވަހު ހަވީރު ސްރީ ލަންކާއާ ކުޅޭ މެޗާއި ބުދަ ދުވަހުގެރޭ އިންޑިއާއާ ބައްދަލުކުރާ މެޗެވެ.
ބަންގްލަދޭޝްގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ މި މެޗުން ރާއްޖެ މޮޅުވީ ކުޅުންތެރިން ކުރި މަސައްކަތާއި، އެ ކުޅުންތެރިން ކުރި ހިތްވަރުގެ ސަބަބުން ކަމަށެވެ.
"ކުޅުންތެރިންގެ ހިތްވާރާއި މޯޓިވޭޝަނުން ލިބުނު މޮޅެއް މިއީ. ކުޅުންތެރިން ތިބީ ގައުމީ ދުވަހު، ދިވެހިންނަށް ކަމެ އްކޮށްދޭން ވަރަށް ބޭނުންވެފައި،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވުމާއެކު، ރާއްޖެ އޮތީ ވަރަށް ޕްރެޝަރުގައި ކަމަށެވެ. އެކަމަކު، މި މުބާރާތުގައި މިއަދު ހަވީރު އިންޑިއާ އާއި ލަންކާ ބައްދަލުކުރި މެޗު އެއްވަރުވުމާ އެކު، ކުޅުންތެރިންނަށް އިތުރު "މޯޓިވޭޝަނެއް" ލިބުނު ކަމަށެވެ.
"އަޅުގަނޑު (ފުރަތަމަ މެޗަށް ފަހު) މެޗެއް ނުކުޅެ ތިއްބައި ބައިވަރު މެޗުތަކެއް ކުޅެފި. މި މެޗުތަކުގެ ނަތީޖާ ދިޔައީ އަޅުގަނޑުމެންނާ އިދިކޮޅަށް (ގައުމީ ޓީމަށް ޕްރެޝަރުވާ ގޮތަށް). އިންޑިއާ އަށް ޕޮއިންޓެއް ގެއްލުމަކީ ރިލީފެއް (ހަމަޖެހުމެއް). އެ ހިސާބުން ކުޅުންތެރިންނަށް ވެސް ގަބޫލްކުރެވުނު މިރޭގެ މެޗުން މޮޅުވެފައި ލަންކާއާ ކުޅޭ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ، (ފައިނަލްގެ) ފުރުސަތު ލިބިދާނެކަން،" ސުޒޭން ބުންޏެވެ.
މިރޭގެ މެޗުގައި ގައުމީ ޓީމުން ގެނައި ބަދަލުތަކުގެ ތެރެއިން، އިބްރާހިމް އައިސަމް އާއި ނާއިޒް ހަސަން (ދާދު) ކުޅެން އެރުވުމުން، ޓީމަށް ރަނގަޅު އަސަރެއް ކުރި އެވެ. ސުޒޭން ބުނީ މި މެޗުން ރާއްޖެ މޮޅުވީ އޭނާ ގެނައި ބަދަލުތަކެއް ސަބަބަކުން ނޫން ކަމަށެވެ. އަދި މި މެޗުން މޮޅުވުމުގެ އެންމެ ބޮޑު ސަބަބަކީ، ކުޅުންތެރިންގެ "މޯޓިވޭޝަން" ކަމަށެވެ.
ސުޒޭން ބުނީ ގައުމީ ޓީމުން މިދިޔަ ޖޫން މަހުން ފެށިގެން ރަނގަޅު ފުޓްބޯޅައެއް ކުޅެން އުޅޭ ކަމުގެ އަސަރު މި މުބާރާތުން ވެސް އެބަފެންނަ ކަމަށެވެ. ނޭޕާލް މެޗުން މޮޅު ނުވިކަމުގައި ވިޔަސް ރަނގަޅު ޕާސިން ގޭމެއް ފެނުނު ކަމަށާއި އަދި 400 އަށް ވުރެ ގިނަ ޕާސް ދިވެހި ގައުމީ ޓީމެއް ޖަހާލި މެޗެއް ހޯދަން އުނދަގޫވާނެ ކަމަށް ސުޒޭން ބުނެފައިވެ އެވެ.












