ބަންގްލަދޭޝް ކޮޅަށް މިރޭ ޕެނަލްޓީއަކުން ލަނޑު ވައްދާލުމަށް ފަހު އަލީ އަޝްފާގް (ދަގަނޑޭ) އުފާފާޅުކުރަން ދުއްވައިގަތް ވަގުތު އޭނާ އަށް މަރުހަބާ ކިޔައި ބައްދާލަން އައީ މުހައްމަދު އުމެއިރެވެ. އެކަމަކު ދަގަނޑޭގެ އަތުގެ އިޝާރާތުން އެންގީ އިހަށް އޭނާ އަށް އެކަނި ފުރުސަތެއް ދިނުމަށެވެ. އެދިޔަ ގޮތަށް ގޮސް ދަގަނޑޭ ކޯނަރު ދަނޑި ކައިރިއަށް އެއްލީ ބުރެކެވެ.
އެއީ ދަގަނޑޭގެ ޓްރޭޑްމާކް ގޯލް ސެލެބްރޭޝަނެވެ. އެކަމަކު އެ ހާއްސަ އުފާފާޅުކުރުން އޭނާގެ ކިބައިން ފެންނަނީ ހާއްސަ މެޗުތަކުގަ އެވެ. އެކަމަށް މިރެއަށް ވުރެ ވަކި ހާއްސަ ރެޔެއް އޮންނާނެ ހެއްޔެވެ؟
ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ސްޕޮޓް މަތީ މަޑުކޮށްލާ ހިނދުކޮޅެއްގެ މަޑުކޮށްލުމަކުން އިދިކޮޅު ގޯލްކީޕަރު ޑައިވްކުރުވާ، އެ ޑައިވް ޖަހާ ދިމާ ނޫން ދިމާލަށް ހަމަޖެހިލާފައި ޕެނަލްޓީ ވައްދާލުމަށް މި ޒަމާނުގައި ބޭނުންކުރާ މަޝްހޫރު އުކުޅު ބޭނުންކޮށް ދަގަނޑޭ ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕުގައި މިރޭ އެ ޖަހައިދިނީ ހާއްސަ ގޯލެކެވެ.
އަމިއްލަ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ރާއްޖެ ބަލިވެ، ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ހޯދަން މޮޅުވާން މަޖުބޫރު މެޗުގައި ވައްދާލި އެ ގޯލާ އެކު ރާއްޖެ އަށް ފުރަތަމަ ތިން ޕޮއިންޓް ކަށަވަރުވީ އެވެ.
ހަމްޒާ މުހައްމަދު (ހަމްޕު) އޯވާހެޑް ކިކަކުން ވައްދާލި އެހާމެ މޮޅު، ހިތްގައިމު ގޯލުން ރާއްޖެ އަށް ލީޑު ލިބުމާ އެކު، ރާއްޖޭން، ކުރިން ކުޅެމުން ދިޔަ ގޮތާ ހިލާފަށް މަޑުމަޑުން ފަހަތަށް ޖެހުނެވެ. އެ ވަގުތު ބަންގްލަދޭޝުން ހުސްވި ޖާގަތަކުން ޕާސް ޖަހައި މެޗުގެ ތެރެއަށް ވަންނަން ފެށި އެވެ. އެވަގުތު އެތަނުން ބޯޅައެއް ނާކާމިޔާބުކޮށްލައި ރާއްޖޭން އުފެއްދި ކައުންޓާ އެޓޭކެއްގައި ނާއިޒް ހަސަން (ދާދު) އެކަނިމާއެކަނި އަރައި އޭރިއާ ތެރެއަށް ވަނެވެ. އެކަމަކު އެ ބޯޅަ ގޯލް ކުރިމައްޗަށް ހުރަސްކުރަން އުޅެނިކޮށް ބަންގްލަދޭޝް ޑިފެންޑަރު އޭނާ ވައްޓާލުމުން ރެފްރީ ރާއްޖެ އަށް ޕެނަލްޓީ ދިނީ އެވެ.

ދަގަނޑޭ ގޯލް ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ދަގަނޑޭގެ ޕެނަލްޓީއާ އެކު، މެޗު ނިމުނު ފަދަ އެވެ. ބަންގްލަދޭޝް ކުޅުންތެރިންގެ ފަރާތުން ފަހުން މާބޮޑު އެޓޭކެއް ނުފެނެ އެވެ. އެ ގޯލާ އެކު އެންމެ ފާހަގަކުރެވުނީ ދަގަނޑޭގެ އިތުބާރު ބޮޑުވިތަނެވެ. އޭނާގެ ބިލްޑަޕް ކުޅުމުން އުފެއްދި ދެ ހަމަލައެއްގައި ރާއްޖެ ގޯލް ޖެހުމާ ގާތަށް ވެސް ދިޔަ އެވެ.
އޭގެ އިތުރުން ދަގަނޑޭ އަށް މި ގޯލް ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. މިއީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ދަގަނޑޭ އަށް ފުރުސަތު ނުލިބޭތީ، 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމުގައި އޮތް މުބާރާތުގެ ފަހުން އޭނާ ޖެހި ފުރަތަމަ ގޯލެވެ. ފާހަގަކުރަން ޖެހޭ ކަމަކީ މިރޭގެ ކުރިން މި މުބާރާތުގައި އޭނާގެ އެންމެ ފަހު ގޯލް ޖެހީ ވެސް ބަންގްލަދޭޝާ ދެކޮޅަށް ކަމެވެ. އެއީ ވެސް ހަމަ ޕެނަލްޓީއަކުންނެވެ.
އެހެންވެ މިރޭގެ މެޗަށް ފަހު ބަންގްލަދޭޝްގެ ނޫސްވެރިޔަކު ދަގަނޑޭ ގާތު އެ ސުވާލު އެހި އެވެ. މިރޭގެ ގޯލް ކިހާ ހާއްސަތޯ އެވެ؟ އެކަމަކު ދަގަނޑޭ ދިނީ ފިނި އެކަމަކު ޓީމުވަންތަ ޖަވާބެކެވެ.
"ގޯލެއް ނޫން މުހިއްމީ. ޓީމު މޮޅު ވަންޏާ ނިމުނީ. ކާކުތޯ ގޯލް ޖެހީ ބަލާކަށް ބޭނުމެއް ނޫން،" ސާފް ޗެމްޕިއަންޝިޕުގައި 21 ގޯލް ޖަހައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ދަގަނޑޭ ބުންޏެވެ.
އޭނާ ބުނީ މި މުހިއްމު މޮޅު ހާއްސަކުރަނީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ގައުމީ ދުވަހަށް ކަމަށެވެ.
"މިއީ ހުރިހާ ކުޅުންތެރިންގެ މަސައްކަތުން ގައުމީ ދުވަހު ގައުމަށް ދިން ހަދިޔާއެއް،" ދަގަނޑޭ ބުންޏެވެ.













