އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީލަންކާ އިން ލަނޑެއް ޖެހިޔަނުދީ އިންޑިއާ ހިފެހެއްޓި މެޗުގައި ދަނޑަށް ކުޅެން އައި ޓީމަކީ އިންޑިއާ ކަމަށާއި ލަންކާ އައީ ވަކި މަގުސަދެއްގައި މެޗުގެ ވަގުތު ބޭކާރުކުރަން ކަމަށް އިންޑިއާ ފުޓްބޯޅަ ޓީމުގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.
މިއީ 2003 ވަނަ އަހަރަށް ފަހު ލަންކާ އިން ސާފް ޗެމްޕިއަންޝިޕެއްގައި އިންޑިއާއާ އެއްވަރުކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން ސީނިއާ ފުޓްބޯޅައިގައި ލަންކާއާ ވާދަކުރި ހަތަރު މެޗުން ވެސް އިންޑިއާ މޮޅުވި އެެވެ. ލަންކާ މި މެޗުން އެއްވަރުވެ ކެޓި ނަމަވެސް އެ ޓީމުން ވަނީ މޮޅެއްގެ ގޮތުގައި އުފާފާޅުކޮށްފަ އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓިމަކް ބުނީ މެޗާ ބެހޭގޮތުން ދައްކާނެ ވާހަކަ އަކަށް އޮތީ ފުޓްބޯޅަ ކުޅެން އައީ އެއް ޓީމެއް ކަމަށެވެ. ލަންކާ އިން ޕްލޭނާ އެއްގޮތަށް މެޗު ލަސްކޮށްގެން ކުޅުނު ނަމަވެސް އިންޑިއާ ފުރަތަމަ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު ވަރަށް ވުރެ އަވަހަށް ޕާސްކޮށްގެން ކުޅުނު ކަމަށް ސްޓިމަކް ވަނީ ބުނެފަ އެވެ.
"ގޯލު ނުޖެހުން މި މައްސަލަ އަކީ. އެ މައްސަަލަ އަހަރުމެންނަށް ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ދިމާވި. އެއީ މި މެޗުގެ ވެސް މައްސަލަ. ސްރީލަންކާ ކަހަލަ ޓީމުތަކާ ދެކޮޅަށް ގޯލު ނުޖެހެންޏާ އަަހަަރެމެން އަމިއްލަ ނަފްސާ ސުވާލުކޮށްލުން ރަނގަޅު ކީއްވެތޯ އެހާ ބިރެއް މި ގަންނަނީ ގޯލު ކުރިމަތީގައި،" ސްޓިމަކް ބުންޏެވެ.
"މި ފެންނަނީ އަހަރެމެންނަށް ގޯލު ނުޖެހޭތަން. އަހަންނަށް ގޮސް ގޯލެއް ނުޖެހޭނެ. ކުޅުންތެރިން ގޯލު ޖަހަން މި ޖެހެނީ،"
ސްޓިމަކް ބުނީ ސާފް ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކަކީ ހަގީގަތުގައި މި ބައްރުގެ ފުޓްބޯޅަ ޑިވެލޮޕްކުރަން ކުޅެގެން ރަނގަޅު ކަންތައްތަކެއް ހާސިލްކުރަން ޖެހޭ މުބާރާތެއް ކަމަށެވެ. އެކަމަކު، އޭގެ ބަދަލުގައި ބައެއް ޓީމުތަކުގެ ރޭވުން ހުންނަނީ ހަމައެކަނި ވަކި ކަންކަމަށް ޓާގެޓްކޮށްފައިކަން ސްޓިމަކް ފާހަގަކުރި އެވެ.
"ދަނޑުމަތީގައި 28 ނޫނީ 35 މިނިޓް ވަންދެން އޮށޯވެގެން އޮންނަން ދަސްކޮށްދިނުން ރަނގަޅެއް ނޫން،" ހިތްހަމަ ނުޖެހިފައި ހުރެ ސްޓިމަކް ބުންޏެވެ.
އިންޑިއާ އަށް ވަނީ މުބާރާތުގައި ކުރިއަށްދާން ބަލާއިރު، ދެ މެޗު ކުޅެ މޮޅެއް ނުލިބުމުން ޕްރެޝަރު ބޮޑުވެފަ އެވެ. ފުރަތަމަ މެޗުގައި އިންޑިއާ ވަނީ 1-1 އިން ބަންްގްލަދޭޝާ އެއްވަރުވެފަ އެވެ.
ލީގު ބުރުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ފަހު އެއް ވަަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ނޭޕާލް އެވެ. ދެ ވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ބަންގްލަދޭޝް އޮތްއިރު، ތިން ވަނައިގައި އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އިންޑިއާ އެވެ. ހަތަރެއްގައި ތިން މެޗުން އެއް ޕޮއިންޓާ އެކު ލަންކާ އޮތްއިރު، އެންމެ ފުލުގައި ރާއްޖެ އޮތީ އެއް މެޗު ކުޅެގެން ޕޮއިންޓެއް ނުލިބި އެވެ. ރާއްޖެ މިރޭ ދެ ވަނަ މެޗުގައި ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ.
މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެކެވެ. އިންޑިއާ އަށް ކުރިއަށް އޮތީ ނޭޕާލާއި ރާއްޖެ މެޗެވެ. ސްޓިމަކް ބުނީ އެ ދެ މެޗާ ވެސް ކުރިމަތިލާނީ އިތުބާރާ އެކު މޮޅެއް ހޯދުމަށް ކަމަށެވެ.
"ބައެއް ފަހަރު ފަސޭހަ ކޮށްލެވޭ މެޗު އެންމެ އުނދަގޫ މި ވަނީ. އަނެއް ކޮޅުން ފަސޭހަ މެޗު ވަރަށް އުނދަގޫ ވެސް އެބަވޭ. މިހާރު ކުރަން ޖެހޭ ކަމަކީ ނޭޕާލާއި ރާއްޖެ ބަލިކުރުުން ފައިނަލަށް ދަންޏާ. ނޭޕާލް މެޗު ވަރަށް މުހިއްމު އެބަވޭ މޮޅުވާން. އަހަރެންގެ ކޮންފިޑެންސް އެބައޮތް މޮޅުވެވޭނެ ކަމުގެ،" ސްޓިމަކް ބުންޏެވެ.

ލަންކާ އިން މެޗަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
މުބާރާތުން ކެޓިޔަސް ލަންކާ އަށް އުފާވެރި ނަތީޖާއެއް
މުބާރާތުގައި ކުރިއަށްދާން ބަލާއިރު، މިއަދު އިންޑިއާ އަތުން ޕޮއިންޓަކުން ލަންކާ އަށް ފަރުޖައްސާލެވެން ނެތެވެ. އެއީ ލަންކާ އަށް މިއަދު މޮޅެއް ނުލިބުމުން އެ ޓީމު ވަނީ ކަޓައިފަ އެވެ.
ސްރީލަންކާގެ ކޯޗު އާމިރް އަލަގިޗް ބުނީ މިއީ މިހާތަނަށް ލަންކާއާ ހަވާލުވެގެން އޭނާ އަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ ކަމަށެވެ. އަދި އިންޑިއާ ފަދަ ވަރުގަދަ ލީގަކުން ކުޅުންތެރިން ނަގައިގެން އައި ޓީމެއް ކައިރީގައި މިދިޔަ 18 ވަރަކަށް މަސް ދުވަހު ހުސް ބަލިވަމުން އައި ޓީމެއް މި ކުރި ހިތްވަރު ފާހަަގަކުރާނެ ކަމަށް އަލަގިޗް ބުންޏެވެ.
"ސްރީލަންކާގައި އެބަތިބި ހަގީގަތުގައި އެއްވެސް ކަމެއް ނެތި އަހަންނަށް ފާޑުކިޔާ މީހުން. މިއީ އެ މީހުން ބަލާލަން ރަނގަޅު މެޗެއް. 18 ވަރަކަށް ދުވަހުގެ ތައްޔާރީ އަށް ފަހު އެންމެ ފަހުން 12 މެޗުގައި މޮޅެއް ނުލިބި އޮތް ޓީމަކުން މި އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން. މިއަދު އިންޑިއާ ކަހަލަ ޓީމަކާ އޮގަނައިޒް ކުޅުމެއް ކުޅެގެން ޕޮއިންޓެއް މި ހޯދީ،" ބޮސްނިއާ އަށް އުފަން އަލަގިޗް ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުން ޕެނަލްޓީ އަކުން ލަންކާ ވަނީ 1-0 އިން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ވަނީ ނޭޕާލާ ދެކޮޅަށް ހިތްވަރު ގަދަ ކުޅުމެއް ދެއްކި ނަަމަވެސް 3-2 އިން ބަލިވެފަ އެވެ.
"އަހަރެން އެންމެ ފުރަތަމަ ވެސް ބުނިން ނަތީޖާ ކޮންމެ ގޮތަކަށް ވެސް ގޮސްފާނެއޭ. އަހަރެމެން މިތަނަށް އައި ބޭނުމަކީ ދަސްކުރުމޭ. އެކަމަކު އެއީ ވެސް ކޮންމެ ވެސް ހިސާބަކުން ހުއްޓޭނެ ކަމެއް. އެއީ ނަތީޖާ ވެސް ނެރެން ޖެހޭ. މިއަދަކީ ނަތީޖާ ނެރެންކުޅެ އޮގަނައިޒް ކުޅުމެއް ދެއްކި ދުވަހެއް،" އަލަގިޗް ބުންޏެވެ.
ކަޓާފައި އޮތް ނަމަވެސް އަންނަ އާދިއްތަ ދުވަހު ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ލަންކާ އިން ނުކުންނާނީ މޮޅެއް ހޯދުމަށް ކަމަށް އަލަގިޗް ވަނީ ބުނެފަ އެވެ. އެއީ ލަންކާ މި ފަހަރުގެ މުބާރާތުގައި ކުޅޭނެ ފަހު މެޗެވެ.












