ލަންޑަން (އޮކްޓޫބަރު 7) - އާސެނަލަށް ކުރިން ކުޅުނު ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ދެކުނު އޭޝިއާގެ ކުޅުންތެރިންނަށް ހާއްސަކޮށް އިންގްލެންޑްގެ ބްރެޑްފޯޑްގައި ޑިވެލޮޕްމަންޓް ސެންޓަރެއް ހުޅުވަން ނިންމައިފި އެވެ.
އިނގިރޭސިވިލާތުގައި ދެކުނު އޭޝިއާ ދަރިކޮޅަށް ނިސްބަތްވާ ތިން މިލިއަނެއްހާ މީހުން ދިރިއުޅެ އެވެ. އާބާދީގެ ނިސްބަތަށް ބަލާކަމުގައިވާ ނަމަ މިއީ އިނގިރޭސިވިލާތުގެ އާބާދީގެ ހަތް ޕަސެންޓެވެ. އެހެން ނަމަވެސް މިހާތަނަށް ދެކުނު އޭޝިއާ އަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އިނގިރޭސި މަތީ ޑިވިޝަންތަކުގައި ޕްރޮފެޝަނަލް ލެވަލްގައި ކުޅެވުނީ 11 ވަރަކަށް ކުޅުންތެރިންނަށެވެ.
މި ފަރަގު ކުޑަކުރަން އޮޒިލް ވަނީ އިނގިރޭސި އެފްއޭ އާއި އިނގިރޭސި ފުޓްބޯޅައިގެ ޕީސް އޯގަނައިޒޭޝަނާ ގުޅިގެން މަސައްކަތްތަކެއް ފަށަން ނިންމައިފަ އެވެ. ޕީސް އޯގަނައިޒޭޝަން ހިންގަނީ އިންގްލެންށްގައި ކުރިން ކުުޅުނު ދެކުނު އޭޝިއާ ކުޅުންތެރިޔާ ކާޝިފް ސިއްދީގީ އެވެ.
ސިއްދީގީ އާއި އޮޒިލް ގުޅިގެން މި ފައްޓާ ސެންޓަރަށް ދީފައިވާ ނަމަކީ "ދި މެސުޓް އޮޒިލް ޑިވެލޮޕްމަންޓް ސެންޓަރު" މިހެނެވެ.
މި މަސައްކަތް ފަށާނީ އިނގިރޭސި ތިން ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ބްރެޑްފޯޑް ދަނޑުގަ އެެވެ. ވަސީލަތްތައް ތަރައްގީ ކުރަން ނިންމާފައިވަނީ ތަރުހީބު ލިބެމުން އަންނަ މިންވަރަކަށް ބެލުމަށް ފަހު އެވެ. މިހާތަނަށް ގިނަ ކްލަބްތަކަކުން އޮޒިލްގެ މި ޕްރޮގްރާމާ ގުޅެން ނިންމާފައިވާއިރު، ކުރިއަށް އޮތްތަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވެސް މިކަމުގައި ބައިވެރިވާނެ އެވެ.
ތުރުކީގެ ސުޕަ ލީގުގެ ކްލަބް ފެނަބާޗޭ އަށް ކުޅެމުން އަންނަ އޮޒިލް ނިސްބަތްވަނީ ތުރުކީ ދަރިކޮޅަށެވެ. އޮޒިލް ބުނީ އިނގިރޭސި ލީގުގައި ކުޅުނުއިރު އޭނާ އަށް ގިނަ އަދަދެއްގެ ދެކުނު އޭޝިއާގެ ފުޓްބޯޅަ ސަޕޯޓަރުން ފެނުނު ކަމަށެވެ. އެކަމަކު، ހައިރާންވާން ޖެހުނު ކަމަކީ ދެކުނު އޭޝިއާގެ ފުޓްބޯޅަ ކުޅުންތެރިން މަދުވުން ކަމަށް އޮޒިލް ވަނީ ބުނެފަ އެވެ.
"ކީއްވެ ސައުތު (ދެކުނު) އޭޝިއާ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންނާއި ކޯޗުންނަށް އިނގިރޭސި ފުޓްބޯޅައިގައި ފުރުސަތު ނެތީ. އަހަރެން ބޭނުންވަނީ އެ މީހުންނަށް ދަނޑުމަތީގަޔާއި ދަނޑު ބޭރުގައި އެހީވާން. އަހަންނަކީ ވެސް އުޅޭ މާހައުލާ ތަފާތު ދަރިކޮޅަކަށް ނިސްބަތްވާތީ އެކި ޗެލެންޖް ކުރިމަތިވި މީހެއް. މި ގޮތަށް އެހެން މީހުންތަކަކަށް ވާން އަހަރެން ނޭދެން،" އޮޒިލް ބުންޏެވެ.
ސިއްދީގީ ބުނީ މި ޕްރޮގްރާމްގެ އިސްނެގުން އޮޒިލްގެ ފަރާތުން ފެނިގެންދިއުމަކީ ހަގީގަތުގައި ފުޓްބޯޅަ އަކީ އެންމެންގެ ކުޅިވަރެއް ކަން އިހުސާސް ކުރެވުނު ކަމެއް ކަމަށެވެ. އަދި "ދި މެސުޓް އޮޒިލް ޑިވެލޮޕްމަންޓް ސެންޓަރު" ފެށުމާ އެކު ދުރުރާސްތާ އަށް ވިސްނާނަމަ ވަރަށް ބޮޑެތި ބަދަލުތަކެއް އިނގިރޭސި ފުޓްބޯޅައިގެ ތެރެއިން ފެނުމުގެ ފުުރުސަތު އެބައޮތް ކަމަށް ސިއްދީގީ ގަބޫލުކުރެ އެވެ.
މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގައި ދެކުނު އޭޝިއާ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއަކަށް ކުޅެމުން އަންނަ އެއް ކުޅުންތެރިއަކީ ލެސްޓާ ސިޓީގެ މިޑްފީލްޑަރު ހަމްޒާ ޗޯދުރީ އެވެ. އޭނާ އަކީ ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ އެކި ކުޅުންތެރިން އިނގިރޭސި ދަށް ޑިވިޝަންތަކުގައި ކުޅެ އެވެ.












