ޝަރްޖާހް (6 އޮކްޓޯބަރު) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ރާޖިސްތާން ރޯޔަލްސް އަތުން 8 ވިކެޓުން މޮޅުވެ، މުމްބާއީ އިންޑިއަންސް އިން ޕްލޭއޮފްގެ ޖާގައަކަށް ކުރަމުންދާ އުންމީދުތައް ދަމަހައްޓައިފި އެވެ.
މެޗުގައި ފުރަތަމަ ކުޅެންއަރައި، ރާޖިސްތާނަށް 20 އޯވަރުގެ ތެރޭގައި ނުވަ ވިކެޓަށް ހެދުނީ އެންމެ 90 ލަނޑެވެ. ރާޖިސްތާން އިން އިނިންސް ފެށީ ވަރަށް ރަނގަޅަށެވެ. ފުރަތަމަ ދެ އޯވަރުގެ ތެރޭގައި އެ ޓީމުން 21 ލަނޑު ހެދި އެވެ. އެކަމަކު އޭގެ ފަހުން، މުމްބާއީގެ ދެ ބޯލަރުން ކަމަށްވާ ނޭތަން ކޯލްޓާ ނައިލް އާއި ޖިމީ ނީޝަމްގެ ވަނީ ތަފާތު ދައްކައިފަ އެވެ.
ނޭތަން ވަނީ 14 ލަނޑަށް، ހަތަރު ވިކެޓު ނަގައިފަ އެވެ. ނީޝަމް ވަނީ 12 ލަނޑަށް ތިން ވިކެޓު ނަގައިފަ އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މުމްބާއީ އިން ކުޅެން އަރައި، ލަނޑު ހަމަކުރީ އެންމެ 8.2 އޯވަރުންނެވެ. މުމްބާއީގެ އިޝާން ކިޝާން ވަނީ 25 ބޯޅައިން 50 ލަނޑު ހަދައިފަ އެވެ.
ބުރާސްފަތި ދުވަހު ކުޅޭ މެޗުގައި ކޮކްލަޓާ ނައިޓް ރައިޑާސް އަތުން ރޯޔަލްސް މޮޅުވެ، ހުކުރު ދުވަހު ސަންރައިޒާސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، މުމްބާއީ އަށް ތާވަލްގެ ހަތަރު ވަނަ ލިބޭނެ އެވެ.
ރޯޔަލްސް ވަނީ ތާވަލްގެ ހަތް ވަނަ އަށް ގެއްލިފަ އެވެ. އެހެންކަމުން، ގަދަ ހަތަރަކަށް އެރުމަށް އެ ޓީމަށް އޮތް ފުރުސަތު ވަނީ ގާތްގަނޑަކަށް ގެއްލިފަ އެވެ.
ގަދަ ހަތަރު ޓީމަށް ޕްލޭއޮފުން ޖާގަ ލިބޭއިރު، ދެއްލީ ކެޕިޓަލްސް، ޗެންނާއީ ސުޕަ ކިންގްސް އަދި ރޯޔަލް ޗެލެންޖާސް ބެންގަލޯ އިން ވަނީ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކޮށްފަ އެވެ. -- ބީބީސީ












