ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ކުރިމިނަލް ކޯޓުގައި ނިންމާލައިފި އެވެ.
އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި އޮތީ ހުލާސާ ބަޔާން އިއްވުމެވެ. މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު، ކުރިއަށް އޮތް 30 ދުވަސް ތެރޭ އެ މައްސަލައިގަ ހުކުމެއް އިއްވާނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޒިޔާދު ބާގިރުގެ މައްޗަށް ކުރަނީ މިނިސްޓަރުގެ މަގާމުގައި އޭނާ ހުންނަވައިގެން ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށް ބުނެ އެވެ.
އެގޮތުން ޕްރޮޕޯސަލްގައި ސަރުކާރަށް ހަތަރު ފްލޯ ނަގާ ގޮތަށް އޮތް ނަމަވެސް, އެއްބަސްވުމުގައި އޮތީ ސަރުކާރަށް އެންމެ ތިން ފަންގިފިލާ ލިބޭ ގޮތަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު އެސްޖޭ ކޮންސްޓްރަކްޝަންއަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވެ އެވެ. އެހެންނަމަވެސް، އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައި ނުވާ ކަމަށާއި އެސްޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ދައުލަތުން ޒިޔާދުގެ މައްޗަށް ތުހުމަތު ކުރެ އެވެ.
ޒިޔާދު ބާގިރުގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލައަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.












