ރާއްޖޭގައި ބޭނުން ކުރާ ހުރިހާ އުޅަނދެއްގައި މިހާރު ބޭނުން ކުރާ ނަމްބަރު ބޯޑުގެ ބަދަލުގައި މެޝިނުން ރީޑު ކުރެވޭ ނަމްބަރު ބޯޑު ހެދުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަކި ކުންފުންޏަކަށް ދިން މައްސަލައިގައި ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެދިފައިވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ހަމަދު އަބްދުލްގަނީގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފި އެވެ.
ރާއްޖޭގައި ދުއްވާ ހުރިހާ އުޅަނދުތަކެއްގެ ނަމްބަރު ބޯޑު ބަދަލު ކުރުމުގެ މަސައްކަތް ހަމަދު ހިމެނޭހެން ބިޑް ކޮމިޓީގައި ތިބޭ ހަ މެމްބަރުންގެ ނުފޫޒުން ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދީފައިވާ ކަމަށް އޭސީސީއިން ތުހުމަތުކުރެ އެވެ.
އަދި އެ މައްސަލައިގައި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ހިފައި، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބުނެ އެ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އޭސީސީއިން އިއްޔެ ވަނީ ޕީޖީގައި އެދިފަ އެވެ.
މި ތުހުމަތު ދޮގުކޮށް ހަމަދު މިއަދު ނެރުނު ބަޔާނުގައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ އެއްވެސް އަމަލެއްގައި އޭނާގެ ބައިވެރިވުން ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
"ކޮރަޕްޝަންގެ އެއްވެސް އަމަލެއްގައި އަޅުގަނޑުގެ ބައިވެރިވުމެއް ނޯންނާނެ. ހަމައެއާއެކު، އެއްވެސް ކަމެއްގެ ފައިދާއެއް، މަންފާއެއް އަޅުގަނޑު ހޯދުމުގެ ނިޔަތުގައި ނުވަތަ އެއްވެސް ފައިދާއެއް، މަންފާއެއް އެހެން ފަރާތަކަށް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ބޭނުމުގައިވެސް މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ނިންމުމެއް ނިންމާފައެއްނުވާނެ،" ހަމަދުގެ ބަޔާނުގައި ވެ އެވެ.

އޭނާ ވިދާޅުވީ މި މައްސަލައާ ގުޅިގެން ޖަވާބުދާރީވާން ޖެހިއްޖެ ކޮންމެ ތަނެއްގައި ފަސްޖެހުމެއްނެތި ޖަވާބުދާރީ ވާނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހިންގި ތަހްގީގަށް ފުރިހަމަ އެއްބާރުލުން ދީފައި ވާނެ ކަމަށެވެ.
އޭސީސީއިން ދައުވާކޮށްދިނުމަށް އެދުނީ ހަމަދުގެ އިތުރުން ބިޑު ކޮމެޓީގެ މެމްބަރުން ކަމަށްވާ ޝިމާޒު އަލީ އާއި އިކްރާމާއި މުހައްމަދު ނިޒާރު އާދަމާއި މަރްޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާގެ މައްޗަށެވެ.
ބިޑު އެވޯޑް ކުރުމުގައި ވަސާޖިއޯގެ ފަރާތުން ހުށަހެޅި ސާމްޕަލް ނަމްބަރު ބޯޑު ވަރުގަދަ ކަމަށް ބުނެ އިތުރަށް މާކްސް ދީފައިވާ ކަމަށް އޭސީސީން ބުނެ އެވެ. އެކަމަކު ހުށަހަޅަންޖެހޭ ސާމްޕަލް ބޯޑުގެ ކޮލިޓީ ކުރީބައިގައި ޓްރާންސްޕޯޓުން ބުނެފައިނުވާ ކަމަށް ވެސް އޭސީސީއިން ބުނެ އެވެ.
ވަސާޖިއޯގެ އެއްބަސްވުން އުވާލުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ނިންމީ ބަންޑާރަ ނައިބުގެ އޮފީހާއި އޭސީސީން ވެސް އެކަން ކުރަން ބުނެފަ އޮއްވަ އެވެ.
އެގްރިމެންޓުގައި ސޮއިކޮށް މަސައްކަތް ހަވާލުކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހަށް ވެސް އެ މައްސަލަ މީގެ ކުރިން ހުށަހެޅި އެވެ.












