ލަންޑަން (5 އޮކްޓޯބަރު) - ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު އިންގްލެންޑްގެ ގައުމީ ޓީމު ކުޅެންޖެހޭ މެޗުތަކަށް، އޭއެސް ރޯމާ އަށް ކުޅެމުންދާ ފޯވަޑް ޓެމީ އަބްރަހަމް ނަގައިފި އެވެ.
ޗެލްސީން މި ސީޒަންގައި 34 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށް ރޯމާ އަށް ބަދަލުވި އަބްރަހަމް ވަނީ އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ހަތަރު ލަނޑު ޖަހައިފަ އެވެ.
އިންގްލެންޑްގެ ގައުމީ ޓީމަށް 2017 ވަނަ އަހަރު ކުޅެން ފެށި އަބްރަހަމް ،24، އަށް އިންގްލެންޑްގެ ސްކޮޑުން އެންމެ ފަހުން ޖާގަ ލިބުނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅުނު ހަ މެޗުން އަބްރަހަމް ވަނީ އެއް ލަނޑު ޖަހައިފަ އެވެ.
އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުރާސްފަތި ދުވަހު އިއުލާންކުރި 23 ކުޅުންތެރިން ސްކޮޑަށް، އަބްރަހަމްގެ އިތުރުން ޗެލްސީގެ ޑިފެންޑަރު ބެން ޗިލްވެލް ވެސް ވަނީ އިތުރުކޮށްފަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސް ވަނީ ސްކޮޑުން ބާކީކޮށްފަ އެވެ.
ކޮލިފައިންގައި މި މަހުގެ ނުވަ ވަނަ ދުވަހު އިންގްލެންޑް ރަށުން ބޭރުގައި ކުޅޭނީ އެންޑޯރާއާ އެވެ. އަދި އޭގެ ތިން ދުވަސް ފަހުން އަމިއްލަ ދަނޑުގައި ހަންގޭރީއާ ދެކޮޅަށް ކުޅޭނެ އެވެ. -- ބީބީސީ












