ލަންޑަން (5 އޮކްޓޯބަރު) - ވަޓްފޯޑްގެ ކޯޗަކަށް އިޓަލީގެ ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީ ހަމަޖައްސައިފި އެވެ.
ވަޓްފޯޑްގެ ކޯޗަކަށް ހުރި ޒިސްކޯ މުނޯޒް އެ މަގާމުން ވަކިކުރީ އާދިއްތަ ދުވަހެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ވަޓްފޯޑް އިން ކޯޗު ބަދަލުކުރި 14 ވަނަ ފަހަރެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަންގައި ކުޅުނު ހަތް މެޗުން ވަޓްފޯޑަށް ލިބުނީ ހަތް ޕޮއިންޓެވެ. ވަޓްފޯޑް އޮތީ ތާވަލްގެ 15 ވަނައިގަ އެވެ.
ވަޓްފޯޑްގެ ކޯޗުކަމާ ރަނިއޭރީ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ލެސްޓާ ސިޓީއާއެކު 2015 / 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރި ރަނިއޭރީ ،69، އެންމެ ފަހުން މަސައްކަތްކުރީ އިޓާލިއަން ސީރިއާގެ ސަމްޕްޑޯރިއާގަ އެވެ.
ވަޓްފޯޑަކީ ރަނިއޭރީގެ ކޯޗިން ކެރިއަރުގައި އޭނާ ހަވާލުވާ 21 ވަނަ ކްލަބެވެ. ކޯޗިންގައި އޭނާ ހޭދަކޮށްފައިވާ 35 އަހަރުގައި ޗެލްސީ، ވެލެންސިއާ، އިންޓަ މިލާން، އެތުލެޓިކޯ މެޑްރިޑް، ފިއޮރެންޓީނާ އަދި ރޯމާ އަށް އިރުޝާދު ދީފަ އެވެ.
ރަނިއޭރީގެ އިރުޝާދުގެ ދަށުން ވަޓްފޯޑް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ މި މަހުގެ 16 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ. -- ބީބީސީ












