އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވެފައިވާއިރު، ލީގު ބުރުގައި އެ ޓީމަށް ބާކީ އޮތް ދެ މެޗުން ރާއްޖެ އާއި އިންޑިއާ އަތުން ޕޮއިންޓް ހޯދިދާނެ ކަމަށް ލަންކާގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗް ބުނެފި އެވެ.
ފުރަަތަމަ މެޗުން ބަންގްލަދޭޝް ވައްދާލި ޕެނަލްޓީން ލަންކާ ބަލިވީ 1-0 އިންނެވެ. ދެ ވަަނަ މެޗުގައި ލަންކާ އިން ރޭ ނޭޕާލާ ދެކޮޅަށް ރަނގަޅަށް ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެކަމަކު، މެޗު ނިމުނީ 3-2 އިން ލަންކާ ބަލިވެގެންނެވެ.
މި ފަހަރުގެ މުބާރާތް ކުޅެނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ. ލަންކާ މިހާރު އެންމެ ފުލުގައި އޮތްއިރު، ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު އޮތީ ގެއްލިފަ އެވެ. ފައިނަލަށް ދާން ލަންކާ އަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ.
ނޭޕާލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ލަންކާ ކޯޗު އަލަގިޗް ބުނީ އެ މެޗަކީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގަައި މިހާތަނަށް އެންމެ ގިނަ ޑްރާމާތައް ފެނުނު މެޗު ކަމަށެވެ. އަދި މެޗު ދިޔަ ގޮތުން ވަރަށް އަސަރުކޮށްފައިވާ ކަމަށާއި ހަގީގަތަށް ބަލާނަމަ ލަންކާ އިން ދެއްކީ ދުނިޔޭގެ ފެންވަރުގެ ހިތްވަރެއް ކަމަށް އަލަގިޗް ފާހަަގަކުރި އެވެ.
"ފެންނަން އޮތް ހަގީގަތާ ކުރިމަތިލާން ޖެހޭ. ނޭޕާލް މި ވަގުތު އެ އޮތީ ހަ ޕޮއިންޓާ އެކު. އަހަރެމެންނަށް މި އޮތީ މިޝަން އިމްޕޮސިބަލް ކަހަލަ ކަމެއް،" އަލަގިޗް ބުންޏެވެ.
"އަހަރެމެންނަށް އަދި އެބައޮތް ދެ މެޗު. މިހާތަނަށް ކުޅުނު ދެ މެޗަށް ބަލާއިރު ކުޅުމުން ފެނުނު އިމްޕްރޫވްމަންޓާ އެކު. އަހަރެމެންނަށް ކޮންމެ ވެސް ވަރަކަށް ޕޮއިންޓް ހޯދިދާނެ ރާއްޖެ ނޫނީ އިންޑިއާ ކައިރިން. ކީއްވެ ނުވާންވީ؟. އަހަރެމެންގެ ކުޅުންތެރިން އެ ދަނީ ސާބިތުކޮށްދެމުން އެ މީހުންނަށް ކުޅެވިދާނެކަން. ލެބަނަންއާ ދެކޮޅަށް އަހަރެމެން ސާބިތުކޮށްދީފިން ކުޅެވިދާނެކަން (ވޯލްޑް ކަޕް ކޮލިފައިން 3-2 ލެބަނަން މޮޅުވި މެޗު). މިއީ އަހަރެމެންނަށް ޕޮޒިޓިވްކޮށް ބޭނުން ހިފިދާނެ ކަމެއް،"
އަލަގިޗް ބުނީ ފުރަތަަމަ މެޗުގައި އެ ޓީމާ ދެކޮޅަށް ނުހަންގުން ފޭރިގަނެގެން ބަންގްލަދޭޝަށް ދިން ޕެނަލްޓީގެ އެ މާޔޫސްކަމުން އަރައިގަނެ ލަންކާ އިން ނޭޕާލާ ދެކޮޅަށް ކުޅުނީ ތައުރީފު ހައްގު ކުޅުމެއް ކަމަށެވެ.
"އެ ވަރުގެ ކަމަކުން އަރައިގަނެގެން މި ޓީމުގައި މި ތިބި ކުޅުންތެރިން އެ ދެއްކީ ތައުރީފު ހައްގު ކުޅުމެއް. މިއީ ކުޅުމަށް ބަލާއިރު އަހަރެމެންނަށް މޮޅެއް. އަހަރެމެން މި މެޗުން ބަލިވެގެން ކުޅުމާ މެދު ހިތްހަމަ ޖައްސާލާނަން. އަހަރެންގެ ނަޒަރުގައި މޮޅުވާނެ ދުވަސް ވެސް އޮތީ ވަރަށް ގާތުގައި،" ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން އަލަގިޗް ބުންޏެވެ.
ލަންކާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެއް ސަބަބަކީ ކަންކަން ދަސްކޮށްގެން ކުރިއަށް ދިއުމަށް ކަމަށް އަލަގިޗް އަންނަނީ ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނަމުންނެވެ. ދެކުނު އޭޝިއާގެ ގައުމުތައް އޮތީ ލަންކާ އަށް ވުރެ ކުރީގައި ކަމަށާއި އެ ރޭހުގައި ލަންކާ މިހާރު އޮތް ހިސާބެއް ވަޒަންކޮށްލުން އެއީ މި މުބާރާތުގެ އަނެއް ބޭނުން ކަމަށް އަލަގިޗް ވަނީ ބުނެފަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވިއިރު، ނޭޕާލް ވަނީ އޮމާން އަތުން 7-2 އިން ބަލިވެފަ އެވެ. އެ މެޗަށް އިޝާރާތްކޮށް އަލަގިޗް ބުނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ނުކޮށް ކުރިއަށް ނުދެވޭނެ ކަމަށެވެ.
"ވަރުގަދަ ޓީމުތަކާ ދެކޮޅަށް އެ ގޮތަށް ނުކުޅޭނަމަ ޓީމު އޮތް ހިސާބެއް އަންދާޒާ ކޮށްލުމަކީ ވާނެ ކަމެއް ނޫން. ލަންކާ އޮތީ ފީފާ ރޭންކިންގެ ގާތްގަނޑަކަށް އެންމެ ފުލުގައި. (ނޭޕާލާ ދެކޮޅަށް) މި ވަރުގެ ކުޅުމެއް ދެއްކުމަކީ ހިތްވަރެއް،" އަލަގިޗް ބުންޏެވެ.
ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ ވަޒީފާ ވެސް އަދާކުރަމުން އަންނަ އަލަގިޗް ބުނީ އޭނާ އެ ޓީމުގެ ކޯޗެއްގެ މަގާމުގައި ދެމި ހުންނާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ. ދެން ވިސްނުން ހުރީ އެހެން ކޯޗެއް ގެނެސްގެން އޭނާއާ ޓީމުގެ މަސައްކަތް ހަވާލުކުރާ ގޮތަށް ކަމަށެވެ. އަދި ކަންކަން ހާސިލްކުރަން ބޭނުންވާ ވަގުތު ލިބެންޖެހޭ ކަމަށާއި ލަންކާ އިން އޭނާ އަށް ވަގުތު ދޭނެ ކަމަށް އަލަގިޗް ވަނީ ބުނެފަ އެވެ.
ލަންކާ ދެން ކުޅޭ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅޭނީ އިންޑިއާއާ އެވެ. ލީގު ބުރުގައި އެ ޓީމުގެ ފަހު މެޗު އޮންނާނީ އާދިއްތަ ދުވަހު ހަވީރު ރާއްޖެއާ އެވެ.













