ލިޒްބަން (އޮކްޓޫބަރު 4) - ބެންފީކާ ޓީމުގައި ވިދަމުން އަންނަ އުރުގުއޭގެ ޒުވާން ފޯވާޑް ޑާވިން ނޫނޭޒްގެ ސޮއި ހޯދަން 30 އަށް ވުރެ ގިނަ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޕޯޗުގީސް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އުމުރުން 22 އަހަރުގެ ނޫނޭޒްގެ ވާހަކަ މީޑިއާގައި ބޮޑަށް މި ފަހުން ދެކެވެން ފެށީ މި ހަފްތާގެ ޗެމްޕިއަންސް ލީގުގައި ބެންފީކާ އިން 3-0 އިން ބާސެލޯނާ ބަލިކުރިއިރު، ނޫނޭޒްގެ ފަރާތުން ފެނުނު ތަފާތު މޮޅު ކުޅުމުގެ ސަބަބުންނެވެ.
އެ މެޗަށް ފަހު ބާސެލޯނާގެ ބައެއް އޮފިޝަލުން ވަނީ ބެންފީކާގެ މެނޭޖްމަންޓާ އެކު ނޫނޭޒްގެ ޑީލްގެ މަޝްވަރާތަކެއް ކުރަން ހުށަހަޅައިފަ އެވެ.
ފާއިތުވި އަހަރެއްހާ ދުވަހަށް ބަލާއިރު، ނޫނޭޒް ސްކައުޓް ކުރަން ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކްލަބްތަކަކުން ވަނީ ބެންފީކާގެ މެޗުތަކަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމު ވެސް ހިމެނެ އެވެ.
ލަންޑަނާއި މެންޗެސްޓާގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ސިޓީން އޮތީ ނޫނޭޒް ގަންނަން 100 މިލިއަން ޑޮލަރު ހުށަަހަޅަން ތައްޔާރަށެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކޮޅަށް ނޫނޭޒް (ވ) ގޯލު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ
މި ސީޒަން ފެއްޓުމުގެ ކުރިން ނޫނޭޒްގެ އޭޖެންޓާ އެކު ލީޑްސް ޔުނައިޓެޑްގެ ކޯޗު މާސެލޯ ބިއެލްސާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ.
ޔޫރަޕުގެ އެހެން ގައުމުތަކުގެ ލީގުތަކުގެ ކްލަބްތަކަށް ބަލާއިރު، ސެވިއްޔާ، ވެލެންސިއާ، އިންޓަ މިލާން، ބަޔާ ލެވަކޫސަން، އެތުލެޓިކޯ މެޑްރިޑް އަދި ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކުން ވެސް ވަނީ ނޫނޭޒްގެ ސޮއި ހޯދަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އުމުރުން 14 އަހަރުގައި އުރުގުއޭގެ ކްލަބް އެތުލެޓިކޯ ޕެނަރޯލުން ކެރިއަރު ފެށި ނޫނޭޒް ދެން ބަދަލުވީ ސްޕެއިންގެ އަލްމެރިއާ އަށެވެ. އަލްމޭރިއާ ދޫކޮށް ނޫނޭޒް ބެންފީކާ އަށް ބަދަލުވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އެއީ 35 މިލިއަން ޑޮލަރުގެ އަގަކަށް ކަމަށް އެ ކްލަބުން ވަނީ މީޑިއާގައި އިއުލާނުކޮށްފަ އެެވެ.
އުރުގުއޭ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ނޫނޭޒް ވަނީ މިހާތަނަށް ބެންފީކާ އަށް ކުޅެދިން 52 މެޗުން 20 ގޯލު ޖަހައި 12 ގޯލު ޖަހަން ފުރުސަތު ތަނަވަަސްކޮށްދީފަ އެވެ. އޭނާ ވިއްކާލަން ބެންފީކާ އިން ކިޔާ އަގު އުޅޭނީ 70 މިލިއަން ޑޮލަރަށް ވުރެ މަތީގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.












