ފުވައްމުލައް ސިޓީގެ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ހަ އަހަރުގެ ކުއްޖަކު މަރުވުމުގައި އެ ހޮސްޕިޓަލްގެ އިހުމާލުތަކެއްވާ ކަމަށް އާއިލާއިން ތުހުމަތުކޮށްފި އެވެ.
ބަނޑަށް ތަދުވެ ހޮނޑުލެވޭތީ މިއަދު ހެނދުނު އެ ހޮސްޕިޓަލަށް ގެންދިޔަ ކުއްޖާ މަރުވީ އިރުއޮއްސުނު ވަގުތު އެވެ.
ކުއްޖާ މަރުވާން މެދުވެރި ސަބަބެއް އަދި ސާފެއް ނޫނެވެ.
ނަމަވެސް, އެ ހޮސްޕިޓަލުން "އަދަދު"އާ ވާހަކަ ދެއްކި ބައެއް ނަރުހުން ބުނި ގޮތުގައި ކުއްޖާއަށް އޮޅިގެން ނުބައި އިންޖެކްޝަނެއް ދިން ކަމުގެ ތުހުމަތު އާއިލާއިން ދަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން ފުވައްމުލައް ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ލިރާރުއަށް މި ނޫހުން ސުވާލު ކުރުމުން އެކަން ދޮގު ނުކުރައްވައި, ވިދާޅުވީ ތުހުމަތުތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި, އެ ހޮސްޕިޓަލްގެ ސިއްހީ ހިދުމަތްތެރިން ކުއްޖާއަށް އިހުމާލުވި ކަމަށް ބުނާތީ, އެ މަރު ތަހުގީގު ކުރާނެ އެވެ. އަދި, އިހުމާލުވެފައިވާ ކަމަށް ފާހަގަކުރެވޭނަމަ، އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ލިރާރު ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވާނަން ހޮސްޕިޓަލްގެ އިހުމާލު އޮތެކޭވެސް، ނުވަތަ ނެތެކޭވެސް, އަޅުގަނޑުގެ އިތުބާރު ޑޮކްޓަރުންނަށް އެބައޮތް. މި މައްސަލަ ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނަން," ލިރާރު ވިދާޅުވި އެވެ.
ލިރާރު ވިދާޅުވި ގޮތުގައި ކުއްޖާއަށް އެ ހޮސްޕިޓަލުން ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިރުޝާދުގެ ދަށުންނެވެ. އެ ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ހާލު ސީރިއަސްވީ ހަވީރު ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.













