ޓޮރީނޯ (3 އޮކްޓޯބަރު) - އިޓާލިއަން ލީގުގައި ރޭ މެނުއަލް ލޮކަޓެލީގެ ގޯލުން ޔުވެންޓަސް އިން 1-0 އިން ޓޮރީނޯ ބަލިކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ފަހަތުން އަރައި 2-1 އިން ސަސުއޯލޯ ބަލިކޮށް މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.
ޔުވެންޓަސް މި މޮޅާ އެކު ވަނީ އަށް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ހަތް މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި ރޭ ސަސުއޯލޯ އަތުން މޮޅުވެ، އިންޓަ ވަނީ ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އިންޓަ އަށް ހަތް މެޗުން ވަނީ 17 ޕޮއިންޓް ލިބިފަ އެވެ.
ސީޒަނުގެ ފުރަތަމަ މެޗުގައި ދަށްކޮށް ދިޔަ ނަމަވެސް ޔުވެންޓަސް އިން މިހާރު އަންނަނީ މެޗަކަށް ފަހު މެޗެއް ޓީމު ރަނގަޅު ކުރަމުންނެވެ. ޔުވެންޓަސް އިން ދެއްކި ކުޅުމާމެދު އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.
އަލެގްރީ ބުނީ މި މެޗުގައި ޔުވެންޓަސްގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"މިކަހަލަ ކުޅުމެއް ދައްކައިފަ، މެޗުން މޮޅުނުވި ނަމަ ވަރަށް ދެރަވާނެ. މިއީ އޭސީ މިލާނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފަށް ފަހު، މި ސީޒަންގައި ޔުވެންޓަސް އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗު،" އެލެގްރީ ބުންޏެެވެ.
ޓިއުރިން އަށް ނިސްބަތްވާ ދެ ކްލަބުގެ ކުރިމަތިލުމުން ޔުވެންޓަސް ކުރި ހޯދީ މެޗުގެ 86 ވަނަ މިނިޓުގައި މެނުއެލް ލޮކަޓެލީ ޖެހި ލަނޑުންނެވެ. އިޓަލީ ގައުމީ ޓީމަށް ޔޫރޯގައި މޮޅު ކުޅުމެއް ދެއްކި ލޮކަޓެލީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ޔުވެންޓަސް އަށް ލިބިގެންދިޔައިރު، ބޭނުމެއް ނުހިފުނެވެ.
ރޭ އިންޓަ ކުޅުނު ކުޅުނު މެޗުގައި ލީޑުނެގީ އަމިއްލަ ދަނޑުގައި ކުޅުނު ސަސުއޯލޯ އިންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 22 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ ޑޮމެނިކޯ ބެރާޑީ އެވެ. އެކަމަކު މެޗުގެ 58 ވަނަ މިނިޓުގައި އިންޓާގެ ފޯވަޑް އެޑިން ޖެކޯ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރޯމާ ދޫކޮށް މި ފަހަރު އިންޓައާ ގުޅުނު ޖެކޯ އަންނަނީ ރޮމެލޫ ލުކާކޫ ނެތްތަން ފޫބައްދައި މުހިއްމު ގޯލުތަކެއް ޖަހަމުންނެވެ.
މެޗު ނިމެން 12 މިނިޓަށް ވެފައި ހުއްޓައި އިންޓަ އިން މޮޅުވި ގޯލު ޖެހީ ގިނަ އެޓޭކްތަކެއް ކުރުމަށް ފަހު އެވެ. މެޗުގެ 78 ވަނަ މިނިޓުގައި އިންޓަ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ލަޓާރޯ މާޓިނޭޒެވެ. -- ބީބީސީ












