އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ނޭޕާލް އަތުން 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން ދިވެހިރާއްޖެ ބަލިވުމަކީ ރާއްޖެ އަށް ކުރިމަތިވި ޕްރެޝަރަކަށް ވިޔަސް، އެކަމުން އަރައި ގަނެވޭނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި، ނޭޕާލް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭން ވަނީ ނޭޕާލާ ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފަ އެވެ.
މިރޭގެ މެޗުގެ 86 ވަނަ މިނިޓުގައި ނޭޕާލްގެ މާނިޝް ޑަންގީ ލަނޑު ޖެހީ ކައުންޓާ އަޓޭކެއްގައި ހޯދި ފުރުސަތަކުންނެވެ. ރާއްޖޭގެ ތިން ޑިފެންޑަރުން ކައިރިން ދެމި ގަތުމަށް ފަހު، ޑަންގީ ފޮނުވާލި ބޯޅާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
"ފުރަތަމަ މެޗު ގެއްލިގެންދިއުމަކީ ޕްރެޝަރެއް. ޝައްކެއް ނެތް ކަމެއް. މިހާރު މި އޮތީ ކުރިއަށްވުރެ އުނދަގޫ ހާލަތެއް. ދެން އެއަށް ގޮތްތަކެއް ރާވައިގެން ހައްލު ގެންނަން ޖެހޭނީ،" ސުޒޭން ބުންޏެެވެ.
ސުޒޭން ބުނީ މުޅި މެޗުގައި ވެސް ނޭޕާލްގެ ރޭވުމަކަށްވީ ކައުންޓާ އެޓޭކެެއްގައި ހަމަލާ އުފައްދަން ކަމަށެވެ. އަދި އެ ޓީމުން ރޭވުންތައް ކާމިޔުާބުކުރި ކަމަށެވެ.
"ރަނގަޅަށް ކުޅެވުނު ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ހާލަތްތަކުގައި. އެހެން ނަމަވެސް ކައުންޓާ އެޓޭކްގައި ޓީމު ޕްރެޝަރަށް ވެއްޓިގެންދިޔަ ދެ ތިން ފަހަރެއް ދިޔަ. އޭގެ ތެރެއިން އެއް ފަހަރު ނޭޕާލުން މި ސްކޯކުރީ. ނޭޕާލަށް މަރުހަބާ ކިޔަން،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މި މެޗުން ބަލިވިޔަސް އުންމީދު ކަނޑުވާލާކަށް ނުވާ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކަށް، ކަންތައްތައް ރަނގަޅުކޮށް، ހައްލު ގެންނާނެ ކަމަށް ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ރާއްޖެ މި މެޗުން ބަލިވީ ފިޓްނަސްގެ މައްސަލަ އަކުން ނޫން ކަން އެނގޭ ސަބަބަކީ ނޭޕާލުން މުޅިން ވެސް މެޗު ފަށައިގެން ކުޅެން އުޅުނީ ކައުންޓަ އެޓޭކުން ކަމަށާއި އެހެން ދިޔަ ދެ ބޯޅައެއްގައި އެކަތި ގޯލަކަށް ހެދީ ކަމަށެވެ.
"އެނގޭ ނޭޕާލުން ވިސްނައިގެން ހުރީ ކައުންޓަ އެޓޭކުގައި ކުޅެންކަން. އެ ޓީމުން މުޅި މެޗުގައި ދިޔަ ދެ ބޯޅައިގެ ތެރެއިން އެކަތި ގޯލަކަށް ހަދާލީ އެ ދިޔަ އެތިން ބޮޑު އަގެއް އަހަރެމެން ދައްކަން ޖެހިފައި މި އޮތީ،" ސުޒޭން ބުންޏެވެ.
ދެން ހުރި މެޗުތަކަށް ދާއިރު ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެންނަން ބަލާނީ ކުރިއަށް އޮތް ޓްރެއިނިން ސެޝަންތަކުގައި ފެންނަ ކަންތައްތަކަށް ބަލާފައި ކަމަށް ސުޒޭން ބުންޏެވެ. އެއީ ދެ ވަނަ ހާފްގައި ބަދަލުތަކެއް ގެނެސްގެން ރާއްޖެ އަށް ރަނގަޅަށް ކުޅެވުމުންނެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މުބާރާތުގައި މިއަދު ހަވީރު ސްރީލަންކާ އަތުން ބަންގްލަދޭޝް މޮޅުވީ 1-0 އިންނެވެ.












