އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖޭން ނޭޕާލާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ފުރަތަމަ އެގާރައިގައި އަލީ އަޝްފާގު (ދަގަނޑޭ) ހިމެނުނުއިރު، މިއީ ފާއިތުވި ފަސް އަހަރެއްހާ ދުވަސްތެރޭ އޭނާ ސާފްގެ މުބާރާތެއްގައި ކުޅޭ ފުރަތަމަ މެޗެވެ.
ނޭޕާލާ ދެކޮޅަށް ރާއްޖޭން ނުކުތް ފުރަތަމަ އެގާރަ އަކީ ގޯލްކީޕަރު މުހައްމަދު ފައިސަލް، ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ސިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، އަސްހަދު އަލީ (އަޑޭ)، އިބްރާހިމް އައިސަމް، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ދަގަނޑޭ، 36، އެންމެ ފަހުން ސާފްގެ މެޗެއް ކުޅުނީ 2015 ވަނަ އަހަރު ޓްރިވެންޑްރަމްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން 3-2 އިން ބަލިވި މެޗުގަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ދިޔަ ސްކޮޑަށް ދަގަނޑޭ ނުނަގަ އެވެ. އެއީ އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓްގެ ނިންމުމެކެވެ. ދަގަނޑޭ ނެތި އެ ފަހަރު ރާއްޖޭން ވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ.
ދޮޅު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ދަގަނޑޭ ގައުމީ ޓީމަށް އަލުން ކުޅެން ފެށީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން ގަވާއިދުން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އަންނަ ދަގަނޑޭ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގައި މިރޭ މި ކުޅެނީ އެންމެ ފަހުން މެޗެއް ކުޅުނުތާ ފަސް އަހަރާ ނުވަ މަސް (2102 ދުވަސް) ފަހުންނެވެ.
ދަގަނޑޭގެ ސާފް ޗެމްޕިއަންޝިޕް ރެކޯޑް:
2005: ޕާކިސްތާން: 3 ގޯލު: (ޖޮއިންޓް ޓޮޕް ސްކޯރާ)
2008: ރާއްޖެ/ލަންކާ: 0 ގޯލު (މުބާރާތުގެ މޮޅު ކުޅުންތެރިޔާ)
2009: ބަންގްލަދޭޝް: 3 ގޯލު
2011: އިންޑިއާ: 2 ގޯލު
2013: ނޭޕާލް: 10 ގޯލު (ޓޮޕް ސްކޯރާ)
2015: އިންޑިއާ: 2 ގޯލު
ދަގަނޑޭ އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެއްގައި ކުޅުނީ އުމުރުން 20 އަހަރުގައި 2005 ވަނަ އަހަރު ޕާކިސްތާންގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު އޭނާ ވަނީ ތިން ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާގައި ބޭއްވި މުބާރާތުގައި ދަގަނޑޭ ގޯލެއް ނުޖެހި ނަމަވެސް ރާއްޖެ އަށް ޗެމްޕިއަންކަން ހޯދައިދީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.
ބަންގްލަދޭޝްގައި 2009 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުން ރާއްޖެ ބަލިވިއިރު، އެ މުބާރާތުގައި ދަގަނޑޭ ވަނީ ތިން ގޯލު ޖަހައިފަ އެވެ. އިންޑިއާގައި 2011 ވަނަ އަހަރު ބޭއްވި މުބާރާތުގައި ދަގަނޑޭ ދެ ގޯލު ޖެހި އެވެ. އަދި 2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތަކީ ދަގަނޑޭގެ ރެކޯޑް މުބާރާތެވެ. އެ ފަހަރު ދަގަނޑޭ ވަނީ 10 ގޯލު ޖަހަައިފަ އެވެ. މިއީ ސާފް އެއް މުބާރާތެއްގައި އެއް ކުޅުންތެރިއަކުގެ ލަނޑު ޖެހުމުގެ ރެކޯޑެވެ.
ދަަގަނޑޭ އެންމެ ފަހުން ކުޅުނު ސާފް ޗެމްޕިއަންޝިޕަކީ 2015 ވަނަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތެވެ. އެ މުބާރާތުގައި ދެ ގޯލު ޖެހި އެވެ. ދަަގަނޑޭ އަކީ ސާފްގެ މުބާރާތްތަކުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ސާފްގެ މުބާރާތުގައި ޖުމްލަ 20 ގޯލު ޖަހައިފަ އެވެ.












