ސަރަހައްދުގެ ރަން ތަށި 2018 ވަނަ އަހަރު ރާއްޖޭން ހޯދިއިރު، އެ ޓީމުގެ ސްކޮޑުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ. މާނަ އަކީ އެއީ ނިސްބަތުން ޒުވާން ޓީމަކުން ރާއްޖެ އަށް ހޯދައިދިން ފުރިހަމަ ކާމިޔާބީ އެކެވެ. އެ ޒުވާން ޓީމު އެކުގައި ކުރިއެރުން ހޯދަމުން އަންނައިރު، މުސްތަގުބަލުގައި ފެންވަރު ހުރި އިތުރު ކުޅުންތެރިން ޓީމާ ގުޅޭނެ ކަމަށް އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ޕީޓަ ސެގާޓް ވަނީ ބުނެފަ އެވެ. އެ ގޮތަށް ބަލާއިރު، ސާފް ޗެމްޕިއަންޝިޕް 2018 ވަނަ އަހަރު ކާމިޔާބުކުރި ޓީމަށް އިތުރުވި ހުނަރުވެރި ކުޅުންތެރިއަކީ މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް އެވެ.
އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގަ އެވެ. އެ ފަހަރުގެ މުބާރާތުގައި ރާއްޖޭގެ މެދުތެރޭގައި ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ހުސެއިން ނިހާން (ނިހާޓް) އަށް ވޯލްޑް ކަޕް ކޮލިފައިންގައި 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ގުއާމާ ދެކޮޅަށް ކުޅުނު މެޗުގައި އެކި ސަބަބުތަކާ ހުރެ ނުކުޅެވުނެވެ. އެ ވަގުތު އެ މަގާމަށް ކުޅެން ސެގާޓް ނެގީ ސީނިއާ ގައުމީ ޓީމަށް ކުޅުމުގެ އެއްވެސް ތަޖުރިބާއެއް ނެތް އައިސަމް އެވެ. އައިސަމް ހުރީ ފުރުސަތެއް ލިބިއްޖެނަަމަ ބޭނުންްހިފަން ފުރިހަމަ ކޮންފިޑެންސާ އެކީ އެވެ.
ރޭންކިންގެ ގޮތުން ރާއްޖެ އަށް ވުރެން އެތައް ދަރަޖައެއް ފަހަތުގައި ގުއާމް އޮތް ނަމަވެސް އެ ޓީމުން ކުޅޭ ފިޒިކަލް ގޭމާއި އަމިއްލަ ގައުމުގައި އެ ޓީމުގެ ނަތީޖާ ރަނގަޅުވުން އޮތީ ރާއްޖެ އަށް ޗެލެންޖަކަށް ވެފަ އެވެ. އެ ފަދަ މެޗެއްގައި އައިސަމް، 23، ކުޅެން އަރައި ކޮންފިޑެންސާ އެކު ތަފާތު ދެއްކުމުން އަނެއްކާ ވެސް ގައުމީ ޓީމަށް ތަފާތު ހުނަރުވެރި ކުޅުންތެރިއެއް ލިބުމުގެ އިހުސާސް ފުޓްބޯޅައިގައި އުޅޭ އެންމެންނަށް ކުރެވެން ފެށި އެވެ. ގައުމީ ޓީމުގެ ލެޖެންޑް އިބްރާހިމް ފަޒީލް (އޮއްޕޮ) ވެސް އައިސަމް އެ މެޗުގައި ދެއްކި ކުޅުން ފާހަގަކޮށްފައިވެ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އައިސަމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ސީނިއާވ ގައުމީ ޓީމުން އައިސަމަށް ފުރުސަތު ލިބުނުއިރު، އޭނާ ކުޅެމުން އައި ޓީސީ ސްޕޯޓްސް ކްލަބަށެެވެ. އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ވަނީ އެ ފަހަރު ސީޒަނުގެ މެދުތެެރެއިން އޮތް ނޫސްވެރިންގެ ބައްދަލުުވުމުގައި އައިސަމަކީ ގައުމީ ޓީމުގެ މުހިއްމު "އެސެޓް" އަކަށް ވާނެ ކަމަށް ބުނެފަ އެވެ.
އާތީ އޭރު ދެއްކި ވާހަކައާ މިހާރު ދެބަސްވާނެ މީހެއް ނުހުންނާނެ އެވެ. ގައުމީ ޓީމުގެ ޓީމު ލިސްޓް ނަގާއިރު، ޔަގީނުން ވެސް އޮންނާނެ އެއް ނަމަކީ އައިސަމް ނަންކަން ކަށަވަރުވާވަރުގެ ކުޅުމެއް ދަނޑުމަތީގައި އޭނާ ދައްކަ އެވެ.
އިންޓަ ސްކޫލުން ފަށައި ސީނިއާ ނެޝަނަލް ޓީމާ ހަމައަށް
އަހުމަދިއްޔާ ސްކޫލަށް 2015 ވަނަ އަހަރު އިންޓަ ސްކޫލް މުބާރާތް ކުޅުނުއިރު ވެސް އައިސަމްގެ އެންމެ ބޮޑު އަޒުމަކީ ފުޓްބޯޅައިން ކުރިއަށް ދިއުމެވެ.
އައިސަމް ޒުވާން ގައުމީ ޓީމަށް ކުޅުނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ކުރިން ހުރި މިހާރު އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އަންނަ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި އާތީ ހުއްޓަ އެވެ. ޝާކިއްޓެ އަށް އައިސަމްގެ ކުޅުން ފާހަގަކުރެވިގެން އޭނާ ކްލަބް އީގަލްސްއާ ގުޅެން ފުރުސަތު ފަހިކޮށްދިނެވެ.
އިހުސާން އަބްދުލް ގަނީ (ސާންތީ)، އީގަލްސްގައި ބިނާކުރި ޓީމުގެ ތެރެއިން ޑިވެލޮޕްވާން ފުރުސަތު ދިން އައިސަމް އަށް 2016 ވަނަ އަހަރު އީގަލްސް އިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެލަން ގިނަ މެޗުތަކެއް ލިބުނެވެ. އޭގެ ތެރެއިން އެއް މެޗަކީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލެވެ. އެ މެޗުން އީގަލްސް 1-0 އިން މޮޅުވިއިރު، އައިސަމް އަށް ލަނޑެއް ޖަހަން ލިބުނު ހުސް ފުރުސަތު ބޭނުމެއް ނުކުރެވުނެވެ.
"މެޗުތައް ކުޅެގެން ޒުވާން ކުޅުންތެރިން ރަނގަޅުވާނީ. މިއަދު އެ ފުރުސަތު ލިބުނު ވަރަށް ޒުވާން ކުުޅުންތެރިޔާ. އައިސަމް. ދެން އެ ފުރުސަތު ނަގައެއް ނުލާނެ. އޭނަ ހަމަ މޮޅަށް ކުޅޭނެ ދުވަސް ވެސް އަންނާނެ. އެ ފަދަ ތަޖުރިބާ ލިބިގެން ކުޅުންތެރިން ޑިވެލޮޕްވަނީ،" ސާންތީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ފަހު ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އީގަލްސް އަށް 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުނުއިރު، އެ ފަހަރުގެ މާލޭ ލީގަށް ފަހު އައިސަމް ފުރަތަމަ ޑިވިޝަނުން ނުފެނެ އެވެ. ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅުނެވެ.

2017 ވަނަ އަހަރުގެ މާލޭ ލީގުގެ މެޗެއްގެ ތެރެއިން އައިސަމް (ކ) ބޯޅަ ހިފައިގެން.-
އަލުން އޭނާ ފުރަތަމަ ޑިވިޝަނުން ފެނުނީ 2019 ވަނަ އަހަރު އެވެ. އާތީ ޓީސީއާ ހަވާލުވެ، ޓީމު ވަރުގަދަ ކުރަން ކުރި މަސައްކަތުގައި އައިސަމް ގެންނަން ބޭނުންވީ އެއީ ހުނަރު ހުރި ކުޅުންތެރިއަކުކަން 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހުރިއިރު ވެސް ޔަގީންވާތީ އެވެ.
ޓީސީގައި އައިސަމް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ސީނިއާ ގައުމީ ޓީމުން ވެސް ފުރަތަމަ ފުރުސަތު ހޯދީ ޓީސީގައި ދެއްކި ތަފާތުންނެވެ. ގުއާމާ ދެކޮޅަށް ކުޅުނު މެޗުގައި އައިސަމް ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުން ގައުމީ ޓީމުގެ މެދުތެރޭގައި އޭނާ މަގާމު ދަމަހައްޓާނެކަން ޔަގީންވި އެވެ.
ޓީސީ ދޫކޮށް ފަހުން މާޒިޔާ އަށް ބަދަލުވެ އެ ޓީމުގައި ވެސް މޮޅަށް ކުޅެމުން އަންނަ އައިސަމް އަށް ގައުމީ ޓީމުން އޮތް ޖާގައަށް ބަދަލެއް ނާދެ އެވެ.
މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭން ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އައިސަމް ބޭނުންކުރީ ވާތު ބެކަށެވެ. ޓީމުގައި ހުރި އެންމެ ރަނގަޅު މިޑްފީލްޑަރު ވާތު ބެކަށް ލުމުން ގިނަ ބަޔަކަށް އެ ނިންމުން ގޯސްވި އެވެ. އަލުން އައިސަމް މެދުތެރެއަށް ލައިގެން ކުޅެ ފަހު ދެ މެޗުގައި ރާއްޖޭން ކުޅުން ރަނގަޅުކުރި އެވެ.
މާޒިޔާއާ އެކު މިދިޔަ ސީޒަނުގައި ލީގު ކާމިޔާބުކޮށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އައިސަމް މި ފަހަރު ވަނީ ކުޅެފަ އެވެ. މިދިޔަ މަހު މާލޭގައި ކުޅުނު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތަކަށް ބަލާފައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ ކޯޗު (މިހާރު ބަންގްލަދޭޝް ގައުމީ ޓީމާ ހަވާލުވެހުރި) އޮސްކާ ބްރުޒޮން އާއި އޭޓީކޭ މޯހަން ބަގާންގެ ޓްރެއިނަރު އަދި ކުރިން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޓީމުގައި މަސައްކަތްކުރި ޒުވާން ކޯޗު ސްޕެއިނުގެ މެނުއަލް ޕެރޭޒް ވެސް ވަނީ އައިސަމް އަކީ ތަފާތު ކުޅުންތެރިއެއްކަން ފާހަގަކޮށްފަ އެވެ.
"ޓެކްނިކަލީ މޮޅު. ޕާސް ޖަހަނީ އެނގިގެން. ވަރަށް ކޮމްޕޯސް،" ޕެރޭޒް ބުންޏެވެ.
ގައުމީ ކޯޗު އަލީ ސުޒޭން ވެސް ވަނީ އައިސަމްގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، "ޕީއެސްއެމް"ގެ އެކްސްކްލޫސިވް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގައުމީ ޓީމުގައި މި ވަގުތު ހުރި ހުނަރުވެރި ތަފާތު ކުޅުންތެރިންގެ ނަން ފާހަގަކުރެއްވިއިރު، ލިސްޓުގައި ފަހުގެ ކުޅުންތެރިންގެ ތެރެއިން ފާހަގަކުރީ އައިސަމްގެ ނަމެވެ.
ގަތަރު ޓްރެއިނިން ކޭމްޕްގައި ގައުމީ ޓީމުން ކުޅުނު ދެ މެޗުގައި އައިސަމް ވަނީ ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ލުސައިލް އަތުން 4-3 އިން މޮޅުވި މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުނުއިރު، ދެ ވަނަ މެޗުގައި ގަތަރުގެ އާމީ ނެޝަނަލް ޓީމާ ދެކޮޅަށް 1-1 އިން އެއްވަރުވިއިރު އައިސަމް ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ.
މި ވަގުތު އޮތް ގައުމީ ޓީމަށް ތަފާތު ދެއްކޭނެ - އައިސަމް
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ތަށި ދިފާއުކުރުމުގެ އަޒުމުގަ އެވެ. އެ މަސައްކަތަށް ޓާގެޓްކޮށްގެން ނުކުންނައިރު، އައިސަމް ފަދަ ކުޅުންތެރިން މި ފަހަރުގެ ޓީމަށް އިތުރުވެފައި ހުރުމަކީ ޓީމަށް އަންނާނެ އިތުރު ފުރިހަމަ ކަމެކެވެ. ޓީމުގައި އައިސަމްގެ އިތުރުން ވެސް އެހެން ޒުވާން ކުޅުންތެރިން ހިމެނެ އެވެ.

އޭއެފްސީ ކަޕްގައި މިދިޔަ މަހު މޯހަން ބަގާން ކޮޅަށް ގޯލު ޖެހުމަށް ފަހު އައިސަމް އުފާފާޅުކުރަނީ.
"2018 ވަނަ އަހަރު ވެސް ސާފް ޗެމްޕިއަންޝިޕް ނެގިއިރު ތިބީ ހަމަ އެވްރެޖްކޮށް ޒުވާން ކުޅުންތެރިން. ހަމަ މި ފަހަރު ވެސް އެބަތިބި ވަރަށް ޔަންގް އަދި ވަރަށް މޮޅު ކުޅުންތެރިން. އެ ކުޅުންތެރިން ވެސް ހަމަ ޓީމުގައި 2018 ވަނަ އަހަރު ކާމިޔާބު ހޯދި ޓީމުން އެ ދެއްކި ހިތްވަރު މި ފަހަރު މުބާރާތުގައި ދައްކާނެ. ދައްކައިގެން އިރާދަކުރެއްވިއްޔާ ރަނގަޅު ނަތީޖާ ނެރޭނެ،" އައިސަމް "އަދަދު" އަށް ބުންޏެވެ.
ގައުމީ ޓީމުގައި މިހާރު އޮތް ސްކޮޑުގެ ތެރެއިން ގަލޮޅު ދަނޑު ސަޕޯޓަރުން ވަދެގެން ފުރިފައި އޮއްވައި ކުޅެލަން ލިބުނީ މަދު މެޗެކެވެ. ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރާއި 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕް ހޯސްޓްކުރިއިރު ސަޕޯޓަރުން ވަދެގެން ދަނޑު އޮތީ ފުރިފަ އެވެ.
ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ބޭއްވި އުފާފާޅުކުރުމުގައި ވަނީ ހުރިހާ ރަށަކަށް ތަށި ގެންގޮސްފަ އެވެ. އެ ގޮތުން އައިސަމް އުފަން ށ.ފުނަދު އަށް ވެސް ތަށި ގެންދިޔަ އެވެ. އައިސަމް ވަނީ އެ ފަހަރު ތަށްޓާ އެކު ފޮޓޯއެއް ނަަގައިފަ އެވެ. އޭގެ 10 އަހަރު ފަހުން އޭނާ އެ ހުރީ ރާއްޖޭން ދެ ވަނަ ފަހަރަށް އެ ތަށި ހޯދައި ތަށި ދިފާއުކުރަން ނުކުތް ޓީމުގެ މުހިއްމު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު، ގައުމީ ޓީމުގެ ކުޅުންތެރިން އެދެނީ ވީހާ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށެވެ.
"2008 ވަނަ އަހަރު ވެސް ސަޕޯޓަރުންގެ ވަރަށް ބޮޑު އެހީއަކާ އެކު ތަށި ރާއްޖެ ގެނައީ. މި ފަހަރު ވެސް އެ ވަރުގެ ކާމިޔާބެއް ހޯދާނަމަ ސަޕޯޓަރުންގެ އެ ފަދަ ހިތްވަރެއް ބޭނުންވާނެ،" އައިސަމް ބުންޏެވެ.
އައިސަމް އަށް ސަޕޯޓް ދޭން އޭނާގެ ރަށުގެ ގިނަ ޒުވާނުންތަކެއް އިސްވެ ގިނަ ހަރަކާތްތަކެއް އަންނަނީ ރާވަމުންނެވެ. އެ ގޮތުން މިއަދު ހަވީރު ސައިކަލު ބުރެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕްގެ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ 9 ޖަހާއިރު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަކީ ގައުމީ ޓީމަށް ހުރިހާ ގޮތަކުން ވެސް ލިބޭނެ ހިތްވަރެެކެވެ.













