ރާއްޖޭގައި ކުޅުނަސް ނޭޕާލް ޖެހިލުންވާންޖެހޭ ސަބަބެއް ނެތް: ކިރަން

Sep 30, 2021, 3:33 PM
ރާއްޖޭގައި ކުޅުނަސް ނޭޕާލް ޖެހިލުންވާންޖެހޭ ސަބަބެއް ނެތް: ކިރަން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާރޭ ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހުނު ކަމުގައި ވިޔަސް ނޭޕާލުން ޖެހިލުންވާން ޖެހޭ ސަބަބުތަކެއް ނެތް ކަމަށް އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ކިރަން ޝެމްޝޮން ބުނެފި އެވެ.

މުބާރާތުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކިރަން ބުނީ ރާއްޖެ އަށް ހޯމް އެޑްވާންޓޭޖް އޮންނާނެކަން ޔަގީން ކަމަށާއި ގިނަވާނީ ދިވެހި ސަޕޯޓަރުން ކަން ވެސް ދަންނާނެ ކަމަށެވެ. އެކަމަކު, އެއީ ނޭޕާލުން ވިސްނާނެ ކަންތައްތަކެއް ނޫން ކަމަށް ކިރަން ބުންޏެވެ.

"އަހަރެމެންގެ އެބަތިބި ވަރަށް ރަނގަޅު ކުޅުންތެރިން. އަހަރެމެންނަށް ގޯކާލީސް ކިޔަނީ ސަބަބެއް އޮތީމަ. އަހަރެމެންނަށް ތާރީހުގައި ލިޔެވޭފަދަ ކާމިޔާބު ހޯދަން އެނގޭ. އަހަރެމެން ޖެހިލުމެއް ނުވޭ ހޯމާއި އަވޭގައި ކުޅުނަސް ފޯކަސް އަކީ މޮޅެއް. އަހަރެން ރާއްޖެ އަށް އިހުތިރާމް ކުރަން. އެކަމަކު، އެއީ މެޗަށް ނުކުންނައިރު ބަލާނެ ކަމެއް ނޫން. ދަނޑު މަތީގައި މޮޅަކަށް ފައިޓްކުރާނީ،" ނޭޕާލާއި އިންޑިއާ އަދި ރާއްޖޭގެ ލީގުގެ މޮޅު ކީޕަރުގެ މަގާމު ހޯދާފައިވާ ކިރަން ބުންޏެވެ.

މިދިޔަ އަހަރުތަކަށް ބަލާއިރު، ނޭޕާލުން ވަނީ އުމުރުފުރާ މުބާރާތްތަކުގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން މޮޅުވެފަ އެވެ. އެ ގޮތުން 2016 އާއި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި 2016 ވަނަ އަހަރުގެ ބަންގުބަންދު މުބާރާތުގައި ނޭޕާލުން ރާއްޖެ ބަލިކުރި އެވެ. އެކަމަކު، މިހާތަނަށް ސާފްގައި ކުޅުނު އެއްވެސް މެޗަކުން ނޭޕާލަށް ރާއްޖެ ބަލިނުކުރެވެ އެވެ.

ބަންގްލަދޭޝްގެ ނަވަޔުގް ޝްރެސްތާ (ވ) އަތުން ބޯޅަ ހޯދަން ސަމޫހު މަސައްކަތްކުރަނީ.

ކިރަން ބުނީ ތާރީހާއި ހުރިހާ ކަމެއް އޮތީ އެ ޓީމާ ދެކޮޅަށް ނަމަވެސް ރަނގަޅު ނަތީޖާ އަށް ފައިޓްކުރުން ދުލެއް ނުކުރާނެ ކަމަށެވެ.

"އެބަހުރި ފެންވަރު އަހަރެމެންގެ ކިބައިގައި. ޒުވާން ކުުޅުންތެރިންތަކެއް މި ޓީމާ ގުޅިއްޖެ. ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިންގެ ކޮމްބިނޭޝަނެއް މި އޮތީ. މި އަހަރު އަހަރެމެންގެ އަމާޒަކީ ތާރީހީ ކާމިޔާބެއް ހޯދުން. މުބާާރާތުގައި އޮތް ޓީމުތަކުގެ ތެރެއިން ތަށި ނުހޯދައި ފައިނަލެއް ނުކުޅެ އޮތީ އަހަރެމެން. އެކަން ބަދަލުކުރަން ބޭނުން. އެއްވެސް ޓީމަކާ ކުޅެން ޖެހިލުމެއް ނުވޭ،" ކިރަން ބުންޏެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެނބުރި އަންނާނެ އެވެ.

ކިރަން ބުނީ ދަގަނޑޭ އަކީ ރާއްޖޭގެ އިތުރުން ސަރަހައްދުގެ ފުޓްބޯޅައިގެ ވެސް ލެޖެންޑެއް ކަމަށެވެ. އެހެން ނަމަވެސް މި ފަހަރުގެ މުބާރާތުގައި ދަގަނޑޭ އަކީ އެންމެ ގިނަ ލަނޑު ޖަހާނެ ކުޅުންތެރިޔާއޭ ބުނަން ނޭނގޭނެ ކަމަށް ކިރަން ބުންޏެވެ.

"ފޭވަރިޓަކީ އިންޑިއާ، ދެން އެންމެ ވަރުގަދަ ވާނީ ރާއްޖެ"

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ނޭޕާލުން ވަނީ ހަތަރު މެޗު ކުޅެފަ އެވެ. އެއީ މިދިޔަ މަހު ކުރީކޮޅުގައި އިންޑިއާއާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު ދެ މެޗާއި ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން އެ ގައުމުގެ ދެ ވަނަ ޑިވިޝަނުގެ އަލް ބިދާ ސްޕޯޓްސް ކްލަބްގެ އިތުރުން އޮމާނާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.

އިންޑިއާ އާއި ނޭޕާލް ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން އިންޑިއާ އަތުން 2-1 އިން ބަލިވީ އެވެ. ގަތަރުގެ ބިދާ އަތުން 2-0 އިން ނޭޕާލް މޮޅުވި ނަމަވެސް އެންމެ ފަހު މެޗުގައި އޮމާން އަތުން ވަނީ 7-2 އިން ބަލިވެފަ އެވެ.

ނޭޕާލްގެ އެސިސްޓަންޓް ކޯޗު ކިރަން ޝްރެސްތާ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޭޕާލްގެ ކޯޗު ކުވޭތުގެ އަލް މުތައީރީގެ ބަދަލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ އެސިސްޓަންޓް ކޯޗު ކިރަން ޝްރެސްތާ އެވެ. ޝްރެސްތާ ބުނީ މުބާރާތަށް ތައްޔާރުވާން ނޭޕާލުން ރާއްޖެ އަށް ވުރެ ގިނަ މެޗު ކުޅެފައިވުމުގެ ފައިދާ ކުރާނެ ކަމަށެވެ.

"އެ ފައިދާ މި މެޗާއި މުޅި މުބާރާތުގައި ވެސް ކުރާނެ،" ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ޝްރެސްތާ ބުންޏެވެ.

މި ފަހަރުގެ މުބާރާތް ނޭޕާލުން ފަށަން ޖެހުނީ އެންމެ ފަހުގެ ޗެމްޕިއަން، ރާއްޖެއާ ދެކޮޅަށް އެ ޓީމުގެ ހޯމްގައި ކަމަށްވާއިރު، މިއީ ޝްރެސްތާގެ ނަޒަރުގައި ޗެލެންޖެކެވެ. ޝްރެސްތާ ބުނީ ނޭޕާލް އޮތީ މި ޗެލެންޖާ ކެރިގެން ކުރިމަތިލާން ތައްޔާރަށެވެ.

"ޑިފެންޑިން ޗެމްޕިއަނާ ދެކޮޅަށް އެ މީހުންގެ ހޯމްގައި ކުޅުމަކީ އަހަރެމެންނަށް ޗެލެންޖެއް ވިޔަސް މިއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެނީ. އިންޑިއާ އަކީ ފޭވަރިޓުން. ދެ ވަނަ އަށް އެންމެ ރަނގަޅީ ރާއްޖެ. އިންޑިއާ ހަތް ފަހަރު ހޯދައިފި. ރާއްޖޭން ދެ ފަހަރު ހޯދިއިރު އެ މީހުންނަކީ ޑިފެންޑިން ޗެމްޕިއަން،" ޝްރެސްތާ ބުންޏެވެ.

ރާއްޖޭން 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާގައި ހޯސްޓްކުރި ސާފް ޗެމްޕިއަންޝިޕްގައިވަނީ ނޭޕާލް އަތުން 4-1 އިން މޮޅުވެފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ކެޓީ ސެމީ ފައިނަލުގައި ރާއްޖެ އަތުން 3-0 އިން ބަލިވުމުންނެވެ. ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox