ސަރަހައްދުގެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އުރީދޫ ސާފް ޗެމްޕިއަންޝިޕް މާދަމާ ރާއްޖޭގައި ފަށާއިރު، މުބާރާތުގައި ވާދަކުރާ ފަސް ޓީމަށް ވުރެ ރާއްޖެ ތަފާތުވާނެ އެއް ސަބަބެއް އެބައޮތެެވެ. ސައްތަ އިން ސައްތަ އެ ގައުމަކަށް ނިސްބަތްވާ ޓީމަކާ އެކު ނުކުންނާނީ ރާއްޖޭން އެކަންޏެވެ. އެހެން ޓީމުތަކުގައި އެކި ގައުމުތަކަށް ނިސްބަތްވާ ކޯޗުން ތިބިއިރު، ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެ ހުރީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭން އެވެ.
ފަސް ގައުމުގެ މެދުގައި ކުޅޭ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި މާދަމާރޭ ރާއްޖެ ބައްދަލުކުރާނީ ނޭޕާލާ އެވެ. ހަވީރު ކުޅޭ މެޗުގައި ބަންްގްލަދޭޝާއި ލަންކާ ވާދަކުރާނެ އެވެ.
މުބާރާތަށް ނުކުންނައިރު، ރާއްޖޭން މުޅިން ދިވެހި ޓީމަކާއެކީ ނުުކުންނަން ނިންމި ނިންމުމަށް ސުޒޭން ވަނީ މަރުހަބާ ކިޔައިފަ އެވެ. މިހާތަނަށް ފެނުނު މަންޒަރަށް ބަލާއިރު، ގައުމީ ޓީމުގައި ތިބި ހުރިހާ ކޯޗިން ސްޓާފުން ވެސް މުޅިން ދިވެހި ޓީމަކާ އެކީ ކުރިއަށްދާތީ އެކަމާ މެދު ދެކެނީ ވަރަށް ޕޮޒިޓިވްކޮށް ކަން ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް ޕްރޫވް ކޮށްދެން ޖެހިފައި އޮތް އެއްޗެއް މި ގޮތަށް ވެސް މަސައްކަތް ކުރެވިދާނެކަން. އަޅުގަނޑުމެން މި ތަނުގައި މިތިބި ދިވެހި ކޯޗުންގެ އިތުރުން (ޓީމާ ދުރުގައި ތިބި) ބޭރު ދިވެހި ކޯޗުންނަށް ވެސް ކުރިއަށް އޮތްތަނުގައި ވަރަށް ރަނގަޅު ކަމަކަށް ވާނެ މީގެއިން އަޅުގަނޑުމެންނަށް ކާމިޔާބަކާ ހަމައަށް ދެވިއްޖިއްޔާ،" ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ރަސްމީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.
އެއީ ދިވެހި ކޯޗުންނަށް އިތުބާރު ކުރުމުގެ ބައި ކޮންމެ ވެސް ވަރަކަށް ރާއްޖޭގައި ކުޑަކޮށް އޮތީ. އޮތް ދަނޑިވަޅެއްގައި މިކަން ކުރެވިއްޖިއްޔާ އެއީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވާނެ - ސުޒޭން
ސުޒޭން ބުނީ ހަމައެކަނި މުޅި ޓީމު ދިވެހި ވުމުގެ އިތުރުން މުބާރާތުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ރޭވިފައި އޮތީ ވެސް ދިވެހިކޮށް ކަމަށެވެ. އެ ގޮތުން މުބާރާތަށް ހާއްސަކޮށް ރާއްޖޭން ތައްޔާރުކުރި ޖޯޒީ އަކީ ވެސް އެކަމުގެ ހެއްކެއްގެ ގޮތުގައި ސުޒޭން ފާހަގަކުރި އެވެ.
ޓްރެއިނިން ކޭމްޕަށް ކަޅިއެއް، ކެޕްޓަން އަކޫގެ ލީޑަޝިޕަށް ތައުރީފް
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ވަނީ ގަތަރުގައި 16 ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. ޓްރެއިނިން ކޭމްޕަށް ފުރުމުގެ ކުރިން ސުޒޭން ކޮވިޑަށް ޕޮޒިޓިވްވެ، ޖެހުނީ މާލޭގައި މަޑުކުރާށެވެ.
ސުޒޭން ނެތި ޓީމު ލީޑުކުރީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) އެވެ. ސުޒޭން ޓީމާ ގުޅުމަށް ފަހު ތިން ޕްރެކްޓިހެއްކޮށް ވަނީ މެޗެއް ކުޅެފަ އެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ގަަތަރުގެ އާމީ ނެޝަނަލް ޓީމާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ޓްރެއިނިން ކޭމްޕްގެ ފުރަތަމަ މެޗުން އިންމަގެ ކޯޗުކަމުގައި ކުޅުނުއިރު، ރާއްޖޭން ވަނީ ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ ލުސައިލް އެފްސީ އަތުން 4-3 އިން މޮޅުވެފަ އެވެެ.

މާލޭގައި ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ސުޒޭން ގައުމީ ޓީމުގެ ފޭދޫ އިއްބެ (ވ) އަށް ބުނެދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ސުޒޭން ބުނީ ހާލަތުގެ ގޮތުން ހުރިހާ ކަމަކަށް ބަލާއިރު ތައްޔާރީތަކާ މެދު ވަރަށް ހިތްހަަމަ ޖެހޭ ކަމަށެވެ.
"ދަންނަވަން އޮތީ އެންމެ ވާހަކައެއް. އެއީ އަޅުގަނޑުމެންގެ ތައްޔާރީތަކުގައި މިވެނި ކަމެއް މިވެނި ގޮތަކަށް ކުރެވުނު ނަމައޭ ހިތަށް އަރާނެ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުމެން ބޭނުން ހުރިހާ ކަންތައްތަކެއް ވި. ލަންކާއާ ކުޅެން އުޅުނީ ތިން މެޗު ހަމަކޮށްލަން އެކަމަކު، ނުކުޅެވުމަކުން މާ ބޮޑު މައްސަލަތަކެއް ދިމާވެދާނެ ކަމަށް އުއްމީދު ނުކުރަން،" ސުޒޭން ބުންޏެވެ.
"ދެން މި ކޮވިޑް ހާލަތު ތެރޭގައި އެހާ ގިނަ މެޗު ކުޅުން ވެސް ކަންތައްތައް ހުރި ގޮތުން ރަނގަޅެއް ނޫން. މި ދެ މެޗުން ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެއްޖެ ހަގީގަތުގައި،"
ސުޒޭން ބުނީ ގައުމީ ޓީމުގެ ހެޑް ކޯޗުކަމަކީ ޕްރެޝަރަށް ބަލާއިރު ބޮޑު ކަމެއް ކަމަށެވެ. އަދި ގައުމީ ޓީމާ ހަވާލުވާން ހުށަހެޅުން ލިބުނު ހިސާބުން "ކުއްލިއަކަށް ސިއްސައިގެން ގޮސް އެއްބަސްވީކީއެއް ނޫން" ކަމަށާއި މީގެ ހުރި ހާލަތްތަކަށް ވިސްނާފައި ހަމަ މިކަން ކުރެވޭނެ ކަމަށް ބަލައި ޓީމާ ހަވާލުވީ ކަމަށް ސުޒޭން ބުންޏެވެ.
"މިކަން ކުރެވިދާނެ ކަމުގެ އިހުސާސް ކުރެވުނީމަ އެއްބަސްވީ. އޭގެ އެއް ސަބަބަކީ އަކުރަމް އަބްދުލް ގަނީ އަޅުގަނޑުމެންގެ ކެޕްޓަން. އޭނަގެ ލީޑަޝިޕް،" ސުޒޭން ބުންޏެވެ.
މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އިތުރުން މި ސަރަހައްދުގައި އުފެދުނު މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ އެނބުރި އައުން ފެންނާނެ އެވެ. އަކޫ އަތުން ކެޕްޓަން ބޭންޑް ނަގައި ދަގަނޑޭ އަށް ހަވާލުކުރަން އުޅޭ ކަމަށް ބަޔަކަށް ދެކެވުނީ ސުޒޭންގެ ނަޒަރުގައި "ހިޔާލީ ވާހަކަ" އެކެވެ.
"އަޝްފާގު ވެސް އެހާ ބޮޑަކަށް އެހާ ޝައުގުވެރިކަމެއް ނެތް. އަޝްފާގުގެ ހުރިހާ ވިސްނުމެއް ހުރީ ގައުމީ ޓީމަށް މި ފަހަރުގެ މުބާރާތުގައި އޭނަ އަށް ދެވެން އޮތް ހުރިހާ އެއްޗެއް ދޭން. ދެން މި ޓީމުގައި އަކުރަމް ކެޕްޓަަނަކަށް ބަހައްޓަން ޖެހިލުންވާންޖެހޭ ސަބަބެއް ނެތް. އަކްރަމްގެ ފަރާތުން ލީޑަޝިޕް ވެސް ފެނިއްޖެ. އެއާ މެދު ޝައްކު ކުރާނެ އެއްވެސް ކަމެއް ނެތް،" އަކުރަމްއާ އެކު 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި މީގެ ކުރިން މަސައްކަތްކުރި ސުޒޭން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ގަތަރު ޓްރެއިނިން ކޭމްޕް ނިންމާލިއިރު ގައުމީ ޓީމުން އިއުލާނުކުރީ 24 ކުޅުންތެރިންގެ ސްކޮޑެކެވެ. ގަތަރު ޓްރެއިނިން ކޭމްޕްގައި އަނިޔާވި މުހައްމަދު ނާއިމް އާއި އަލީ ހައިޝަމް (ޗުމްޕު) އަށް މުބާާރާތުގައި ނުކުޅެވޭނެކަން އެނގުމުން ދެން ނެގީ މާޒިޔާގެ މޫސާ ޔާމީން (ޔާމްބެ) އެވެ.
ސުޒޭން ބުނީ ޔާމްބެ ނެގީ ޑިފެންސްގެ މަގާމުތަކުގެ އިތުރުން އެހެން މަގާމުތަކަށް ވެސް ކުޅެވޭ ކުޅުންތެރިއަކަށް ވުމުގެ އިތުރުން އެ ކޮމިޓްމަންޓް ވެސް ފެންނާތީ ކަމަށެވެ.
މާދަމާރޭ ރާއްޖޭން ނޭޕާލާ ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުންނައިރު، ނޭޕާލުން ވެސް ވަނީ ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ސާފަށް ތައްޔާރުވާން ނޭޕާލުން ވަނީ އިންޑިއާއާ ދެކޮޅަށް ދެ މެޗާއި ގަތަރުގެ ކްލަބެއް ދެކޮޅަށް އެއް މެޗުގެ އިތުރުން އޮމާނާ ދެކޮޅަށް ކުޅެފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުން އޮމާން އަތުން 7-2 އިން ބަލިވީ އެވެ.
ސުޒޭން ބުނީ އެ ކުޅުނު މެޗުތަކަށް ބަލާއިރު ނޭޕާލަށް އެ ގޮތުން އެޑްވާންޓޭޖެއް އޮތަސް އަމިއްލަ ގައުމުގައި ކުޅޭ ރާއްޖެ އަށް އޮތީ ސަޕޯޓަރުން ގިނަވުމުގެ ހިތްހަމަޖެހުން ކަމަށެވެ.
"ކޮންމެ އަގެއް ދީގެން ނޭޕާލާއި ރާއްޖެ މެޗު ބަލަން ކޮންމެ މީހެއް އައި ކަމުގައި ވިޔަސް އެއީ ރަނގަޅު ނިންމުމެއް ކަމަށް ފެނިގެންދާނީ މި މެޗުން. އެއީ ދެ ޓީމު ވެސް މި އޮތީ ވަރަށް ރަނގަޅު ފޯމެއްގައި،" ސުޒޭން ބުންޏެވެ.
ރާއްޖޭން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވަނީ ސެމީ ފައިނަލްގައި 3-0 އިން ނޭޕާލް ބަލިކޮށްފަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ރާއްޖޭން ވަނީ ނޭޕާލާ ދެކޮޅަށް ހަތް ފަހަރު ކުޅެފަ އެވެ. ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އަނެއް ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. މާދަމާރޭ ނޭޕާލާއި ރާއްޖެ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.













