ގައުމީ ފުޓްބޯޅަ ޓީމުން އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި މި މަހު 11 އިން 26 އަށް ކުރިއަށް ގެންދިޔަ ޓްރެއިނިން ކޭމްޕް ނިންމާލިއިރު، ފަސް ކުޅުންތެރިއަކަށް ލިބުނީ އެންމެ ބޭނުންވި ހަބަރެއް ނޫނެވެ. އެއީ ޓްރެއިނިން ކޭމްޕްގައި ގިނަ ދުވަހު ރަނގަޅަށް، ބުރަކޮށް މަސައްކަތް ކުރުމަށް ފަހު ވެސް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ސްކޮޑުން ފުރުސަތު ނުލިބޭތީ އެވެ. އޭގެ ތެރޭގައި މާޒިޔާގެ ފުލްބެކް މޫސާ ޔާމީން (ޔާމްބެ)، 28, ހިމެނެ އެވެ.
ގަތަރު ޓްރެއިނިން ކޭމްޕް ތެރެއިން މުހައްމަދު ނާއިމް އާއި އަލީ ހައިޝަމް (ޗުމްޕު) އަށް ދިމާވި އަނިޔާގެ ފުރިހަމަ ތަފްސީލެއް ނުލިބޭތީ، ޓީމުން ބާކީކުރަން ޖެހުނު ފަސް ކުޅުންތެރިން ތެރެއިން ކޮންމެ ވެސް ކުއްޖަކަށް ގޮވާލަން ޖެހިދާނެ ކަމަށް ސާފް ޗެމްޕިއަންޝިޕަށް ކަނޑައަޅާފައި ހުރި ގައުމީ ކޯޗު އަލީ ސުޒޭން ވަނީ ބުނެފަ އެވެ. އަދި ކޮންމެ ކުޅުންތެރިއަކު ވެސް އެ ފަދަ ކޯލަކަށް އިޖާބަދޭން ކޯޗު ސުޒޭން އެދުނެވެ. ޗުމްޕު އާއި ނާއިމަށް ނުކުޅެވޭނެތީ ގޮވާލަން ޖެހުނީ ޔާމްބެ އަށެވެ.
"އަސްލު ހުރީ ކޯލެއް އައިސްފިއްޔާ (ގުޅައިފިއްޔާ) ދާގޮތަށް. ޓީމުގައި ނެތީމަ ވެސް އަސްލު ފުރަތަމަ ވެސް ނިންމިން ކިތަންމެ ކުޑަ ފުރުސަތެއް އޮވެގެން ވެސް ބުނެފިއްޔާ ދާން. އެއީ ވަރަށް މަސައްކަތް ކުރެވުނު ހަގީގަތުގައި،" ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ފުރުސަތު ލިބުނުގޮތް ހިއްސާކުރަމުން ޔާމްބެ "އަދަދު" އަށް ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ޔާމްބެ.-- ފޮޓޯ: އަދަދު
އެންމެ ފަހުން ޔާމްބެ އަށް ގައުމީ ޓީމަށް ސްކޮޑުން ފުރުސަތު ލިބުނީ 2015 ވަނަ އަހަރު އެވެ. ޔާމްބެ އަށް އެންމެ ފަހުން ގައުމީ ޓީމުން ގަވާއިދުން ފުރުސަތު ދިނީ ނިއު ޒީލެންޑްގެ ކޯޗު ރިކީ ހާބަޓް ގައުމީ ޓީމާ ހަވާލުވެ ހުރިއިރު އެވެ. ޔާމްބެ އެންމެ ފަހުން ގައުމީ ޖޯޒީގައި ކުޅުނު މެޗަކީ 2015 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
އޭގެ ފަހުން ގައުމީ ސްކޮޑުގައި ހިމެނުނު ކަމުގައި ވިޔަސް ފައިނަލް ސްކޮޑަށް އަރާގޮތެއް ނުވި އެވެ. އެ ގޮތުން 2018 ވަނަ އަހަރު ޕީޓަ ސެގާޓް ގައުމީ ޓީމާ ހަވާލުވެ، ޔާމްބެ އަށް ޕްރެކްޓިހުގައި ބައިވެރިވާން ފުރުސަތު ދިން ނަމަވެސް ދެ ދުވަހެއްގެ ތެރޭގައި އެ ޕްރެކްޓިހުން ވެސް ފަހުން ބާކީވީ އެވެ.
ހަ ވަރަކަށް އަހަރު ތެރޭ ގައުމީ ޓީމުން ޔާމްބެ އަށް ހަގީގަތުގައި ލިބިފައި މި އޮތީ ބޮޑު ފުރުސަތެކެވެ. ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ އއ. ތޮއްޑޫ އަށް އުފަން ޔާމްބެ ދެކޭ ގޮތުގައި މިއީ ފާއިތުވި ސީޒަންތަކާއި ގަތަރު ޓްރެއިނިން ކޭމްޕްގައި ކުރި މަސައްކަތާ ބަލާއިރު ހައްގު ފުރުސަތެކެވެ. ޔާމްބެ ފަރާތުން މިދިޔަ ދެ ސީޒަނެއްގައި ފެނުނު މަންޒަރަށް ބަލާއިރު ވެސް ހަގީގަތުގައި އެކަމާ ދެބަސްވެވެން ނެތެވެ. އެއީ އޭނާ އަކީ ޑިފެންސްގެ ދެ ފަޅިއަށް ކުޅުމުގެ އިތުރުން މެދުތެރެއަށް ވެސް ކުޅެވޭނެ ކުޅުންތެރިއަކަށް ވާތީ އެވެ.
"އަބަދުވެސް މަސައްކަތް ކުރަމުން އައީ ގައުމީ ޓީމަށް ކުޅެލެވޭނެ ފުރުސަތެއް އަލުން ލިބޭތޯ. މި ފަހަރު އެކަން ވެސް މި ދިމާވީ އުއްމީދު ދޫކޮށްނުލައި ހުއްޓައި،" ރާއްޖޭގައި މި ފަހަރު ހޯސްޓްކުރާ ސާފް ޗެމްޕިއަންޝިޕް ސްކޮޑުން ޖާގަ ލިބުމުން ހިތްހަމަ ޖެހިފައިހުރެ ޔާމްބެ ބުންޏެވެ.

ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ޔާމްބެ.-- ފޮޓޯ: އަދަދު
މީގެ އެގާރަ ވަރަކަށް އަހަރު ކުރިން ތޮއްޑޫ ޓީމުން ފުރަތަމަ ޑިވިޝަނުގައި ޅަ އުމުރުގައި ފާހަގަވި ޔާމްބެ މާޒިޔާއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. އޭނާ ވެލެންސިއާ އަށް ކުޅުމާ ގާތަށް ދިޔަ ނަަމަވެސް މާޒިޔާ އަށް ބަދަލުވުމުގެ ކުރިން ކުޅުނީ އޭރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ކްލަބް އޯލްޔޫތުލިންކޭޖް (އޭވައިއެލް) އާއި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓަށެެވެ.
ގައުމީ ޓީމުގައި ޔާމްބެގެ ކެރިއަރަށް ބަލާއިރު، 2012 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ ޓްރޮފީ ކާމިޔާބުކުރި ރާއްޖޭގެ ޒުވާން ޓީމު (23 އަހަރުން ދަށުގެ ޓީމު)ގައި ޔާމްބެ ހިމެނެ އެވެ. އަދި ޔާމްބެ ވަނީ 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން އީސްޓް ޓިމޯ އަތުން 3-2 އިން މޮޅުވި މެޗުގައި ގޯލު ޖަަހައިފަ އެވެ. އެ ފަަހަރު ޔާމްބެ އަށް ފުރުސަތު ދިނީ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ޑްރާގޯ މަމިޗް އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ޔާމްބެ ސީނިއާ ޓީމުގައި ހިމެނިގެން ކުޅޭ މި ފަދަ ފުރަތަމަ މުބާރާތެވެ.













