ލަންޑަން (ސެޕްޓެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ކޮވިޑް-19ގެ ވެކްސިން ދެ ޑޯޒު ފުރިހަމަކުރާ ކުޅުންތެރިންގެ ނިސްބަތް އިތުރުކުރާނަމަ ޕްރިމިއާ ލީގުން އެ ކްލަބްތަކަށް ފައިސާގެ އިނާމް ދޭން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕްރިމިއާ ލީގުން މި ގޮތަށް ނިންމަން ޖެހުނު ސަބަބަކީ އިނގިރޭސި ޕްރިމިއާ ލީގުގެ 20 ކްލަބްގެ ތެރެއިން 13 ކްލަބްގެ ކުޅުންތެރިން ވެކްސިން ދެ ޑޯޒް ފުރިހަމަކުރި ކުޅުންތެރިންގެ ރޭޓް 50 ޕަސެންޓަށް ވުރެ ދަށްވުމުންނެވެ. އެހެންވެ، ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ވަނީ ޕްރިމިއާ ލީގުގެ އިސް އޮފިޝަލުންނާ ވާހަކަ ދައްކައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ޕްރިމިއާ ލީގުން ވަނީ ވެކްސިން ޖަހާ ޓީމުތައް އިތުރުކުރަން ކެމްޕެއިނެއް ފަށަން ނިންމައިފަ އެވެ.
އޭގެ ފެށުމެއްގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ބޯޑުން ވަނީ ކްލަބްތަކަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ކުރިއަށް އޮތް އިންޓަނޭޝަަނަލް ބްރޭކަށް ފަހު ކުޅުންތެރިން އެނބުރި އައުމުން ވެކްސިން ދެ ޑޯޒު ކުޅުންތެރިން ލައްވައި ފުރިހަމަ ކުރަން ކްލަބްތަކުން ބާރު އަޅަން އެދޭ ކަމަށެވެ. އަދި ދެ ޑޯޒް ފުރިހަމަކުރާ ކުޅުންތެރިން ގިނަ ކުރާ ކްލަބްތަކަށް ޕްރިމިއާ ލީގުން ފައިސާގެ އިނާމެއް ދޭނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އެއީ ސީދާ ކިހާވަރެއް ކަމަށް ބަޔާންކޮށްފައި ނުވެ އެވެ.
ޕްރިމިއާ ލީގުގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސި މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ޑޯޒް ވެކްސިން ފުރިހަމަ ކުރި ކުޅުންތެރިން 50 ޕަސެންޓަށް ވުރެން އިތުރަށް ތިބީ ހަމައެކަނި ޕްރިިމިއާ ލީގުގެ ހަތް ޓީމެއް ކަމަށެވެ. އަދި މިއީ ކުރިއަށްދާން ބަލާއިރު އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ޗެމްޕިއަންސް ލީގުގައި މި ހަފްތާގެ މެޗުތަކުގެ ކުރިން ޗެލްސީގެ އެންގޯލޯ ކާންޓޭ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ކޮވިޑް ވެކްސިން ޖެހުން އެއީ އިހުތިޔާރީ ކަމެއްގެ ގޮތުގައި އޮތުން އެއީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދޭ ކަމަށާއި ކުޅުންތެރިންނަކީ ވެސް އެހެން މީހުންނެކޭ އެއްގޮތަށް ވައިރަހުން ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ބައެއްކަން ޔަގީންކުރަން ޖެހޭނެ ކަމަށެވެ.












