އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް 2021 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ކުންފުނިން ސޮއިކޮށްފި އެވެ.
އެލައިޑް އިންޝުއަރެންސް ކުންފުންޏާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހޯމަ ދުވަހު އެކަމަށްޓަކައި ގަލޮޅު ދަނޑުގައި ބޭއްވުނު ހާއްސަ ހަފުލާއެއްގަ އެވެ.
އެފްއޭމްގެ ފަރާތުން، އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެއްބަސްވުމުގައި ސޮއިކުރައްވާފައި ވާއިރު، އެލައިޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒު އެެވެ.
ސާފް ޗެމްޕިއަންޝިޕްގެ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުން އެލައިޑް އިން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންނަށް ހާއްސަ “ގްރޫޕް ޕާސަނަލް އެކްސިޑެންޓް” އިންޝުއަރަންސް ޕްލޭނެއް ތައާރަފުކޮށްފަ އެވެ.

ސާޕް ޗެމްޕިއަންޝިޕްގެ އޮފިޝަލް އިންޝޫރެންސް ޕާޓްނަރުގެ ގޮތުގައި އެލައިޑް އިންޝޫރެންސް ކުންފުނިން ސޮއިކުރުން

މި އިންޝުއަރެންސް ޕެކޭޖުގައި ކުޅުންތެރިންނަށް ދަނޑުމަތީގައި ލިބޭ އަނިޔާތައް އިންޝުއަރެންސް ކޮންދޭނެ އެވެ. އަދި ދަނޑުން ބޭރުގައި ދިމާވާ ކަންކަމަށް ވެސް މި ޕެކޭޖުގެ ދަށުން އިންޝުއަރެންސް ލިބޭނެ އެވެ. މި ޕެކޭޖުގެ ދަށުން އިންޝުއަރެންސް ލިބޭނީ ސާފް ޗެމްޕިއަންޝިޕް ނިމެންދެންނެވެ.
މި މުބާރާތުގެ ސްޕޮންސަރުންގެ ގޮތުގައި އެސްޓީއޯ، ކޮކާކޯލާ އަދި އެމްޑަބްލިއުއެސްސީ އާއި އެކު ވެސް ހޯމަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން 16 ވަނަ ދުވަށް ކުރިއަށް ގެންދާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. މުބާރާތުގެ ބޯލްބޯއީންގެ ކިޓް ޕާޓްނަރަކީ ކެޕްޓަން މޯލްޑިވްސް އެވެ. އަދި ގައުމީ ޓީމުގެ ކިޓް ޕާޓްނަަރަކީ އައިލެންޑް އެޕަރަލްސް އެވެ. ސާފް ޗެމްޕިއަންޝިޕް 2021 ގެ އޮންލައިން އެންޑް ޕީއާރް ޕާޓްނަރަކީ "އަދަދު" އެވެ.











