ގަތަރު ޓްރެއިނިން ކޭމްޕްގެ ތެރެއިން ގައުމީ ޓީމުގެ އަލީ ހައިޝަމް (ޗުމްޕު) އާއި މުހައްމަދު ނާއިމަށް ލިބުނު އަނިޔާއިން ރިކަވާނުވާނެތީ އެ ދެ ކުޅުންތެރިން ބާކީކޮށް، މޫސާ ޔާމީން (ޔާމްބެ) އަލުން ޓީމަށް ނަގައި ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑު ފައިނަަލްކޮށްފި އެވެ.
މި މަހު 11 އިން 26 އަށް ގަތަރުގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕް ނިންމާލިއިރު ގައުމީ ޓީމުން އެކުލަވާލީ 24 ކުޅުންތެރިންގެ ސްކޮޑެކެވެ. އެ ސްކޮޑުގައި ޗުމްޕު އާއި ނާއިމް ހިމެނީ އެ ދެ ކުޅުންތެރިންގެ އަނިޔާގެ ކަންތައްތައް ބެލުމަށް ފަހު ސްކޮޑު އެއްކޮށް ފައިނަލް ކުރާށެވެ.
ދެ ކުޅުންތެރިންގެ އަނިޔާ ކަންތައްތައް އިތުރަށް ދެނެގަންނަން ހެދި އެމްއާރްއައި ރިޕޯޓްތަކުން އެނގުނީ އަނިޔާ ހީކުރި ވަރަށް ވުރެން ސީރިއަސް ކަމެވެ. އެހެންވެ، އެ ދެ ކުޅުންތެރިންގެ ބާކީކޮށް ޓީމުގައި ހިމެނީ ގަތަރު ކޭމްޕްގައި ބައިވެރިވި ޔާމްބެ އެވެ.
އެންމެ ފަހުން ޔާމްބެ އަށް ގައުމީ ޓީމަށް ސްކޮޑުން ފުރުސަތު ލިބުނީ 2015 ވަނަ އަހަރު އެވެ. ޔާމްބެ އަކީ ގައުމީ ޓީމުގެ ޖާގައެއް ހައްގުވި ނަމަވެސް މިދިޔަ އަހަރުތަކުގައި ފުރުސަތު ނުލިބި ހުރި ކުޅުންތެރިއެކެވެ. ޔާމްބެ އަށް އެންމެ ފަހުން ގައުމީ ޓީމުން ފުރުސަތު ދިނީ ނިއު ޒީލެންޑްގެ ކޯޗު ރިކީ ހާބަޓް ގައުމީ ޓީމާ ހަވާލުވެ ހުރިއިރު އެވެ. ފަހުން ގައުމީ ސްކޮޑުގައި ހިމެނުނު ކަމުގައި ވިޔަސް ފައިނަލް ސްކޮޑަށް އަރާގޮތެއްނުވި އެވެ.
މާޒިޔާގައި މިދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔާމްބެ އަކީ ޑިފެންސްގެ ދެ ފަޅިންނާއި މެދުތެރެއަށް ވެސް ކުޅެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ. ކުރިން ނިއު ރޭޑިއަންޓާއި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އަށް ކުޅުނު ޔާމްބެ ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

ނާއިމް (ކ) އާއި ޗުމްޕު: އަނިޔާގެ ސަބަބުން މި ފަހަރުގެ ސާފްގައި ނުފެންނާނެ.
ނާއިމާއި ޗުމްޕު އަށް ލިބުނު އަނިޔާ
ޗުމްޕު އަށް އަނިޔާވެފައިވަނީ މި މަހު 21 ވަނަ ދުވަހު ގަތަރުގެ ލުސައިލް އެފްސީ އަތުން 4-3 އިން މޮޅުވި މެޗުގަ އެވެ. ޗުމްޕު ވަނީ އެ މެޗުގައި ދެ ގޯލު ޖަހައި ޕެނަލްޓީއެއް ހޯދައިދީފަ އެވެ. އެ މެޗުގެ ދެ ވަނަ ހާފްގައި ޗުމްޕުގެ އަނިޔާވީ އުކުޅު ވަޅަށެވެ. ނާއިމަށް އަނިޔާވީ ހޮނިހިރު ދުވަހުގެރޭ ގަތަރުގެ އާމީ ނެޝަނަލް ޓީމާ 1-1 އިން އެއްވަރުވި މެޗުގަ އެވެ. ނާއިމްގެ ފަޔަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނީ ކުޅެން އެރިތާ މާގިނައިރެއް ނުވެ އެވެ.
ގައުމީ ޓީމުގެ ޑޮކްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)، މިއަދު "އަދަދު" އަށް ބުނީ އެމްއާރްއައި ހެދުމަށް ފަހު އެނގުނީ ނާއިމްގެ ކަކުލަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވާނީ އޮޕަރޭޝަނެއް ކޮށްގެން ކަމަށެވެ. ނާއިމަށް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ވަނީ ކަކުލުގެ ސީރިއަސް އަނިޔާއެއް ކުރިމަތިވެފަ އެވެ. އެ އަނިޔާއިން ރިކަވާވެގެން އޭނާ ކުޅުމަށް އެނބުރި އައީ މިދިޔަ ސީޒަނުގަ އެވެ.
މިދިޔަ ޖޫން މަހު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ރަނގަޅަށް ކުޅުނު ޗުމްޕު އަށް މި ފަހަރުގެ ސާފްގެ ފުރުސަތު ގެއްލުނީ އުކުޅު ވަޅަށް ލިބިފައިވާ އަނިޔާ ވަގުތު އޮއްވައި އެއްކޮށް ރަނގަޅުނުވާނެތީ އެވެ. މި މަހު 21 ވަނަ ދުވަހު އަނިޔާވި ފަހުން ޗުމްޕު އަށް ޕްރެކްޓިސް ކުރެވޭ ގޮތެއް ނުވެ އެވެ. އޭނާ އަށް މި އަނިޔާ ކުރިމަތިވީ ރަނގަޅު ފޯމެއްގައި ކުޅެމުން ދަނިކޮށެވެ.
ސާފް ޗެމްޕިއަންޝިޕަށް ފައިނަލް ކުރި 23 ކުޅުންތެރިންގެ ސްކޮޑު:
މުހައްމަދު ފައިސަލް، ނާޖިހު އަލީ (ނާޖީ)، މުހައްމަދު ޝަފީއު (ޗެކް)، އަކުރަމް އަބްދުލް ގަނީ (އަކޫ)، ސަމޫހު އަލީ (ސަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ޝިފާއު (ކުރޯ)، ހައިޝަމް ހަސަން (ބިޑި)، ގާސިމް ސައްމާމް (ސައްމެ)، މޫސާ ޔާމީން (ޔާމްބެ)، އައިޝަމް އިބްރާހިމް، ހުސެއިން ނިހާން (ނިހާޓް)، އަސްހަދު އަލީ (އަޑޭ)، އަލީ ފާސިރު (ސެންޓޭ)، އިސްމާއިލް އީސާ (މެސީ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު އުމެއިރު، ހަސަން ރާއިފް އަހުމަދު (ހަންނަ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.













