ޕެރިސް (ސެޕްޓެމްބަރު 29) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ލިއޮނަލް މެސީގެ ގޯލާ އެކު ޕީއެސްޖީން 2-0 އިން މެންޗެސްޓާ ސިޓީ ބަލިކުރިއިރު، މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ކުޅޭ މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލުން މުބާރާތުގެ ތަށި 13 ފަހަރު ހޯދާފައިވާ ރެއާލް މެޑްރިޑް ދަނޑުގައި އެ ޓީމު އަތުން 2-1 އިން މޮޅުވެއްޖެ އެވެ.
ސިޓީ ކޮޅަށް ޖެހި ގޯލަކީ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއާ ގުޅުނު މެސީ އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މެޗުގެ ދެ ވަނަ ހާފުގައި މެސީ ބޯޅަ ހިފައިގެން ގޮސް ކީލިއަން އެމްބާޕޭ އަށް ދިނުމަށް ފަހު އަނބުރާ އެ ބޯޅަ ހޯދައި ގޯލުގެ މަތީ ކަނަށް ވަނީ އަމާޒުކޮށްލައިފަ އެވެ. މިއީ އިނގިރޭސި ޓީމުތައް ކޮޅަށް ޗެމްޕިއަންސް ލީގުގައި މެސީ ޖެހި 27 ވަަނަ ގޯލެވެ. މި މެޗުގައި ޕީއެސްޖީ އަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ އިދްރީސާ ގާނާ ގޭއި އެވެ.
މިރޭގެ މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ޕީއެސްޖީ އަށް ސިޓީ ބަލިނުކުރެވެ އެވެ. ސިޓީ އަށް ޕީއެސްޖީ ކޮޅަށް ގޯލެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބެނާޑޯ ސިލްވާ އަށެވެ. ހުސްކޮށް ލިބުނު ފުރުސަތުގައި ބެނާޑޯ އަށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާނުލެވުނެވެ.
ޕީއެސްޖީ އާއި ސިޓީގެ މިރޭގެ މެޗަކީ ފުޓްބޯޅަ ތާރީހަށް ބަލާއިރު އެހެން ގޮތަކުން ވެސް ހާއްސަ މެޗެކެވެ. އެއީ ދެ ޓީމުގެ ސްކޮޑުގެ ޖުމްލަ އަގަށް ބަލާއިރު، އެންމެ އަގުބޮޑު ދެ ޓީމުގެ ކުރިމަތިލުމެވެ. ޕީއެސްޖީ ސްކޮޑުގެ އަގަކީ 1.16 ބިލިއަން ޑޮލަރެވެ. ސިޓީގެ ސްކޮޑުގެ އަގަކީ 1.20 ބިލިއަން ޑޮލަރެެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖެސް ވަނީ 2-1 އިން ޖަރުމަނުގެ އާރްބީ ލައިޕްޒިގު ބަލިކޮށްފަ އެވެ.

ޝެރިފްގެ ކުޅުންތެރިން އުފާފާޅުކުރާއިރު، ރެއާލްގެ ބެންޒެމާ ހުއްޓިގެން.
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލްގެ ދަނޑުގައި މޮލްޑޯވާގެ ޝެރިފް މޮޅެއް ހޯދީ ފަހު ވަގުތު ގޯލު ޖަހައިގެންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖެހި ވެސް ޝެރިފް އިންނެވެ. ޝެރިފަށް ލީޑުނަގައިދިނީ ޖަސުރްބެކް ޔަކްޝިބޮއޭވް އެވެ.
މެޗުގެ 65 ވަނަ މިނިޓްގައި ރެއާލަށް ޕެނަލްޓީ އަކުން އެއްވަރުކޮށްދިނީ ކަރިމް ބެންޒެމާ އެވެ. މެޗު ނިމެން އެއް މިނިޓަށް ވެފައި ހުއްޓައި އޭރިއާބޭރުން ޖެހި ޝޮޓަކުން ޝެރިފް މޮޅުވި ގޯލު ޖެހީ ސެބަސްޓިއަން ތިލް އެެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުން އައި ޝެރިފް ވުޖޫދުވީ 1997 ވަަނަ އަހަރު އެވެ. އެ ޓީމުގެ ކުޅުންތެރިންގެ ޖުމްލަ އަގަކީ 13.6 މިލިއަން ޑޮލަރެވެ. މިއީ ރެއާލް ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންގެ މުޅި ސީޒަނަށް ލިބޭ މުސާރަ އަށް ވުރެ ވެސް ކުޑަ އަދަދެކެވެ.
ޗެމްޕިއަންސް ލީގުގެ މި ގްރޫޕްގެ އަނެއް މެޗުން ޔޫކްރެއިންގެ ޝަހުތަރު ޑޮނެކްސް ވަނީ އިޓަލީގެ އިންޓަ މިލާނާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ކުޅުނު ދެ މެޗުން މޮޅުވެގެން ޝެރިފް އޮތީ އެ ގްރޫޕްގެ އެއް ވަނައިގަ އެވެ.
ލިވަޕޫލުން ވަނީ މިރޭ ރަށުންބޭރުގައި 5-1 އިން ޕޯޗުގަލްގެ ޕޯޓޯ ބަލިކޮށްފަ އެވެ. ލިވަޕޫލްގެ ގޯލުތައް ޖެހީ މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ސަޑިއޯ މާނޭ އެވެ. ފިރްމީނޯ ކުޅެން އެރީ ދެ ވަނަ ހާފްގަ އެވެ. ޕޯޓޯގެ ހަމައެކަނި ގޯލު ޖެހީ އީރާންގެ ފޯވާޑް މެހެދީ ތަރޭމީ އެވެ.
މި ގްރޫޕްގެ އަނެއް މެޗުން އޭސީ މިލާން ދަނޑުގައި ކުޅުނު މެޗުން 1-2 އިން އެތުލެޓިކޯ މެޑްރިޑް ވަނީ މޮޅުވެފަ އެވެ. ރަފައެލް ލެއާއޯގެ ގޯލުން މިލާން ލީޑުނަގާފައިވަނިކޮށް އެ ޓީމުގެ ފްރޭންކް ކެސިއޭ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު މެޗުގެ 29 ވަނަ މިނިޓްގައި ރަތް ކާޑެއް ދައްކައިފަ އެވެ.
މިލާނުގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އެތުލެޓިކޯ އިން ނަތީޖާ އަނބުރާލީ މެޗުގެ ފަހު ކޮޅުގަ އެވެ. މެޗުގެ 84 ވަަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން އެތުލެޓިކޯ އަށް އެއްވަރުކޮށްދިންއިރު، އިތުރު ވަގުުތުގެ ހަތް ވަނަ މިނިޓްގައި އެތުލެޓިކޯ މޮޅުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ. ސުއަރޭޒް މި ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.
ޗެމްޕިއަންސް ލީގުގައި ދެން ކުޅުނު ދެ މެޗަށް ބަލާއިރު، އަޔަކްސް އިން ވަނީ 2-0 އިން ބެސިކްޓާސް ބަލިކޮށްފަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން ވަނީ 1-0 އިން ސްޕޯޓިން ލިޒްބަން ބަލިކޮށްފަ އެވެ.












