ދައުލަތުގެ އަސާސީ ހިދުމަތްދޭ، ރައްޔިތުންގެ ހިއްސާއޮންނަ، ދައުލަތުގެ ކުންފުނިތަކުން މައުލޫމާތު ހާމަކޮށް ފޯރުކޮށްދިނުމަށް ދެކޮޅުހަދާ ދެކޮޅުހެދުންތައް ހުއްޓާލާ، މައުލޫމާތު ހޯދުމަށް ކުރިމަތިކުރަމުންދާ ހުރަސްތައް ނައްތާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން މިއަދު ގޮވާލައިފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދުވަހާ ގުޅުވައިގެން، ޓްރާންސްޕޭރަންސީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް ގާތުން އަސާސީ ހިދުމަތްތައް ދިނުމުގައި މައިގަނޑު ދައުރެއް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަތްމަތީގައި އޮތްއިރު، އެ ކުންފުނިތަކުގެ ހާމަކަމާއި ހުޅުވިފައިވާ މިންވަރު އަންގައިދޭ އެއްޗަކީ އާންމު ރައްޔިތުންނަށް މައުލޫމާތު ހޯދާ ލިބިގަތުމަށް ފަސޭހަވެފައިވާ މިންވަރު ކަމަށެވެ.
ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އަދިވެސް އޮތީ ކޮރަޕްޝަނަށް މަގުފަހިކުރާ މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް ކަމަށާއި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށް ނުވަންނަަކަމަށް ބުނެ ދައުލަތުގެ ގިނަ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކަކީ، ރައްޔިތުންނަށް ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ގޮންޖެހުންކަމަށް އެ ބަޔާނުގައި ވަނީ ސިފަކޮށްފަ އެވެ.
އެގޮތުން އެފަދަ ކުންފުނިތަކަކީ، ދައުލަތުން ސީދާ ގޮތުން ނުވަތަ ސަބްސިޑީޒްގެ ގޮތުގައި ފައިސާއާއި ވަސީލަތްތައް ލިބޭ، އަދި ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ މުއައްސަސާތަކެއްކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.

"އެހެންކަމުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަންނަކަމަށް ބުނަމުންދާ ބުނުމަކީ މިޖަމިއްޔާއިން ބަލައިގަންނަ ކަމެއް ނޫނެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ޓްރާންސްޕޭރަންސީން ވަނީ 2019 ވަނަ އަހަރު ބޭއްވުނު މަހާސިންތާއެއްގައި ކުންފުނިތަކުގެ އިސްވެރިން، ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ތަންނުދިނުމަށާއި ކޮރަޕްޝަން އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރާނެކަމަށް އިގުރާރުވި އިގުރާރުވުން ހަނދާންކޮށްދީފަ އެވެ.
އެހެންކަމުން، ދައުލަތުގެ އަސާސީ ހިދުމަތްތައްދޭ، ރައްޔިތުންގެ ހިއްސާއޮންނަ، ރައްޔިތުންގެ ކުންފުނިތަކުން މައުލޫމާތު ހާމަކޮށް ފޯރުކޮށްދިނުމަށް ދެކޮޅުހަދާ ދެކޮޅުހެދުންތައް ހުއްޓާލާ، މައުލޫމާތު ހޯދުމަށް ކުރިމަތިކުރަމުންދާ ހުރަސްތައް ނައްތާލުމަށް ޓްރާންސްޕޭރަންސީން ގޮވާލި އެވެ.
ގާނޫނީ ހުސްކަމެއް
ޓްރާންސްޕޭރަންސީން މިގޮތަށް ގޮވާލާފައިމިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހިމެނޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމާފައިވާ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މައްޗަށް މައުލޫމާތު ދިނުމަށް އަންގާފައިވާ މައްސަލައެއްގައި މައުލޫމާތު ދެވެން ނެތް ކަމަށް އެމްއޭސީއެލްއިން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.
މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ދަށުން އެމްއޭސީއެލްގެ މައްޗަށް އެ ކުންފުނީގެ އިސްވެރިންގެ މުސާރަ ހޯދައި އާންމުކުރަން އެދިފައިވަނީ އާންމު ފަރުދެއްކަމުގައިވާ އައިމަން ލަތީފް އެވެ.
އެމްއޭސީއެލްއަށް ހުށަހެޅި އެދުމާ ގުޅިގެން މިއަދު އެ ކުންފުނިން އައިމަންއަށް ފޮނުވި ސިޓީއެއްގައި ވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އައިކޮމްއިން އެ މައްސަލައިގަ މައުލޫމާތު ދޭންޖެހޭނެކަމަށް ނިންމި ނިންމުމާ ގުޅިގެން، މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދަށުން ދައުލަތުގެ އިދާރާތަކުގެ ތެރެއިން ސަރުކާރުގެ ކުންފުނިތައް ހިމަނާފައިނުވާކަން ފާހަގަކޮށްފަ އެވެ.
އަދި އައިކޮމް އިން ސެޕްޓެމްބަރު 14 ވަނަ ދުވަހު ނިންމި ނިންމުމުގައި ހަވާލާދިން ހައި ކޯޓުގެ ގަޒިއްޔާ ހުކުމުގައި، ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތައް ބަޔާންކޮށްފައިވާއިރު، އެ ހުކުމްގައި ވެސް ސަރުކާރު ކުންފުނިތައް ނުހިމެނޭކަން އެމްއޭސީއެލްއިން ފޮނުވި ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، އެ ގާނޫނުގެ ދަށުން އެދިފައިވާ މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.
ނަމަވެސް، މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރުގެ އިތުރު ކުންފުންޏެއްކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މައްސަލައެއްގައި ހައި ކޯޓުން ވަނީ ދައުލަތުގެ އިދާރާތައް މާނަކުރާ ކުރުމުގައި ދައުލަތުގެ ކުންފުނިތައް ވެސް ހިމެނޭނެކަމަށް ކަނޑައަޅާފަ އެވެ.
އެކަމަކު އެ ހުކުމުގައި ނިންމާފައިވަނީ އެމްޓީސީސީން މައުލޫމާތު ދޭން ނުޖެހޭނެ ކަމަށެވެ.
ހައިކޯޓުގެ އޭގެ ފަހުގެ ހުކުމެއްގައި ކަނޑައެޅީ އައިކޮމްގެ ނިންމުންތައް ހައިކޯޓުގަ އިސްތިއުނާފް ނުކުރެވޭނެ އެވެ. ހައިކޯޓުގެ މި ދެ މައްސަލަ ވެސް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ބަލަން ފަށާނެ އެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވަނީ އޭޖީ އޮފީހުން ގާނޫނު މާނަ ކުރުމުގައި ހުސްތަނެއް އޮތުމުގެ ސަބަބުން ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުން މައުލޫމާތު ހިއްސާ ކުރުމަށް އެދި ފޮނުވާ ހުށަހެޅުންތަކުގައި ވިޔަފާރީގެ ސިއްރުތައް އާއްމުވެ ކުންފުންޏަށް ގެއްލުން ލިބިދާނެ ކަމުގެ ހުއްޖަތު ދައްކައި، މައުލޫމާތު ދޭން ދެކޮޅު ހަދަ އެވެ. އެމްއޭސީއެލްއިން ވެސް އެ މައްސަލައިގައި ދަނީ އެހެން ބުނަމުންނެވެ.












