ވާދަވެރި ކުރިމަތިލުމަކަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި މާލެ ދާއިރާގެ ރައީސް ކަމުގެ ގޮނޑީގައި ފެށުނީއްސުރެ އިންނަވާ އަކްރަމް ކަމާލުއްދީންގެ މައްޗަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ކުރި ހޯދައްވައިފި އެވެ.
އިންތިހާބުގައި ޝިފާ ވާދަކުރައްވަން ނިންމެވުމާއެކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ޝިފާއަށް ތާއީދު އޮތްކަން ސޯޝަލްމީޑިއާގައި ހާމަކުރެއްވި އެވެ. އޭގެތެރޭގައި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
އަކްރަމްގެ މައްޗަށް ޝިފާ ކުރި ހޯދާފައި ވަނީ ބޮޑު ފަރަގަކުންނެވެ.
titledesc
އިންތިހާބުން ބަލިވިކަން ގަބޫލު ކުރައްވައި, އަކްރަމް މިރޭ ވަނީ އޭނާއަށް ސަޕޯޓްކުރި އެންމެނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޝިފާ އާއި އަކްރަމްގެ ކެމްޕެއިން ފާހަގަވެގެން ދިޔައީ, ވަރަށް ވާދަވެރި އަދި ބަހުގެ ހަމަލާތައް ވަރަށް ބޮޑަށް ބަދަލު ކުރި ކެމްޕެއިނަކަށެވެ. ޝިފާ ގަބޫލު ކުރައްވާ ގޮތުގައި, މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގައި އެމްޑީޕީއަށް ނާކާމިޔާބުވީ އަކްރަމްގެ ސަބަބުންނެވެ.
ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބުނުއިރު އެންމެ މުހިންމު މާލޭ މޭޔަރުގެ ގޮނޑި ވެސް ދިޔައީ ޕީޕީއެމްއަށެވެ.
ނަމަވެސް, އަކްރަމް ގަބޫލު ކުރައްވާ ގޮތް ތަފާތެވެ. އަކްރަމް ވިދާޅުވާ ގޮތުން ކައުންސިލް އިންތިހާބުގައި ކެމްޕޭނުން އޭނާ އެކަހެރިކޮށް، ފުރުސަތު ނުދިނުމެވެ.












