މިލާން (ސެޕްޓެމްބަރު 22) - އިޓާލިއަން ލީގުގައި މިރޭ ސްޕެޒިއާ ދަނޑުގައި 3-2 އިން މޮޅުވެ، ޔުވެންޓަސް އިން މި ފަހަރު ލީގުގައި ފުރަތަމަ މޮޅު ހޯދައި ހަމަނޭވައެއް ލައިފި އެވެ.
މި މެޗަށް ނުކުތްއިރު ޔުވެންޓަސް އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. ފުރަތަމަ މޮޅާ އެކު ޔުވެންޓަސް އަށް ފަސް މެޗުން ފަސް ޕޮއިންޓް ލިބުނުއިރު، އެ ޓީމު އޮތީ ލީގުގެ 13 ވަނައިގަ އެވެ.
މިރޭ އިޓާލިއަން ލީގުގައި އޭސީ މިލާނުން ވަނީ 2-0 އިން ވެނެޒިއާ ބަލިކޮށް ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާނާ އެއްވަރުކޮށްފަ އެވެ. އެއް ވަނައިގައި އޮތް އިންޓަ އާއި ދެ ވަނައިގައި އޮތް މިލާނަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ސަމްޑޯރިއާ އަތުން މޮޅުވެގެން ނަޕޯލީ އަށް އެއް ވަނަ އަށް އެރޭނެ އެވެ.
ސްޕެޒިއާ ދަނޑުގައި ޔުވެންޓަސް އިން ލީޑުނެގީ މެޗުގެ 28 ވަނަ މިނިޓްގައި މޮއިސޭ ކީން ޖެހި ގޯލުންނެވެ. އޭނާ މި ގޯލު ޖެހީ އޭރިއާ ރޮނގުކައިރިން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ އަމާޒު ކޮށްލައިގެންނެވެ. އޭގެ ފަސް މިނިޓް ފަހުން ސްޕެޒިއާ އަށް އެއްވަރުކޮށްދިނީ އެމަަނުއަލް ޖިއާޒީ އެވެ. އޭރިއާތެރެއިން ޖިއާޒީ ޖެހި ބޯޅަ ގޯލަށް ވަނީ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ އަތްމަތިން ގޮހެެވެ. ޔުވެންޓަސް އަށް އަލުން ލީޑުނަގައިދޭން ޕައޮލޯ ޑިބާލާ ޖެހި ބޯޅަ ސްޕެޒިއާ ކީޕަރު ޔެރޮއެން ޒުޓް ވަނީ މަތަކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ސްޕެޒިއާ އިން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިފަ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި ސްޕެޒިއާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލު ޖެހީ ޔަނިސް އަންޓީސްޓް އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ އަންޓީސްޓް ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ މެޗުގެ 66 ވަނަ މިނިޓްގައި ފެޑެރީކޯ ޗިއޭސާ އެވެ. އޭރިއާތެރެއިން އަލްވާރޯ މޮރާޓާ ދިން ބޯޅަ ޗިއޭސާ ވަނީ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ. ޔުވެންޓަސް މޮޅުކޮށްދިން ގޯލު ޖެހީ މެޗުގެ 72 ވަނަ މިނިޓްގައި މަތިއަސް ޑި ލިޓް އެވެ. އޭރިއާތެރެއިން ޑި ލިޓް ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ޒުޓް އަތުގައި ޖެހިފަ އެވެ.
ވެެނެޒިއާ ކޮޅަށް މިލާނުގެ ގޯލުތައް ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ބްރާހިމް ޑިއާޒް އާއި ތިއޯ ހެނާންޑޭޒް އެވެ.












