ޓެކުހާ ގުޅޭ ކުށްތައް ހުއްޓުވަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިންޓާޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ ފޮ މޯލްޑިވްސް (އެންސީބީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މީރާ އާއި އެންސީބީގެ އެއްބަސްވުމުގެ ސަބަބުން ޓެކުހާ ގުޅޭ ކުށްތައް ހުއްޓުވުމަށް އެންސީބީގެ އެހީތެރިކަން މީރާއަށް ލިބޭނެ އެވެ. އެގޮތުން ކުށްކުރާ މީހުންނާ ގުޅޭ މައުލޫމާތު އެންސީބީ މެދުވެރިކޮށް މީރާއަށް ލިބޭނެ އެވެ.
މީގެ އިތުރުން ކުށްކުރާ މީހުންގެ ކުށުގެ ރެކޯޑުތައް ދެނެގަނެ އެފަދަ މީހުން ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާނަމަ އެ ކަމުގެ މައުލޫމާތުތައް ހޯދުމަށްވެސް މީރާ އަށް ފަސޭހަ ވާނެ އެވެ.
އަދި ކްރިމިނަލް އޮގަނައިޒޭޝަންތަކުން ގެންގުޅޭ އުކުޅުތައް ދެނެގަތުމުގެ އެހީތެރިކަން މީރާއަށް ލިބޭނެ އެވެ.
މީރާ އާއި އެންސީބީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އަންގާރަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެގޮތުން މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް އެވެ. އަދި އެންސީބީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.











