ޝާހިދުގެ ރިޔާސަތުގެ ފުރަތަމަ ހިތާބުން އުއްމީދުގެ ފަސް ދޯދި

އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު: މަޖިލީހުގެ އާއްމު ބަހުސް ހުޅުއްވައިދެއްވުމަށް ދެއްވި ހިތާބުގެ ތެރެއިން  -- ފޮޓޯ: ޔޫއެން

އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު: މަޖިލީހުގެ އާއްމު ބަހުސް ހުޅުއްވައިދެއްވުމަށް ދެއްވި ހިތާބުގެ ތެރެއިން -- ފޮޓޯ: ޔޫއެން

ދިވެއްސަކު އެންމެ ފުރަތަމަ ފަހަރަށް އދ. ގެ އާއްމު މަޖިލީހުގެ ރިއާސަތާއި ހަވާލުވެ، އެ މަޖިލީހުގެ އާއްމު ބަހުސް ހުޅުއްވައިދެއްވުމަށް ދެއްވި ހިތާބުގައި މިއަދު އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ދުނިޔެއަށް ދެއްވީ އުއްމީދުގެ ފަސް ދޯދިއެއްގެ މެސެޖެކެވެ.

"މާދަމާއަށް އުންމީދީ ތަސައްވުރަކާއެކު، އަޅުގަނޑު މި އަމާޒުކުރަނީ އުންމީދުގެ ފަސް ދޯދިއަކަށް،" ޝާހިދު ވިދާޅުވި އެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް ސީދާ އަމާޒުކޮށް، ޝާހިދު ރިއާސަތުވައި އިންނަވައިގެން ދެއްވި ފުރަަތަމަ ހިތާބުގައި ދުނިޔޭގެ ލީޑަރުންނަށް ގޮވާލެއްވީ އެބޭފުޅުން ތަމްސީލުކުރައްވާ ހަތް ބިލިއަނަށް ވުރެ ގިނަ މީހުންގެ އުއްމީދުތަކާއިގެން ކުރިޔަށް ގޮސް، ތަފާތެއް ދައްކުވައި ދިނުމަށެވެ.

"މައްސަލަތައް މަދެއް ނޫން، ނާޒުކުކަން، ހަމަނުޖެހުން، ކޮވިޑް-19 އާއި މޫސުމަށް އަންނަ ބަދަލުތައް. މިއީ ހުސް ވެސް އަޅުގަނޑުމެންގެ ރައްޔިތުން ރޭގަނޑު ހޭލާ ބައިތިއްބާ މައްސަލަތައް. މިކަންކަމަށް އެ ރައްޔިތުން ކަންބޮޑުވޭ، އަދި ކަންކަން އިތުރަށް ގޯސްވަމުންދާތީ ހާސްވޭ. އެ ރައްޔިތުން ކަންބޮޑުވޭ، އަޅުގަނޑުމެން އެކަށީގެންވާ މަސައްކަތްތަކެއް މިކަންކަން ހައްލުކުރަން ނުކުރާތީ،" ޝާހިދު ވިދާޅުވި އެވެ.

އެ ކަންބޮޑުވުންތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް ވާ ކަމަށް ވިދާޅުވަމުން ޝާހިދު ވަނީ އެކަންކަން ހައްލުކުރަން އިތުރަށް އެތައް އެތައް ކަމެއް ކުރެވެން އެބަ ހުރިކަން އެންމެން ވެސް ގަބޫލުކުރާނޭކަން ވިދާޅުވެފަ އެވެ.

"ކޮވިޑް-19 އަށް ބަލާއިރު، ވެކްސިން އެބަ ހުރި، ހަދަންވީ ގޮތް ވެސް އެނގޭ، ވެކްސިން ފޯރުކޮށްދޭނެ ގާބިލުކަން ވެސް އެބަ ހުރި، މަދު ވަނީ ހަމައެކަނި ސިޔާސީ މަދަދު،" ޝާހިދު ވިދާޅުވި އެވެ.

ކޮވިޑުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުގެ ކަންބޮޑުވުންތަކުގައިވެސް، އިންސާނީ އަސާސީ ބޭނުންތަކުގެ މައްސަލައިގަ ވެސް ކަން ކަން ހުރީ މިހެންކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

އެފަދަ މައްސަލަތައް ހައްލުކޮށް، އަދަށްވުރެ ބާއްޖަވެރި މާދަމާއަކަށްޓަކައި އުންމީދުގެ ފަސް ދޯދިއެއް ހަގީގަތަކަށް ހެދުމަށްޓަކައި، މި އަހަރުގެ އާއްމު މަޖިލީހުގެ އަމާޒު ބެހެއްޓުމަށް ގަސްދުކުރައްވާކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކަމަކަށް، އަޅުގަނޑު މިހުރީ ވެކްސިންގެ ހަމަހަމަކަން ޔަގީންކޮށްދިނުމުގެ ފަހަތުގައި ފުރިހަމައަށް. މުޅި ދުނިޔެ ވެކްސިން ޖެހުވުމަށް! އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، އަޅުގަނޑު ގަސްދުކުރަން ހަމައެކަނި މި މައްސަލައަށް ހާއްސަކޮށް މަތީ ފަންތީގެ ބައްދަލުވުމެއް ބާއްވައި، ސަޕްލައިއާ ރައްކާކުރުން އަދި ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ހައްލުކުރަން މަސައްކަތްކުރުމަށް،" ޝާހިދު ވިދާޅުވި އެވެ.

ދެވަނަ އަމާޒުގެ ގޮތުގައި ޝާހިދު ވިދާޅުވީ ކޮވިޑުގެ ހާލަތުން ދުނިޔެ އެނބުރި ރުޖޫއަވާއިރު، ކުރިޔަށްވުރެ ވަރުގަދަ، ތިމާވެއްޓާއި ރައްޓެހި ބަދަލެއް ގެނައުމަށް މަސައްކަތް ކުރެއްވުމެވެ. އަދި ތިން ވަނަ އަށް އަމާޒު ހިއްޕަވާނީ ކޮވިޑުގެ ސަބަބުން އިސްކަން ނުދެވިފައި އޮތް މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އަނެއްކާ ވެސް އެންމެ އިސްކަމެއް ދީގެން ހައްލުކުރަންކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ ފަރުބަދައިގެ ކޮޅުގައި، ގޯސް މަގުގައި ނޫންކަން، އައިޕީސީސީ ރިޕޯޓާއި އެފަދަ އެހެން ރިޕޯޓްތަކުން އެކަން އެބަ ދައްކުވައިދޭ،" ޝާހިދު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރައްވަން ނިންމަވާފައިވާ މަސައްކަތްތައްވެސް ޝާހިދު ހިއްސާކުރެއްވި އެވެ. އެގޮތުން ކޮޕް-26 އަށް ވާއިރަށް މޫސުމީ ކަންކަމުގައި ގައުމުތަކުން ކާމިޔާބުކުރަން ހިފާ ލަނޑުދަނޑިތަކަށް އަމަލުކުރުމަށް ބާރުއަޅާ އެޖެންޑާއެއް ކަނޑައެޅުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޝާހިދުގެ ހިތާބުގައި ދެން ފާހަގަކުރެއްވި ހަތަރުވަނަ އަމާޒަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ އަމާޒެވެ.

"ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިއުމަން ރައިޓްސް، އެހެން ހުރިހާ އެއްޗަކަށްވުރެ އިސް ކަމެއް ދީގެން ނެގެހެއްޓުން، އަދި ވަކިން ހާއްސަކޮށް ހަމަނުޖެހުމާއި ނުތަނަވަސްކަމުގެ ވަގުތުތަކުގައި، އެއީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

އެންމެ ހާލުގައި ދިރިއުޅޭ، އަދި އެހީ ނުލިބި ތިބި ފަރާތްތަކަށް އެހީއާއި މަދަދު ދޭން އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ."

ޝާހިދުގެ އެންމެ ފަހު އަމާޒުގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އދ. އިތުރަށް ހަރުދަނާކުރަން ކުރާ މަސައްކަތް މަޑުނުޖައްސާ ކުރިއަށް ގެންދެވުމެވެ.

"މިއީ ބާރުގެ ހަމަހަމަކަމާއި ގުޅިފައިވާ ކަމެއް ނޫން، އެކަމަކު އެދެވޭ ގޮތަށް މަސައްކަތްކުރުމާ ގުޅޭ. އދ. ގެ ކޮންމެ ގުނަވަނެއްވެސް އެންމެ ފުރިހަމައަށް މަސައްކަތްކޮށް، އެ ގުނަވަނުގެ މަގުސަދު ހާސިލުކުރެވެން ޖެހޭނެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ ހިތާބު ނިންމަވާލެއްވީ ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ ގައުމެއްގެ އިސްވެރިންނަށް އދ. ގެ އާއްމު މަޖިލީހުގެ ހަދާންތައް އާ ކޮށްދެއްވަމުންނެވެ.

އިންސާނީ ތާރީހުގައި ހިނގައިދިޔަ އެންމެ ބިރުވެރި ކަންކަމުގައިވާ ދެވަނަ ބޮޑު ހަނގުރާމައަށްފަހު، މުޅި ދުނިޔެ ގުޅިގެން ކުރިމަތިވެފައިވާ އެންމެހާ ގޮންޖެހުންތައް ހައްލުކުރަން މަސައްކަތްކުރަން އެއްބަސްވިކަން ގައުމުތަކަށް ޝާހިދު ހަދުމަފުޅު އެރުއްވި އެވެ. އަދި މިއީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ، އެންމެ މުއާސަލާތީ ގުޅުން ރަނގަޅު، މުއްސަނދި، ވަސީލަތްތައް ގިނަ ޒަމާންކަން ވެސް ޝާހިދު މެމްބަރު ގައުމުތަކަށް ހަދުމަފުޅު އެރުއްވި އެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެން ހުއްޓުވޭނެ ހަމައެކަނި އެއްޗަކަށް ހުރީ ހަމަ އަޅުގަނޑުމެން. ރައްޔިތުން އެދޭ އދ. އަކަށް ވުމަށް މަސައްކަތް ކުރަމާ،" ޝާހިދުގެ ހިތާބު ނިންމަވާލައްވަމުން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox