މެޑްރިޑް (ސެޕްޓެމްބަރު 21) - ރެއާލް މެޑްރިޑްގައި އަރަމުން އަންނަ ގިނަ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އެ ޓީމުގައި ދިގު މުއްދަތަކަށް ހުންނަން ބޭނުންވާ ކަމަށް މި ސީޒަނުގައި ރެއާލާ ހަވާލުވި ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
އަންޗެލޮޓީ ވަނީ މީގެ ކުރިން 2013 އިން 2015 އަށް ރެއާލަށް ކޯޗުކޮށްދީފަ އެވެ. މި ސީޒަން ފެއްޓުމުގެ ކުރިން އަންޗެލޮޓީ، ރެއާލަށް ބަދަލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސްޕެނިޝް ލީގުގައި މި ފަހަރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރެއާލް އޮތީ ލީގު ތާވަލުގެ އެއް ވަނައިގަ އެވެ.
ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަންޗެލޮޓީ ބުނީ ރެއާލްގެ މި ވަގުުުުތު އޮތް ސްކޮޑަށް ބަލާއިރު އެ ޓީމުގައި ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އެ ކުޅުންތެރިންނާ އެކު ދިގު މުއްދަތަކަށް މި ކްލަބްގައި މަސައްކަތްކޮށް ކާމިޔާބު ހޯދަން ބޭނުންވާ ކަމަށެވެ.
"މުސްތަގުބަލުގައި ވާނެ ގޮތެއް ބުނަން ނޭނގޭ. އަހަރެން މި ވަގުތު މެޑްރިޑްގައި މި އުޅެނީ ހަނީމޫނެއްގައި. ހަގީގަތަކީ އަހަރެން ބޭނުން މި ކްލަބްގައި ގިނަ އަހަރުތަކެއް ވަންދެން ހުންނަން،" އަންޗެލޮޓީ ބުންޏެވެ.
"އެއީ މި ކްލަބްގައި އެބަތިބި ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިން. އެ ކުޅުންތެރިން ޑިވެލޮޕްކޮށްގެން މި ޓީމަށް ކާމިޔާބު ހޯދައިދޭއިރު ޓީމަށް އިރުޝާދުދޭން ހުންނަ ކޯޗަކީ އަހަންނަށް ވާން ބޭނުން،"
މި ސީޒަން ފެއްޓުމުގެ ކުރިން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. އަންޗެލޮޓީ ދެކޭ ގޮތުގައި މެސީ އާއި ރާމޯސް ލަލީގާ ދޫކޮށްލުމަކީ އެ ކުޅުންތެރިން ތިބި މަގާމަށް ދާން އެހެން ކުޅުންތެރިންނަށް ހުޅުވިގެން ދިޔަ ދޮރެކެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ ވަރުގަދަ އަށް ހިނގާ ބަހުސަކީ ގިނަ ގައުމުތަކަކުން ތާއީދު ކޮށްފައިވާ ކޮންމެ ދެ އަހަރަކުން ފީފާ ވޯލްޑް ކަޕް ބާއްވަން ހުށަހަޅާފައިވާ ޕްރޮޕޯސަލް އެވެ.
އަންޗެލޮޓީ ބުނީ ވޯލްޑް ކަޕްގެ އެ ޕްރޮޕޯސަލް ފާސްވެއްޖެނަމަ ދުނިޔޭގެ ކްލަބް ފުޓްބޯޅަ އަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. އެއީ ކޮންމެ ހަތަރު އަހަރަކުން ބާއްވަމުން އައި ޕްރެޝަރު ބޮޑު މުބާރާތެއް ދެ އަހަރަށް ބަލަކުރުމަކީ ކުޅުންތެރިންނަށް ދެވޭ އިތުރު ލޯޑެއް ކަމަށްވާތީ އެވެ.












