ސާފް ޗެމްޕިއަންޝިޕްގެ ހާއްސަ ފަރިތަކުރުންތަކަކަށް ގަތަރުގެ ދޯހާގައި މިވަގުތު ތިބި ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކޭމްޕާ ގުޅުމަށް އެ ޓީމުގެ ކޯޗު އަލީ ސުޒޭން މިރޭ ރާއްޖެއިން ފުރައިފި އެވެ.
އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަށް ތައްޔާރުވާން ގައުމީ ޓީމު ދޯހާއަށް ފުރިއިރު، ސުޒޭން އަށް ނުދެވުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.
ސާފް ޗެމްޕިއަންޝިޕަކީ ސާކުގެ ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކު ބާއްވާ މުބާރާތެކެވެ. މިފަހަރު މި މުބާރާތުގައި ބައިވެރިވަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް އަދި ސްރީ ލަންކާ އެވެ.
ކޮވިޑުން ސަލާމަތްވެގެން ސުޒޭން މިރޭ ރާއްޖެއިން ފުރިއިރު މާދަމާ ރޭ ރާއްޖެ ގަޑިން 9:00 ޖަހާއިރު ގަތަރުގެ ދެ ވަނަ ޑިވިޝަންގެ ކުލަބަކް ލުސެއިލް އެފްސީއާ ފްރެންޑްލީ މެޗެއް ރާއްޖޭގެ ގައުމީ ޓީމުން އޮތީ ކުޅެން ހަމަޖެހިފަ އެވެ.
އެކަމަކު، ސުޒޭން ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލު ކުރެވޭނީ ދޯހަށް އައިސް ހަދަންޖެހޭ ޕީސީއާރު ޓެސްޓަކުން ނެގެޓިވް ނަތީޖާއެއް ލިބިގެނެވެ. ކޮވިޑް ޖެހި ފަސޭހަވެފައިވާ މީހުން 60 ދުވަހުގެ ތެރޭގައި ދެ ވަނަ ފަހަރަށް ބައްޔަށް ޕޮޒިޓިވްވުމަކީ ނާދިރު ކަމެކެވެ. ގައުމީ ކޯޗަށް ކޮވިޑު ޖެހުނުކަން އެނގުނީ މިމަހުގެ ހަތް ވަނަ ދުވަހެވެ.
ދިވެހިރާއްޖެ ފްރެންޑްލީ ކުޅެން ހަމަޖެހިފައިވާ ލުސެއިލް އެފްސީ މި ވަގުތު އޮތީ ދެ ވަނަ ޑިވިޝަން ޓޭބަލުގެ އަށް ޓީމުގެ ތެރެއިން ކުޅުނު ހަމައެކަނި މެޗުން މޮޅުވެގެން ހަތަރު ވަނައިގަ އެވެ. މިއީ 2019 ވަނަ އަހަރު ގަތަރުގައި ރަޖިސްޓްރީ ކުރި ކުލަބެކެވެ.
ދޯހާގައި ކުރިއަށްގެންދާ ފަރިތަކުރުންތަކަށް، މީގެ ކުރިން ދެ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ރާއްޖޭގެ ގައުމީ ޓީމު ފުރީ ސެޕްޓެމްބަރު 10، ގަ އެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ވެސް ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރި އެވެ.
ފަސް ގައުމުގެ މެދުގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.
ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ.













