މުޖްތަމައުއަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބަތިއްބައި، އެފަދަ މީހުން މޮނިޓާކޮށް އަދި ރީހެބިލިޓޭޓް ކުރުމަށް ގާނޫނީ ގޮތުން ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ނަމަވެސް ތަންފީޒު ކުރުމުގައި ގޮންޖެހުންތައް ހުރި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
މުޖްތަމައުއަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބައިތިއްބައި، އެމީހުން ރީހެބިލިޓޭޓް ކުރުމަށް ޓެރަރިޒަމް ގާނޫނުން ޖާގަ ނުލިބޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ މެއި މަހު ވިދާޅުވުމާ ގުޅިގެން އެކަމުގައި ގާނޫނީ ހުރަހެއް އޮތްތޯ ސާފުކުރުމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަށް މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުން ރިފްއަތު ވަނީ އެކަމަށް މިހާރު ގާނޫނުގައި އޮތް އިޖުރާއަތްތައް ސާފުކޮށް ދެއްވައިފަ އެވެ.
ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި, 2015 ވަނަ ވުޖޫދުކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ތިން ފަހަރެއްގެ މަތިން އިސްލާހުކުރެވިފައިވެ އެވެ.
އެގޮތުން، އެ ގާނޫނަށް 2019 ވަނަ އަހަރުގެ ތެރޭގައި ގެނެވުނު ބޮޑެތި އިސްލާހުތައް ރިފްއަތު ފާހަގަކުރެއްވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުވާ ފަރާތްތަކާއި ބޭރުގެ ހަނގުރާތަކުގައި ބައިވެރިވާ މީހުން، ގާނޫނުގައި ބަޔާންކޮށްފައިވާ ދެ އިޖުރާއަތެއްގެ ދަށުން ބަންދުކޮށް ނޫނީ މޮނިޓާ ކުރެވެ އެވެ.
އެގޮތުން، އެކަށީގެންވާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް މޮނިކޮން އަމުރެއްގެ ދަށުން އެފަދަ ފަރާތްތައް މޮނިޓާ ކުރުމުގެ އިތުރުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓޭނެ ގޮތްތައް ގާނޫނުގައި އެބައޮތް ކަމަށް އޭޖީ ވިދާޅުވި އެވެ.
އޭގެ އިތުރުން ޓެރަރިޒަމް ކުށެއް ސާބިތުވާ ފަރާތްތަކުގެ އިތުރުން ހަނގުރާމަތަކުގައި ބައިވެރިވާ މީހުންނަށް ދައުލަތުން ރީހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވުން ލާޒިމުކުރުމަށް ގާނޫނުން ޖާގަ ލިބޭ ކަމަށް ރިފައަތު ފާހަގަކުރެއްވި އެވެ.
"ޓެރަރިޒަމްގެ ގާނޫނަށް އަމަލުކޮށްފިނަމަ ހައްލު ހޯދޭނެ ކަމެކޭ މިއީ،" އޭޖީ ވިދާޅުވި އެވެ.
އެކަމަކު ގާނޫނު ކިތަންމެ ފުރިހަމައަށް ލިޔުނު ނަމަވެސް، އެ ތަންފީޒު ކުރުމުގައި ގޮންޖެހުންތައް ހުންނަ ކަމަށް ބަންޑާރަ ނައިބު އެއްބަސްވެވަޑައިގެންނެވި އެވެ.
އެހެންކަމުން ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުންނާއި ހޯމް މިނިސްޓްރީއަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ބައްދަލުކޮށް، އެކަން ހައްލުކުރަން ގާނޫނަށް ގެންނަންޖެހޭ އިތުރު އިސްލާހުތައް މިހާރު މަޖިލީހަށް ހުށަހަޅާފައިވާކަން ރިފްއަތު ފާހަގަކުރެއްވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ކީކޭ؟
ހައްދުފަހަނާޅާފައިވާ ވިސްނުމުގެ ތެރެއިން ނުރައްކާތެރި ހަމަލާތައް ދިނުމުގެ ތަމްރީނާއި ގާބިލުކަން ހުރި 1،400 އެއްހާ މީހުން މުޖުތަމައު ތެރޭގައި އުޅެމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، ޓެރަރިޒަމްގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުން ވެސް އެފަދަ މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް ހައްލެއް ހޯދައި ދެވިފައިވާ ނުވާ ކަމަށް އިމްރާން މިދިޔަ މެއި މަހު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގޮއްވައިލި ފަދަ އައިއީޑީ ހެދުމުގެ ގާބިލުކަން ހުރިކަން ފުލުހުންގެ ރިޕޯޓުތަކުން އެނގުނު ނަމަވެސް، އެފަދަ ހަމަލާއެއް ރާވައި ނުވަތަ ހިންގަން ނޫޅޭހާ ހިނދަކު އެ މީހުން ބަންދުގައި ބޭތިއްބޭނެ މަގެއް ގާނޫނުގެ ތެރެއިން ނުލިބޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
މޮނިކޮން އަމުރު ތަންފީޒެއް ނުވޭ
މޮނިކޮން އަމުރެއް މީހެއްގެ މައްޗަށް ނެރުމަށް އެކަށީގެންވާ ތުހުމަތެއް އޮންނަންޖެހޭ ކަމަށް ގާނޫނު ބުނެ އެވެ. އެގޮތުން ޓެރަރިޒަމްގެ ކުށެއް ކުރުމުގައި އަމަލީ ގޮތުން އެ މީހަކު ބައިވެރިވާ ކަމަށް ގަބޫލު ކުރެވުމާއި އެފަދަ ކުށެއް ރާވާ ކަމަށް ނުވަތަ ހިންގާ ކަމަށް ނުވަތަ އެކަމަށް މަގުފަހިކޮށްދޭކަމަށް ނުވަތަ އެކަމަށް އެހީތެރިވެދޭ ކަމަށް މިނިސްޓަރަށް ގަބޫލު ކުރެވޭ ހާލަތްތަކުގައި މޮނިކޮން އަމުރަށް އެދެވޭނެ އެވެ.
އެގޮތަށް އެދުމުން ސަބަބުތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހައިކޯޓަށް އަމުރު ނެރެވިދާނެ އެވެ. އެހެން ނަމަވެސް އެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރުމަށް ގާނޫނުގައި ހުރަހެއް ނެތެވެ. މޮނިކޮން އަމުރަކާ ހިލާފްވުމުގެ އަދަބަކީ 18 މަސްދުވަހަށް ޖަލަށް ލުމެވެ. އަމުރާ ހިލާފުވެގެން މިހާރު ވެސް ބައެއް މީހުންގެ މައްޗަށް ދައުވާ ކުރެ އެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހަރުކަށި ފިކުރުގެ ނުރައްކާ ބޮޑުވެފައިވާއިރު އެ ހަމަލާގައި ބައިވެރިވާ ގިނަ މީހުންނަކީ ވެސް ޓެރަރިޒަމްގެ އެހެން ކުށްތަކުގެ ރިކޯޑް އޮންނަ ބައެކެވެ. އެފަދަ ބަޔަކު މުޖުތަމައުއަށް ދޫވެ، އެހާ ހާމަކަން ބޮޑު ގޮތެއްގައި ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލުމުގެ ފުރުސަތު ލިބުމުން ފުލުހުންނަށް ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.
ހައިކޯޓުން މޮނިކޮން އަމުރުތަކެއް ނެރެފައިވީ ނަމަވެސް، އެ އަމުރުގެ ދަށުން އެމީހުންގެ ފައިގައި ޓެގް އަޅުވާފައެއް ނުވެ އެވެ. އަދި، އަމުރު ތަންފީޒު ކުރުމަށް އެއްވެސް ކަމެއް ނުވެސް ކުރެ އެވެ.
މޮނިކޮން އަމުރު ނެރެފައިވާ މީހުންގެ ފައިގައި ޓެގް އަޅުވާފައި ނުވަނީ މިވަގުތު ފުލުހުންގެ އަތުގައި ޓެގް ނެތުމުން ކަމަށް އެނގިފައިވެ އެވެ.
މޮނިކޮން އަމުރު ތަންފީޒު ކުރަން ބޭނުންވާ ޓެގު ހޯދަން އަންނަ އަހަރު ބަޖެޓުގައި ހިމަނާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.












