ޓިއުރިން (ސެޕްޓެމްބަރު 20) - އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާ 1-1 އިން އެއްވަރުވެ، ޔުވެންޓަސް ލީގުގެ ފުރަތަމަ ހަތަރު މެޗު ނިމުނުއިރު، މޮޅެއް ނުލިބި ރެލިގޭޝަން ޒޯނަށް ވެއްޓިއްޖެ އެވެ.
މެސިމޯ އަލެގްރީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޔުވެންޓަސްގެ ކޯޗުކަމާ އަލުން ހަވާލުވެ، ކުރިމަތިލާން ޖެހިފައި މިވަނީ އެ ކްލަބްގެ ތާރީހުގައި ވޭތުވެދިޔަ 60 އަހަރު ތެރޭގައި ނުކުތް އެންމެ ދަށް ނަތީޖާއާ އެވެ. މިއީ ޔުވެންޓަސް ތާރީހުގައި ލީގުގެ ފުރަތަމަ ހަތަރު މެޗުން މޮޅެއް ނުލިބި ފަށަން ޖެހުނު ހަތަރު ވަނަ ފަހަރެވެ. އެންމެ ފަހުން މި ގޮތަށް ފަށަން ޖެހުނީ 1961-1962 ވަނަ އަހަރުގެ ސީޒަނުގަ އެވެ.
ޔުވެންޓަސް ލީގުގެ 18 ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާ އެކު އެވެ. ކޯޗު އަލެގްރީ ބުނީ މޮޅެއް ނުލިބި ނިންމާލަން ޖެހޭ ކޮންމެ މެޗަކާ އެކު ޓީމަށް އޮތް ޕްރެޝަރު ބޮޑުވާނެ ކަމަށެވެ.
"މެޗުތަކުގައި ޕްރެޝަރުގެ ގޮތުން އަހަންނަށް ވެސް ގޯސްތަކެއް އެބަހެދޭ. މިކަން ރަނގަޅުކުރެވޭނީ ޓީމުގެ އެންމެން އެއް ފޯކަސް އެއްގައި މަސައްކަތް ކޮށްގެން،" އަލެގްރީ ބުންޏެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސް އިން ރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ލީޑުނެގީ ކައުންޓަ އެޓޭކެއްގައި އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. މިިލާނަށް ލިބުނު ކޯނަރެއްގައި ޔުވެންޓަސް އިން މި ގޯލު ޖެހީ އަވަސް ކުޅުންތަކަކާ އެކު މޮރާޓާ އަށް ޕައޮލޯ ޑިބާލާ ދިން ބޯޅައަކުންނެވެ.
ޔުވެންޓަސްގެ ލީޑުފުޅާކުރަން މޮރާޓާ އާއި ޑިބާލާ އަދި އަލެކްސް ސަންޑްރޯ ޖެހި ޝޮޓްތައް މިލާންގެ ކީޕަރު މައިކް މައިގްނަން ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގައި އޭރިއާބޭރުން މިލާނުގެ ސަންޑްރޯ ޓޮނާލީ ވެސް ވަނީ ގޯލެއް ޖެހޭތޯ ގިނަ ޝޮޓްތަކެއް ފޮނުވާލައިފަ އެވެ.
މިލާނުން އެއްވަރުކުރީ މެޗުގެ 75 ވަނަ މިނިޓްގައި އަންޓޭ ރެބިޗް ޖެހި ގޯލުންނެވެ. ޓޮނާލީ ނެގި ކޯނަރަކުން ރެބިޗް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. ތަޖުރިބާކާރު ދެ ފޯވާޑުން ކަމަށްވާ އޮލީވިއޭ ޖިރޫޑާއި ޒްލަޓާން އިބްރަހިމޮވިޗް ނުލައި ކުޅުނު މިލާނަށް މެޗުން މޮޅުވާން ވެސް ފުރުސަތު ލިބުނެވެ.
މެޗުގެ ފަހު ކޮޅުގައި ޔުވެންޓަސްގެ އޭރިއާތެރެއިން މިލާންގެ ޕިއޭޭރޭ ކަލޫލޫ އަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ޔުވެންޓަސް ކީޕަރު ވޮޒްޝިއޭ ޝެޒްނީ ވަނީ މަތަކޮށްފަ އެވެ.
ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ ވަނީ ފުރަތަމަ ފަހަރަށް ލީގުގައި ބަލިވެފަ އެވެ. ހެލަސް ވެރޯނާ ދަނޑުގައި ރޯމާ ބަލިވީ 3-2 އިންނެވެ.












