ޓެރަރިސްޓު ޖަމާއަތް އައިސިސްގެ ދިވެހިރާއްޖޭގެ ލީޑަރު ކަމަށް ދައުލަތުން ތުހުމަތު ކުރާ މުހައްމަދު އަމީންގެ މައްޗަށް އުފުލި ދައުވާތައް ބާތިލްކޮށްފައިވާތީ އޭނާގެ ހަރަކާތްތައް މޮނީޓާ ކުރުމަށް މޮނިކޮން އަމުރެއް ނެރެ ބަންދުން ވީއްލުމަށް ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
ދައުވާ ކުރުމުގެ އިޖުރާއަތުތަކާ ހިލާފުވި ކަމަށް ބުނެ އަމީންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދެ ދައުވާ ހައި ކޯޓުން ބާތިލް ކުރީ ބުރާސްފަތި ދުވަހެވެ. އެކަމަކު ދައުވާތައް ބާތިލް ކުރި ނަމަވެސް ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލާފައެއް ނުވެ އެވެ.
އަމީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އުފުލި ދައުވާގައި ބުނެފައި ވަނީ އައިސިސްގެ ލީޑަރެއްގެ ގޮތުގައި އޭނާގެ ރާއްޖޭގައި ހަރަކާތްތެރިވެ، ހަނގުރާމަ ކުރުމަށް މީހުން ހޯދައި، އެކަކު ހަނގުރާމައަށް ފޮނުވާފައިވާ ކަމަށެވެ.
މީގެ ކުރިން 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ކުޑަ އައިއީޑީ ބޮމެއް ގޮއްވާލުމުގެ ވެސް މާސްޓާމައިންޑު ކަމަށް ތުހުމަތު ކުރާ އަމީންގެ މައްޗަށް ނެރުނު މޮނިކޯން އަމުރުގައި އޭނާ މާލެ ފިޔަވައި އެހެން ތަނެއްގައި އުޅުން ވަނީ މަނާކޮށްފަ އެވެ. އަދި ގެއިން ބޭރަށް ނިކުމެވޭނީ ހެނދުނު 06:00 އިން ފެށިގެން ހަވީރު 06:00 އާ ހަމައަށެވެ.
މޮނިކޮން އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން "މޮނިޓާކޮށް ކޮންޓްރޯލް ކުރުމަށް" ކޯޓުން ނެރޭ އަމުރެކެވެ.

އަމީންގެ މައްޗަށް ކުރި ދައުވާތައް ހައި ކޯޓުން ބާތިލް ކުރީ އޭނާގެ މައްޗަށް ދައުވާތައް އުފުލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ އެވެ. ނަމަވެސް ދައުލަތުން ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ދީފައިވާ ހާއްސަ ހާލަތްތަކުން، އެ ގާނޫނުގެ ދަށުން ދައުވާ އުފުލަން ދީފައިވާ 45 ދުވަހުގެ ތެރޭގައި ކަމަށެވެ.
ހައި ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޕީޖީ ޝަމީމް ވަނީ މިހާރު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ސަލްޓަން ޕާކުގައި ބޮން ގޮއްވާލިފަހުން އަމީން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ. އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. ނަމަވެސް ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކޮށްފައި ވަނީ ސްރީ ލަންކާގެ ސަލާމަތީ ބާރުތަކާއި ދިވެހި ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 2012 ވަނަ އަހަރު ކޮޅުނބުންނެވެ.












