މެޑްރިޑް (ސެޕްޓެމްބަރު 19) - ސްޕެނިޝް ލީގުގައި މިރޭ ފަހަތުން އަރައި 2-1 އިން ވެލެންސިއާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުން އެތުލެޓިކް ބިލްބާއޯއާ ލަނޑެއް ނުޖެހި އެއްވަރުވުމުން މިރޭ ރެއާލަށް މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.
ރެއާލުން ވެލެންސިއާގެ މައްޗަށް ހޯދި މޮޅާ އެކު އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އެތުލެޓިކޯ އަށް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. މިރޭ މޮޅުވެގެން އެއް ވަނަ އަށް އެރެން އޮތް ވެލެންސިއާ ތިން ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ރެއާލް ސޮސިއެޑާޑަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ.
ލީގުގެ 10 ވަނައިގައި ބާސެލޯނާ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. މާދަމާރޭ ބާސެލޯނާ އިން ގްރަނާޑާއާ ކުޅޭނެ އެވެ.
ވެލެންސިއާ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. ހުސްކޮށް އަރައި ޑިފެންޑަރު ގަބްރިއެލް ޕައުލިސްޓާ ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. ވެލެންސިއާ އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ 66 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން މި ގޯލު ޖެހީ ހޫގޯ ޑޫރޯ އެވެ. އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ކުރިން އޭނާ ފޮނުވާލި ބޯޅަތައް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ވެލެންސިއާ އިން ގޯލު ޖެހުމާ އެކު ރެއާލުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ލޫކަސް ވަޒްކޭޒާއި އެޑުއާޑޯ ކަމަވިންގާ، ރޮޑްރީގޯ، ލޫކަ ޔޯވިޗް އަދި އިސްކޯ ކުޅެން އަރުވައި ވެލެންސިއާ ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ.
ރެއާލުން ނަތީޖާ އަނބުރާލީ ފަހު ފަސް މިނިޓްގެ ތެރޭ ގޯލުތައް ޖަހައިގެންނެވެ. ރެއާލަށް އެއްވަރުކޮށްދިނީ މެޗުގެ 86 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. ކަރިމް ބެންޒެމާ ހުސްކޮށްލާފައި ދިން ބޯޅަ އަކުން ވިނީޝިއުސް ޖެހި ޝޮޓް ގޯލަށް ވަނީ ވެލެންސިއާގެ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ. އެ ގޯލު ޖެހިތާ ދެ މިނިޓް ތެރޭ ވިނީޝިއުސް ނެގި ހުރަހަކުން ބެންޒެމާ ވަނީ ގޯލު ޖަހައި ރެއާލް މޮޅުކޮށްދީފަ އެވެ.
ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ރެއާލުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ރެއާލްގެ ކެޕްޓަން ބެންޒެމާ ރަނގަޅު ފޯމެއްގައި ހުރިއިރު، ވިނީޝިއުސް ވެސް އަންނަނީ ދޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފަމުންނެވެ.












