ލަންޑަން (ސެޕްޓެމްބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި އެ ޓީމު އަތުން 3-0 އިން މޮޅުވެ، ޗެލްސީ ލީގުގެ ކުރިއަށް ޖެހިލައިފި އެވެ.
ލީގުގެ އެންމެ ކުރީގައި އޮތީ ލިވަޕޫލާއި ޗެލްސީ އެވެ. ދެ ޓީމަށް ވެސް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެ ޓީމު ވަނީ ހުރިހާ ގޮތަކުން އެއްވަރުވެފަ އެވެ. ތިން ވަަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ފަސް މެޗުން 13 ޕޮއިންޓް ލިބުނުއިރު، އެ ޓީމު އެ މަގާމުގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ޔުނައިޓެޑް ވަނީ މިރޭ ރަށުންބޭރުގައި 2-1 އިން ވެސްޓް ހޭމް ބަލިކޮށްފަ އެވެ.
ޓޮޓެންހަމް އިން ފުރަތަމަ ހާފުގައި ލަނޑު ޖަހަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ޗެލްސީގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ އެ ބޯޅަތައް ހުއްޓުވައިފަ އެވެ. ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ގޯލެއް ޖެހޭތޯ ގިނަ މަަސައްކަތްތަކެއް ކޮށްފަ އެވެ.
މެޗުގައި ޗެލްސީން ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފްގަ އެވެ. ޗެލްސީ އަށް ލީޑުނަގައިދިނީ މެޗުގެ 49 ވަނަ މިނިޓްގައި ތިއާގޯ ސިލްވާ އެވެ. މާކޯސް އަލޮންސޯ ކޯނަރަކުން ނަގައިދިން ބޯޅަ ތިއާގޯ ސިލްވާ ވަނީ ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޗެލްސީގެ މައުންޓް (ކ) ކައިރިން ޓޮޓެންހަމްގެ ކޭން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންގޯލޯ ކާންޓޭ ޗެލްސީގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ.
އޭރިއާބޭރުން ކާންޓޭ ޖެހި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ އެރިކް ޑަޔާ ގައިގައި ޖެހިފައި ގޯލުގެ ދަނޑީގައި ވެސް ޖެހިފަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ޗެލްސީ އަށް މި ހާފުގައި ލިބުނުއިރު، އެ ޓީމުން ތިން ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ޓިމޯ ވާނާ ދިން ބޯޅަ އަކުން އެންޓޯނިއޯ ރުޑިގާ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިއީ މިދިޔަ 10 ވަރަކަށް އަހަރު ތެރޭ ޓޮޓެންހަމް ޖެހިޖެހިގެން ދެ މެޗުން ތިން ގޯލުގެ ތަފާތުން ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ. ޓޮޓެންހަމް އޮތީ ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.
ޗެލްސީން ވަނީ އެންމެ ފަހުން ޓޮޓެންހަމް ދަނޑުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ފުރަތަމަ ހާފު ދިޔައީ ވަރަށް ދަށްކޮށް ކަމަށާއި ދެ ވަނަ ހާފްގައި ކުޅުންތެރިން ނުކުތީ ރޭވި ގޮތަށް ކުޅެގެން ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ.
"މިއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މޮޅެއް. ޓޮޓެންހަމް ދަނޑުގައި މި ގޮތަށް ތިން ޕޮއިންޓް ހޯދޭނީ ވަރަށް މޮޅަށް ކުޅެގެން،" ޓުޗެލް ބުންޏެވެ.
ޓޮޓެންހަމްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ އޭނާގެ ޓީމުގެ ފަރާތުން މުޅި މެޗަށް ބަލާއިރު ނަތީޖާއެއް ނެރެވޭ ވަރުގެ ކުޅުމެއް ނުފެންނަ ކަމަށެވެ. ޖެހިޖެހިގެން ދެ މެޗުން ބޮޑު ތަފާތަކުން ބަލިވުމަކީ ކުރިއަށްދާން ބަލާއިރު، ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް ޓީމާ މެދު އިތުބާރު އެބައޮތް ކަމަށް ނޫނޯ ވަނީ ބުނެފަ އެވެ.












