އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއު ޔޯކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަޑައިގެންފި އެވެ.
ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން ރައީސް ސޯލިހަށް މަރުހާބާ ދެންނެވީ މިއަހަރުގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އާންމު މަޖިލީހުގައި މެމްބަރު ގައުމުތަކުގެ އިސްވެރިންގެ ބަހުސްތައް އޮންނާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ.
އދ. ގެ އިދާރާއިން އާންމުކޮށްފައިވާ ވަގުތީ އެޖެންޑާގައިވާ ގޮތުންނަމަ ރައީސް ސޯލިހު ތަގުރީރުކުރެއްވަން ތާވަލުކުރެވިފައިވަނީ ފުރަތަމަ ދުވަހުގެ ސެޝަންގައި ތިން ވަނަ އަށެވެ. އޭގެ ކުރިއަށް ތިއްބެވީ، ބްރެޒިލް އާއި އެމެރިކާގެ އިސްވެރިންނެވެ.

އާއްމު މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރުކުރައްވާނީ ދިވެހި ބަހުން ކަން "އަދަދު"އަށް ވަނީ އެނގިފަ އެވެ.
މީގެ ކުރިން އެ ޖަލްސާގައި ދިވެހި ބަހުން ތަގުރީރު ކުރެއްވި ރައީސަކީ، 2006 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
މިއީ ރައީސް ސޯލިހު އާންމު މަޖިލީހުގައި ތަގުރީރުކުރައްވާނެ ދެވަނަ ފަހަރެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ތަގުރީރެއް ދެއްވީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހު އޭގެ ޖެހިގެން އައި އަހަރު އެވެ. އެހެންނަމަވެސް އެފަހަރުގެ ތަގުރީރު ދެއްވީ އިނގިރޭސި ބަހުންނެވެ.
އޭގެ ފަހުން ކޮވިޑްގެ ބަލިމަޑުކަމާހެދި އޮންލައިންކޮށް އޮތް މިދިޔަ އަހަރުގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރެއްވީ މިހާރު އެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޝާހިދެވެ.
ރައީސް ސޯލިހު 2019 ވަނަ އަހަރު އދ. ގައި ތަގުރީރުކުރައްވާފައިވަނީ، ރާއްޖޭގެ އެންމެ އިސްވެރިޔާ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުންނެވެ.
އެމަނިކުފާނު 2019 ވަނަ އަހަރު ތަގުރީރުކުރެއްވިއިރު ވެސް، ބައެއް ފަރާތްތަކުން ވަނީ ދިވެހި ބަހުން ތަގުރީރުކުރައްވަން އެދި ގޮވާލައްވާފަ އެވެ.












