ދެކުނު އޭޝިއާ ފުޓްބޯޅަ އަށް ބަލާއިރު، ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އިންޑިއާގެ ސުނިލް ޗެތުރީ އަކީ ފުޓްބޯޅައިގެ ދެ ބްރޭންޑެވެ. މި ދެ ކުޅުންތެރިންގެ ނަން ދުނިޔޭގެ ލަނޑު ލިސްޓުގެ ކުރީގައި ވެސް އޮތީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދަގަނޑޭ އާއި ޗެތުރީއާ ބެހޭގޮތުން ކަންތައްތަކެއް މިނެކިރާލަން ބަލާއިރު، ރަނގަޅަށް ވާހަކަ ދެއްކޭނީ ޔަގީނުން ވެސް ދެ ކުޅުންތެރިންނާ އެކު މަސައްކަތް ކޮށްފައިވާ ކޯޗުންނަށެވެ. މި ދެ ކުޅުންތެރިންނަށް އިރުޝާދުދިނުމުގެ ނަސީބު ލިބުނު ކޯޗަކީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްގެ ކޮންޓްރެކްޓްގައި ހުރެ މި ފަހަރު ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝަށް އިރުޝާދުދޭނެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން އެވެ.
އޮސްކާ ވަނީ ސުނިލް ޗެތުރީ އަށް 2015-2016 ވަނަ އަހަރު މުމްބާއީ ސިޓީގައި ކޯޗުކޮށްދީފަ އެވެ. އަދި ދަގަނޑޭއާ އެކު 2017-2018 ވަނަ އަހަރު ނިއު ރޭޑިއަންޓްގައި މަސައްކަތްކުރި އެވެ.
މިދިޔަ މަހު މާލޭގައި ކުޅުނު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތަކަށް މާލޭގައި ހުރިއިރު، އޮސްކާ ވަނީ ދަގަނޑޭ އާއި ޗެތުރީއާ ބެހޭގޮތުން "އަދަދު" އަށް ހާއްސަ އިންޓަވިއުއެއް ދީފަ އެވެ.
ޗެތުރީ އާއި ދަގަނޑޭ ފަދަ ދެކުނު އޭޝިއާގެ "ލެޖެންޑުންނާ" އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އޮސްކާ ފަހުރުވެރިކަމާ އެކު ފާހަގަކުރާ ކަމެކެވެ.
"އަހަންނަށް މޮޅީ ދަގަނޑޭ"
ދަގަނޑޭ އާއި ޗެތުރީ އަކީ އޮސްކާގެ ނަޒަރުގައި މުޅިން ތަފާތު ދެ ކުޅުންތެރިންނެވެ. ދަގަނޑޭ އަކީ "ބޯން ޓެލެންޓް" އެއްގެ ގޮތުގައި ޑިވެލޮޕްވެގެން އައިސް އާދަޔާހިލާފު ލެވަލެއްގެ ކުޅޭ ހުނަރުވެރި ކުޅުންތެރިއެއް ކަމަށް އޮސްކާ ފާހަގަކުރި އެވެ.
އޮސްކާ ބުނީ ޗެތުރީ އަކީ އަމިއްލަ އަށް މަސައްކަތް ކޮށްގެން އެ ހިސާބަށް ދިޔަ ކުޅުންތެރިއެއް ކަމަށާއި ޗެތުރީގެ ތަފާތަކީ ވެސް އެއީ ކަމަށް ބުނެފަ އެވެ.
އާންމު ގޮތެއްގައި ދަގަނޑޭ ކަހަލަ ޓެކްނިކަލީ މޮޅު ވަރުގަދަ ކުޅުންތެރިންނަކީ އެހެން ބައްރުތަކުން (އާންމުކޮށް ދެކުނު އެމެރިކާ އިން) ފެންނަ ކަހަލަ ކުޅުންތެރިން ކަމަށް އޮސްކާ ބުންޏެވެ. ޓެކްނިކަލީ އާއި ހަށިގަނޑުގައި ހުރި ވަރުގަދަ ކަމަށް ބަލާއިރު ދަގަނޑޭ އަށް ދުނިޔޭގެ ކޮންމެ ލެވަލެއްގައި ވެސް ކުޅެވޭނެ ކަމަށް އޮސްކާ ބުންޏެވެ.
"ދެ ކުޅުންތެރިން އަޅާކިޔާނަމަ އަހަންނަށް މޮޅީ އަޝްފާގު (ދަގަނޑޭ). އޭނާ އަކީ ސާފްގެ އެންމެ މޮޅު ކުޅުންތެރިޔާ. އަޝްފާގްގެ ކެރިއަރަށް މިހާތަނަށް ބަލާނަމަ އަހަންނަށް ސިފަވަނީ ދެކުނު އެމެރިކާގައި އުފެދޭ މޮޅު ކުޅުންތެރިން މަތިން،" އޮސްކާ ބުންޏެވެ.
"ކެރިއަރަށް ފޯކަސް ކޮށްގެން އަޝްފާގު (ދަގަނޑޭ)، އޭނަގެ ޕްރައިމްގައި އެކި ފުރުސަތުތަކުގެ ބޭނުންހިފިނަމަ އޭނާ އަކީ އިތުރަށް ފުރިހަމަވެ ވޯލްޑް ކްލާސް ކުޅުންތެރިއަކަށް ވާނެ. ދުނިޔޭގެ އެންމެ މޮޅެތި ލީގުތަކުގައި ކުޅޭނެ ފެންވަރު އޭނަގެ އެބަހުރި."
ދަގަނޑޭގެ އުމުރުން 18 އަހަރުގައި އޭނާ އަށް ޕޯޗުގަލްގެ ބެންފީކާ އަށް ދިއުމުގެ ފުރުސަތު ލިބުނަސް އެކި ސަބަބާ ހުރެ ނުދެވުނެވެ. ފީފާ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ދަގަނޑޭ ވަނީ ބެންފީކާ އިން ލިބުނީ ބޭނުން ހިފަން ޖެހޭ ފުރުސަތެއް ކަމަށް ބުނެފަ އެވެ.
ޗެތުރީގެ ކެރިއަރާ ބެހޭގޮތުން އޮސްކާ ވާހަކަ ދެއްކީ މިސާލެއް ނަގައިގެންނެވެ. އޮސްކާ ބުނީ ޗެތުރީ އަކީ ސްޕެއިންގެ ލެޖެންޑަރީ ފޯވާޑް ރައުލް ގޮންޒާލޭޒް ފަދަ ކުޅުންތެރިއެއް ކަމަށެވެ. ރައުލް އަކީ ވަކިވަކި ކަންކަމަށް ބަލާއިރު އާދަޔާހިލާފު ނުވި ކަމުގައި ވިޔަސް ޓީމަކަށް ލައިފިއްޔާ ހިފަަހައްޓަން ވަރަށް އުނދަގޫ ކުޅުންތެރިއެއް ކަމަށް އޮސްކާ ބުންޏެވެ. އަދި ޗެތުރީގެ ކިބައިން ވެސް ފެންނަނީ އެ ސިފަތައް ކަމަށް އޮސްކާ ވަނީ ފާހަގަކޮށްފަ އެވެ.
"ސުނިލް (ޗެތުރީ) އެ ހިސާބުގައި އެ ހުރީ އަމިއްލަ މަސައްކަތުން. އޭނަގެ ފިޓްނަސް އާއި ހަށިގަނޑަށް ބަލައިގެން ކެރިއަރަށް ވިސްނައިގެން ނިންމާފައި ހުރި ނިންމުންތަކުން އެ ހިސާބުގައި އެ ހުރީ. ސުނިލްގެ ތަފާތަކީ މެންޓަލިޓީ ރަނގަޅުވެފައި. އިދިކޮޅު ހާފު ތެރޭގައި އޭނަގެ ހަރަކާތްތައް ފެންނާނީ ވަރަށް ވިސްނުންތޫނުކޮށް،" މުމްބާއީ ސިޓީގައި ހޭދަކުރި ސީޒަނުގެ ހަނދާންތައް އާ ކުރަމުން އޮސްކާ ބުންޏެވެ.
ޗެތުރީ އާއި ދަގަނޑޭގެ ކެރިއަރުން ގިނަ ބަޔަކަށް ފިލާވަޅު ނެގޭނެ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.
ދަގަނޑޭ އާއި ޗެތުރީ އަށް މި ސަރަހައްދުގެ ފުޓްބޯޅަ ޑިވެލޮޕްކުރަން އެހީތެރިވެވޭނެ
ދަގަނޑޭގެ އުމުރަކީ 36 އަހަރެވެ. ޗެތުރީ އަށް މި އަހަރު 37 އަހަރު ފުރިއްޖެ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ މި ދެ ކުޅުންތެރިން ސަރަހައްދުގެ ބޮޑު މުބާރާތުގައި ކުޅޭ ފަހު ފަހަރަށް ވުން ވަރަށް ބޮޑަށް އެކަށީގެންވެ އެެވެ.
އޮސްކާ ބުނީ ދަގަނޑޭ އާއި ޗެތުރީ ކުޅުން ހުއްޓާލާ ދުވަހަކުން ސީދާ ކޯޗިން އަށް ދާނެ ކަމަށް ބުނަން އޭނާ އަށް އުނދަގޫ ކަމަށެވެ.
އެކަމަކު، ޔަގީނުން ވެސް އެނގޭ ކަމަކީ ޗެތުރީ އާއި ދަގަނޑޭގެ އެހީތެރިކަމާ އެކު ރާއްޖެ އާއި އިންޑިއާ ފުޓްބޯޅަ ޑިވެލޮޕްކުރަން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަން ކަމަށް އޮސްކާ ބުންޏެވެ.
"މި ދެ ކުޅުންތެރިން މަސައްކަތް ކޮށްގެން މި ސަރަހައްދުގެ ފުޓްބޯޅަ އަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ. ވަރަށް ބުރަ މަސައްކަތުން ދަގަނޑޭ އާއި ޗެތުރީ އެ ދެ ކުޅުންތެރިންގެ މިހާރު ލިބިފައި އޮތް ކޮމާޝަލް އިމޭޖް ހޯދީ. އޭގެ ބޭނުން ހިފައިގެން ފުޓްބޯޅަ ޑިވެލޮޕްކުރުމުގެ ކަންކަމުގައި ގިނަ މަަސައްކަތްތަކެއް ކުރެވޭނެ. ފުޓްބޯޅައިގެ އަންނަން އޮތް ޖީލުތަކަށް ހާއްސަކޮށް ގްރާސްރޫޓް ލެވަލް ރަނގަޅުކުރަން ދަގަނޑޭ އާއި ޗެތުރީ ފަދަ ކުޅުންތެރިންގެ ބައިވެރިވުން މުހިއްމު،" އޮސްކާ ބުންޏެވެ.
އޮސްކާ ދެކޭގޮތުގައި ދެކުނު އޭޝިއާގެ ގިނަ ގައުމުތަކުގައި ފުޓްބޯޅަ ކުރިއަރުވަން ބަލާއިރު، ދިމާވާ ގޮންޖެހުމަކީ ގްރާސްރޫޓް ލެވަލަށް ދޭ އަހައްމިއްޔަތު ކުޑަވުމާއި ފުޓްބޯޅަ އަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ވިސްނައިދޭން ކުރަން ޖެހޭ މަސައްކަތް ނުކުރެވުމެެވެ. އެ ފަދަ ކަންކަން ކުރެވޭނީ ފުޓްބޯޅައިން ގިނަ ކަންކަން ހާސިލްކޮށްފައިވާ މަޝްހޫރު ތަރިންނަށް ކަމަށް އޮސްކާ ގަބޫލުކުރެ އެވެ.
މުސްތަގުބަލުގައި ދަގަނޑޭ އާއި ޗެތުރީ އެ ފަދަ ރޯލުތަކުން ފެނުމަކީ އޮސްކާ އެންމެ އެދޭނެ ކަންތައް ކަަމަށް އޭނާ ވަނީ ބުނެފަ އެވެ.













